ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ޗައިނާއިން ގެނައި ހަތް ދިވެހިންވެސް ވައިރަހަށް ނެގެޓިވް

ޗައިނާއިން ފެތުރެން ފެށި ނުރައްކާތެރި ކޮނޯރާ ވައިރަހާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާއަށް ގެނައި ހަތް ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށާ އެމީހުންގެ ގައިން ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް އައިސްފައިވަނީ އެއާ އިންޑިއާގެގެ ހާއްސަ ފްލައިޓެއްގައި މިމަހުގެ ދެވަނަ ދުވަހުއެވެ. މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ.

އިންޑިއާގައި މިވަގުތު ހުންނެވި މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިއާއަށް ގެނެވުނު ހަތް ދިވެހިންވެސް ކޮރޯނާއަށް ޓެސްޓް ކުރެވުނު ކަމަށާ ނަމަވެސް އެންމެންގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ. އަދި އިންޑިއާގެ ކަަމާބެހޭ އިދާރާތަކުން ދިވެހިންނާމެދު ބަހައްޓާ ގާތް ކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާގައި ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އެ ގައުމުގައި އަދިވެސް 43 ދިވެހިން އެބަތިބިކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިމަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިހާރުވެސް ޗައިނާގައި 43 ދިވެހިން އެބަތިބި ކަމަށާ އެ މީހުންގެ ހާލު ބަލަމުން ގެންދާ ކަމަށެވެ. އަދި އެ މީހުންނަށް ރާއްޖެ އާދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް މޯލްޑިވިއަންއިން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވުހާންގައި ތިބި ދިވެހިންގެ އިތުރުން އެހެން ސިޓީތަކުގަިއ ތިބި ދިވެހިންނަށް މޯލްޑިވިއަންގެ ފްލައިޓްގައި ރާއްޖެ އާދެވޭނެ އިންތިޒާމް ހަމަޖައްސާ، ރަޖިސްޓްރީވުމަށް ހުޅުވާލުމުން ރަޖިސްޓަރީ ކޮށްފައިވަނީ އެންމެ ދެ މީހުން ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެކަކު މިހާރު ޗައިނާއިން އަންނަން ބޭނުން ނުވާކަން އަންގާފައިވާ ކަމަށާ އެހެން ކަމުން ސަރުކާރުން ހިލޭ ދިން ފުރުސަތުގައި ރާއްޖެ އަންނަން އެދުނީ އެންމެ ދިވެއްސެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާގެ އިތުރުން ގިނަ ގައުމުތަކަކުން މިހާރު ވަނީ މި ބަލީގެ މީހުން ފެނިފައެވެ. އޭގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ. އިންޑިއާގެ ކެރަލާ ސްޓޭޓުގައި ނޮވެލް ކޮރޯނާ ވައިރަހަށް ތިން މީހަކު ޕޮޒިޓިވްވުމާއެކު، އެ ސްޓޭޓުން ވަނީ "ސްޓޭޓް އޮފް ކެލެމިޓީ" އިއުލާން ކޮށްފައި ކަމަށެވެ. އެހެން ކަމުން އެ ހާލަތު ދެމިއޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

"އަދި މި ވަގުތު އިންޑިއާގެ އެކި ސްޓޭޓުތަކުގައާއި ވަކިން ޚާއްސަކޮށް ކެރަލާ ސްޓޭޓުގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން މި މިނިސްޓްރީ ނުވަތަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރަން."

މީގެ އިތުރުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.