ޕީޕީއެމް

ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓްލުން ކުރިއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވޯޓްލާން ފަށައިފި އެވެ.

ޕީޕީއެމުން ބުނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކުރިއަށްދާ ކަމަށެވެ. ވޯޓްލުން ފެށިފައިވަނީ މެންދުރު ފަހު 14:30 ގައެވެ. ވޯޓްލުން އިރުއޮއްސި 18:00 ހަމައަށް ކުރިއަށްދާނެ އެވެ.

ޕްރައިމަރީގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި 1146 މީހަކު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު، އޭގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ހަމަ އެ ދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާއިރު، އެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.