ރިޕޯޓް

ދިރިއުޅުމާއި ހިދުމަތް މާލޭގައި ވޯޓްލާން ރަށަށް!

ވަރަށް ގިނަ މީހުން މިހެން ބުނެ އެވެ؛ އޭނާ ކުޑައިރުން ފެށިގެން ދިރިއުޅެމުން އަންނަނީ މާލޭގަ އެވެ. މަންމަވެސް ބައްޕަވެސް އާއިލާވެސް މާލޭގަ އެވެ. ދެކެފަރިތަ އައީ ވެސް މާލޭގެ ތަންތަނާއި މާލޭގެ މީހުނާއި މާލޭގައި ހިނގާ ކަންކަމެވެ. ވަޒީފާ އަދާކޮށް ހިދުމަތްތައް ހޯދަނީ ވެސް މާލެއިންނެވެ. އެކަމު ވޯޓު ލާންވުމުން ދާން ޖެހެނީ ބައްޕަގެ ރަށް ހިމެނޭ ދައިރާއަށް، ރަށަށެވެ.

"ރަށަށް ދެވެނީ ހާލަކުން ފަހަރަކު، އެ ރަށުގެ މީހުނެއް ވެސް ނޭނގެ ރަނގަޅަކަށް. އެ ދާއިރާއިން އަހަރެން ހިދުމަތެއް ވެސް ނުހޯދަން، އެކަމަކު ވޯޓަށް ރަށަށް އެގޮތް ހަމަޖެހޭތަ؟"

މާލޭގައި ދިރިއުޅެމުން އަންނަ އެފަދަ އެހެން ޒުވާނެއްގެ ވާހަކަ އެވެ. އޭނާ ބުނާ ގޮތުން ކުޑައިރުއްސުރެން ފެށިގެން އޭނާ އުޅެނީ މާލޭގަ އެވެ. ކިޔަވައި ނިމި ވަޒީފާ ވެސް އަދާ ކުރަނީ މާލޭގަ އެވެ. މާލޭގެ ރަށްވެހިންނެކޭ އެއް ގޮތަކަށް އޭނާ ވެސް މާލެއިން ހިދުމަތްތައް ހޯދަ އެވެ. މުނިސިޕަލް އަދި ރަށްވެހިކަމާ ގުޅުން ހުރި ހިދުމަތްތައް ވެސް ހޯދަ އެވެ. އެކަމަކު ދިރިއުޅެ ހިދުމަތް ހޯދާ ރަށުގެ ހިންގުމަށް ގެންނަނަ އެންމެ ބޮޑު ނިންމުމުގައި އޭނާއަށް ބައިވެރިވެވޭ ކަށް ނެތެވެ.

މާލެ ސިޓީގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ އާބާދީއަކީ ވަރަށް ބޮޑު އާބާދީއެކެވެ. އަދި މި ސަރަހައްދުގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނާއެކު، މާލެއިން މުނިސިޕަލް ހިދުމަތްތައް ހޯދާ މީހުންގެ އަދަދު މާމައްޗަށް އަރައިގެން ދެއެވެ.

މާލެއަށް އިންތިހާބު ކުރާ ސިޓީ ކައުންސިލަކުން ފޯރުކޮށްދޭ ހިދުމަތްތައް މި އެންމެން ވެސް ހޯދާނެ އެވެ. އެ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު އެއިން ކޮންމެ މީހަކަށް ސީދާ ގޮތުން ކުރާނެ އެވެ.

ނަމަވެސް ރާއްޖޭގައި ލޯކަލް ކައުންސިލްތައް އިންތިހާބު ކުރަން އޮންނަ އުސޫލު މި އޮންނަ ގޮތުން، އެ ސަރަހައްދެއްގެ ދިރިއުޅެ، މުނިސިޕަލް ހިދުމަތްތައް ހޯދާ ކޮންމެ މީހަކަށް އެ ތަނެއްގެ ކައުންސިލް އިންތިހާބު ކުރުމުގައި ބަހެއް ނުބުނެވެ އެވެ. އެ ތަނެއްގައި އުޅޭ އެހެން ރަށްވެހިންނެކޭ އެއްގޮތަށް، ވަޒީފާ އަދާ ކުރަމުން އެ ތަނަކުން ހިދުމަތްތައް ހޯދިޔަސް، އެހެން ތަނެއްގައި ރަޖިސްޓްރީ އޮތް ނަމަ، ވޯޓު ލާން ޖެހެނީ އެ މީހަކު ރަޖިސްޓްރީ ވެފައި އޮންނަ ތަނަކަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ބާއްވާ ހަތަރުވަނަ ކައުންސިލް އިންތިހާބެވެ. ކައުންސިލް އިންތިހާބު ބޯމަތިވާ ކޮންމެ ފަހަރަކު މި މައުލޫގެ ބަހުސްވެސް އަލުން ފެށެ އެވެ.
އެހެން ފަހަރުތަކެކޭ އެއް ގޮތަށް މި ފަހަރު ވެސް ކައުންސިލް އިންތިހާބާ ދިމާކޮށް ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ. އެކަމަކު މި ފަހަރު ވެސް ކައުންސިލް އިންތިހާބުގެ ވޯޓުލާ މި އުސޫލަށް ބަދަލެއް ނާދެ އެވެ.

މިއީ ދިރިއުޅުން އޮންނަ ގޮތުން، ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި އުޅޭ މީހުންގެ ޝަކުވާ އެކެވެ. ހާއްސަކޮށް މާލެއަށް މިހާރު ދިރިއުޅުން ބަދަލުކޮށް މި ސަރަހައްދުގައި ވަޒީފާ އަދާކޮށް ހިދުމަތްތައް ހޯދާ މީހުން ޝަކުވާއެކެވެ. އެފަދަ މީހުން ބުނާ ގޮތުން ހިދުމަތް ހޯދަނީ ރަޖިސްޓްރީ އޮތް ރަށަކުން ނޫނެވެ. ރަށުން ކޮންމެ މީހަކު ހޮވުނަސް އެ މީހާ ދިރިއުޅުމަށް އަންނާނެ ބަދަލެއްވެސް ކުރާނެ އަސަރެއް ވެސް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ނައިބު މުގައްރިރު އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ދެކެވަޑައިގަންނަވާ ގޮތުގައި ކައުންސިލް އިންތިހާބުތަކަށް އެންމެ ރަނގަޅު އުސޫލަކީ އެ ކައުންސިލެއްގެ ސަރަހައްދެއްގައި ނޫނީ ރަށެެއްގައި ދިރިއުޅޭ ބަޔަކު އެ ކައުންސިލަކަށް ވޯޓު ލުމެވެ.

އިންތިހާބު ކުރާ ކައުންސިލަކުން ކުރާ މަސައްކަތްތަކާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މަންފާ ހޯދާނީ އެ ތަނެއްގައި އުޅޭ ބައެކެވެ. އެ ކައުންސިލްގެ ނިންމުންތަކުގެ އަސަރު އެ ތަނެއްގައި އުޅޭ ކޮންމެ މީހަކަށް ފޯރާނެ އެވެ.

ވައްޑޭ ވިދާޅުވާ ގޮތުގައި މާލޭގެ ސިޓީ ކައުންސިލުން ދޭނެ ޕާކިން ޒޯނާއި ރަށްވެހި ކަމާ ގުޅޭ އެހެނިހެން ހިދުމަތްތައް ވެސް ދޭނީ ހަމައެކަނި މާލޭގައި ރަޖިސްޓްރީވެފައިވާ މީހުނަށް އެކަންޏެއް ނޫނެވެ. މާލޭގައި ބޮޑު އާބާދީއެއްގެ މީހުން ދިރިއުޅޭއިރު، މާލެ ތަރައްގީކޮށް ކައުންސިލުން ހިދުމަތްތައް ދޭނީ މާލޭގެ ރަޖިސްޓަރީއަށް ބަލައިގެނެއް ވެސް ނޫނެވެ.

"އެހެންކަމުން މާލޭގެ ސިޓީ ކައުންސިލް އިންތިހާބު ކުރުމުގައި، މާލެއަށް ހިޖުރަކޮށް ދިރިއުޅޭ ކޮންމެ މީހަކަށް ވެސް އެކަމަށް ބަސް ބުނުމުގެ ފުރުސަތު އޮންނަން ވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު ވަރަށް ތަފާތު

އެހެން ގައުމުތަކުގައި ވެސް ކައުންސިލް އިންތިހާބުތަކުގައި ވޯޓު ލަނީ އެ ކައުންސިލެއްގެ ހިމެނޭ ދާއިރާގެ ސަރަހައްދުތަކުގެ ދިރިއުޅޭ މީހުންނެވެ. ބައެއް ގައުމުތަކުގައި، ވަކި މުއްދަތަކަށް ވުރެ ގިނަ ދުވަހު އެ ތަނެއްގައި އުޅޭ އެހެން ގައުމުތަކުގެ މީހުނަށް ވެސް ކައުންސިލް އިންތިހާބުގައި ވޯޓު ލެވެ އެވެ. ކުރިމަތިލުމުގެ ހައްގު ވެސް އޮވެ އެވެ. ބޭނުމަކީ، އެ ތަނެއްގެ މުނިސިޕަލް ހިދުމަތް ހޯދައިގެން ދިރިއުޅޭ އެންމެން ވެސް އެ ބޮޑު ނިންމުން ނިންމުމުގައި ބައިވެރި ވުމެވެ.

އެހެން ކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި ރަޖިސްޓްރީ ވެފައިވާ ރަށަށް ވޯޓު ދޭން ޖެހޭ ގޮތުގެ އުސޫލަކަށް ބައްޓަން ކުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ އަދި މިހާތަނަށް އެ އުސޫލަށް ބަދަލު ނުގެނެސް ބާއްވާފައި ވަނީ ކީއްވެ ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި އަމަލު ކުރަން އެންމެ ރަނގަޅު ޕްރެކްޓިހަކީ އެ ރަށެއް އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުން އެ ކައުންސިލެއް އިންތިހާބު ކުރުމެވެ. އެގޮތް ރަނގަޅު ނަމަވެސް އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ހާލަތު ތަފާތުވެ އެވެ. އެހެން ގައުމުތަކުގައި މީހުން ދިރިއުޅުން ބަދަލުކޮށްފައިވާ ހާލަތްތަކާއި، ރާއްޖޭގައި ހިޖުރަވެގެން އުޅޭ ހާލަތު ތަފާތެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ ވެރިރަށް މާލޭގަ އެވެ. ނިޔާޒު ފާހަގަ ކުރައްވާ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް އާއިލާއެއް ވެރިރަށް މާލެއަށް ބަދަލު ވެގެން އުޅެނީ މަޖުބޫރީ ހާލަތެއްގަ އެވެ. ރަށުން އަދި އަތޮޅުުން ވެސް ލިބެން ޖެހޭ އެންމެ އަސާސީ ބޭނުންތަކާއި ހިދުމަތްތައް ނުލިބޭތީ އެވެ. އާއިލީ ސަބަބުތަކަށްވުރެ ބޮޑަށް ހިދުމަތްތައް ރަށުން ލިބެން ނެތިގެން، ހިޖުރަކޮށްފައިވާ އާއިލާތައް ގިނަ އެވެ.

ވައްޑޭ ވެސް އެކަން ފާހަގަ ކުރައްވަ އެވެ؛ ރާއްޖޭގައި ހިޖުރަ ކުރުމުގެ ސަގާފަތް މިހާތަނަށް މި އޮތް ގޮތުން ވެރިރަށް މާލޭގައި ދިރިއުޅޭ އާބާދީ އެތައް ގުނައެއް ބޮޑުއިރު، ރާއްޖޭގެ އަތޮޅުތަކުގެ ގިނަ ރަށްތަކުގެ އާބަދީ ވަރަށް ކުޑަ އެވެ. ބައެއް ރަށްތަކުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އާބާދީގައި 500 މީހުން ވެސް ހަމައެއް ނުވެ އެވެ. އަދި އެއިން ރަށެއްގައި އުޅެމުންދާ އާބާދީ އެއަށްވުރެ ވެސްް މަދެވެ. ރަށްރަށް އާބާދުކޮށް ތަރައްގީ ކުރަން ޖެހިފައިވާއިރު، ދިރިއުޅޭ މީހުންގެ އާބާދީ ވޯޓު ލައިގެން އިންތިހާބު ކުރުމުން ނުރަނގަޅު އަސަރުތަކެއް ވެސް ހުރެދާނެ ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.

"ރަށްރަށަށް ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓް މި ހަމަޖައްސަނީ، ކައުންސިލްތަކަށް ވެސް ސަރުކާރުން ދޫކުރާ ބަޖެޓް މި ހަމަޖައްސަނީ އެ ރަށެއްގެ އާބާދީއަށް ބަލައިގެން، ކައުންސިލް އިންތިހާބުގައި ދިރިއުޅޭ އާބާދީއަށް ވޯޓުލާ ގޮތަށް، ބައެއް ރަށްރަށުގެ ރަޖިސްޓްރީން ބަޔަކު އުނިކޮށްފިނަމަ، ރަށްރަށް ތަރައްގީވާން އަނެއްކާ ވެސް ލަސްވެދާނެ، މިހާރު އަމިއްލަ ރަށް ހިމެނޭ ސަރަހައްދުން ވަޒީފާއެއް ލިބި ދިރިއުޅެވެން އޮތިއްޔާ، އެ ގޮތަށް ދިރިއުޅުން ބަދަލު ކުރާން އެތައް ބަޔަކު އެބަ ތިބި،"

ނިޔާޒު ވިދާޅުވާ ގޮތުގައި، އެ ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ލައިގެން ކައުންސިލްތައް އިންތިހާބު ކުރާ އުސޫލަށް ކުރިއަށް އޮތް ތަނުގައި ދެވިދާނެ އެވެ. އެކަމަކު އެ އުސޫލު ބަދަލު ކުރެވެން އޮތީ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރެވިގެނެވެ. އަދި ރާއްޖޭގައި މި އޮތް ހިޖުރަ ކުރުމުގެ އާދަކާދައެއް ބަދަލު އައުމަށް ފަހުގަ އެވެ. އެ މީހަކު ދިރިއުޅެން ބޭނުންވާ ތަނެއްގައި އުޅެވޭ ވަރަށް، ރާއްޖޭގެ ރަށްރަށް ތަރައްގީ ވުމުންނެވެ. މިއަދުގެ ހާލަތަކީ، ގިނަ ރަށްރަށުގައި އެންމެ އަސާސީ ބޭނުންތަކާއި ހިދުމަތްތައް ވެސް ލިބެން ނެތީ އެވެ. އެ ހާލަތު އެ ގޮތުގައި އޮތްހާ ހިނދަކު، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ މިހާރު އޮތް ގޮތް ކަމަށް އޭނާ ވިދާޅުވެ އެވެ.

"ރާއްޖޭގައި އަދި ކަންކަން އޮތް ގޮތަށް ބަލާއިރު މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ރަޖިސްޓްރީ ވެފައި އޮތް ތަނަކަށް ވޯޓު ދިނުން، އެއީ ރާއްޖޭގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ގޮތުގައި ފެންނަނީ، ސަބަބަކީ ރާއްޖޭގައި ބައެއް މީހުން ދިރިއުޅުން ބަދަލު ކޮށްގެން އުޅެމުން މި ދަނީ މަޖުބޫރީ ހާލަތެއްގައި. އަތޮޅުތެރެއަށް އުފަން ވަރަށް ގިނަ ބަޔަކު މާލޭގައި އުޅެމުން އެބަ ދޭ. މަޖުބޫރީ ހާލަތެއްގެ ސަބަބުން. އަތޮޅުން ނޫނީ ރަށުން އެންމެ އަސާސީ ކަންކަން ވެސް ނުލިބޭ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

މި ގޮތަށް ދިރިއުޅޭ ތަނަށް ވޯޓު ދޭން ބޭނުންވެފައި ތިބި ބައެއް މީހުންގެ ވެސް ވޯޓު ދިނުމުގެ ފޯރިއެއް ނެތެވެ. ވޯޓު ލާން ޖެހޭ ދާއިރާ އިން ކޮންމެ މީހަކު ހޮވުނަސް ވާނެ ފައިދާއެއް ނުފެންނާތީ އެވެ. ބޭކާރު ވޯޓަކަށް ވެދާނެ ކަމުގެ އިހުސާސެއް ކުރެވޭތީ އެވެ. ކޮންމެ ކައުންސިލް އިންތިހާބަކަށް ވެސް މި ޝަކުވާ އާދެ އެވެ. މި ޝަކުވާއަށް ބަދަލެއް ނާދެ އެވެ. އެއީ އޭނާއަށް އޮންނަ އިހްތިޔާރެއްގެ ގޮތުގައި އޮންނަ ގޮތަށް ވިޔަސް ގާނޫނަށް އެފަދަ އިސްލާހެއް ބޭނުންވާ ކަމަށް އެ ބަޔަކު ދެކެ އެވެ.