ހަބަރު

އާ ރަންވޭގެ އެޕްރޯޗް ލައިޓްސް ކައިރި ހިއްކައި ދޭނެ ބަޔަކު ހޯދަނީ

Feb 8, 2020

ރަންވޭ އަށް ބޯޓު ޖައްސަން އަންނަ ސަރަހައްދު ހިއްކައިގެން ޖަހާފައިވާ އެޕްރޯޗް ލައިޓް ސަރަހައްދު ގިރައިގެން ގޮސްފައިވާތީ ހިއްކައި ދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ ރަންވޭގެ ދެކުނު "އެޕްރޯޗް ލައިޓްސް" ކައިރި ހިއްކައި މަގު ހަދައި ތޮށިލައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި ސަރަހައްދަކީ އާ ރަންވޭ އަޅައި ނިންމިއިރު ހިއްކި ސަރަހައްދެކެވެ. ނަމަވެސް އޭރު މި ސަރަހައްދުގެ ތޮށި ނުލައި ހުރުމުގެ ސަބަބުން މިހާރު އެޕްރޯޗް ލައިޓް ކައިރީގައި ހުރި ވެލިގަނޑު ގިރައިގެން ގޮސްފަ އެވެ. އަދި މިހާރު ހުރީ ހަމައެކަނި ލައިޓް ތަކެވެ.

އެމްއޭސީއެލް އިން ބުނީ މި މަސައްކަތް ކޮށްދޭން ކުރިމަތިލާ ފަރާތްތަކަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަގެ "ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި" ހިމެނޭ "ހާބަރ ކޮންޓަރެކްޓިންގ ވޯކްސް" ކެޓެގަރީގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަކަށް ވާން ވާން ޖެހޭނެ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް އެމްއޭސީއެލްގެ މެދުވެރިކޮށް ޝައުގުވެރިކަން ފާޅު ކުރަން ޖެހެ އެވެ. މި މަސައްކަތް ކޮށްދޭން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 26 ވާ ބުދަދުވަހުގެ މެންދުރު 14:00 އެވެ.

އާ ރަންވޭ ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އެތަން ބޭނުން ކުރަން ފަށާފައެއް ނުވެ އެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމެވެ. ހާއްސަކޮށް އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނުނިމުމެވެ.

މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެތާނގެ ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.