ދުނިޔެ

ޓްރަމްޕާ ދެކޮޅަށް ހެކިބަސް ދިން އޮފިޝަލުން ވަކިކޮށްފި

Feb 8, 2020

ވޮޝިންގްޓަން (ފެބްރުއަރީ 8) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗުކުރުމަށް އެމަނިކުފާނާ ދެކޮޅަށް ހެކި ބަސް ދިން އިސް ދެ އޮފިޝަލަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ގޯޑަން ސޮންޑްލަންޑް އަނބުރާ ގެންނަވަން ޓްރަމްޕް ނިންމަވާފައިވާއިރު، ޔޫކްރެއިނާ ގުޅޭގޮތުން އެމެރިކާގެ ނެޝަނަލް ސެކިޔުރިޓީ ކައުންސިލަށް ލަފާ އަރުވާ މާހިރު، ޔޫޓެނެންޓް ކާނަލް އެލެކްޒެންޑާ ވިންޑަމަން ވަނީ ވައިޓް ހައުސް ދޫކޮށް ދިޔުމަށް އަންގައިފަ އެވެ.

ޓްރަމްޕްގެ ސަރުކާރުގެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފައިމިވަނީ، އިމްޕީޗްމަންޓުން ޓްރަމްޕް ސަލާމަތްވުމާއެކު އެވެ.

ޓްރަމްޕް އިމްޕީޗު ކުރަން އެ ގައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިން މިދިޔަ ޑިސެމްބަރު މަހު ވަނީ ފާސްކޮށްފަ އެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ޓްރަމްޕާ ދެކޮޅަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ބައިޑަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ނަމަވެސް، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ ސެނެޓުން ވަނީ ޓްރަމްޕް އާ ދެކޮޅަށް ކުރި އެއްވެސް ދައުވާއެއް ސާބިތުނުވާކަމަށް ނިންމައި، އެމަނިކުފާނު މަގާމުން ދުރުކުރަންޖެހޭ ސަބަބެއްނެތް ކަމަށް ވޯޓުދީފަ އެވެ.

އެގޮތުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާކަމަށް 52-48 ވޯޓުން ފާސްވިއިރު، ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާ ދެކޮޅަށް 53 މެންބަރުން ވޯޓު ދެއްވި އެވެ.

ޝަރީއަތަށްފަހު ޓްރަމްޕް ވަނީ އިދިކޮޅު ފަރާތްތަކުން ކުރި "ޖާހިލު" މަސައްކަތަށް ވަރަށް ބޮޑު ފާޑުވިދާޅުވެފަ އެވެ. އިއްޔެ މަގާމުން ދުރުކުރި ވިންޑަމަން އަދި ސޮންޑްލަންޑް ވަނީ ހައުސްގައި ޓްރަމްޕާ ދެކޮޅަށް ހެކިބަސް ދެއްވައިފަ އެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމާއެކު، ބަދަލުހިފުމުގެ ރޫހެއްގައި ޓްރަމްޕް ފިޔަވަޅުތައް އަޅުއްވާކަމުގެ ތުހުމަތުތައް އެމަނިކުފާނަށް ވަނީ އަމާޒުވެފަ އެވެ.