ހަބަރު

ޕީޕީއެމްގެ ކ. އަތޮޅު ކައުންސިލް ރައީސްގެ ޓިކެޓް ނިމާލަށް

Feb 8, 2020
1

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާނެ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ކ. އަތޮޅު ކައުންސިލްގެ ރައީސްގެ ޓިކެޓް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ކާމިޔާބު ކުރައްވައިފި އެވެ.

ކ. އަތޮޅު ކައުންސިލްގެ ޕްރައިމަރީގައި ނިމާލް އާ ވާދަކުރެއްވީ މިހާރު އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރައޫފް އެވެ. މިގޮތުން މިހާތަނަށް ގުނި ފޮށިތަކުން ނިމާލަށް 950 ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ރައޫފަށް ލިބިވަޑައިގެންފައި ވަނީ 140 ވޯޓެވެ.

ޕީޕީއެމްގެ ޕްރައިމަރީ އިއްޔެ ކުރިއަށް ގެންދިޔައީ ހަތް އަތޮޅެއްގަ އެވެ. އެއީ ކުޅުދުއްފުށި ސިޓީ އާއި ފުވައްލުމަލައް ސިޓީގެ އިތުރުން 65 ރަށު ކައުންސިލެއްގައި ވާދަކުރާނެ ޕީޕީއެމްގެ ކެންޑިޑޭޓުން ކަނޑައެޅުމަށެވެ.

މި ގޮތުން ފުވައްމުލައް ސިޓީގެ މޭޔަރުގެ ޓިކެޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަލީ ފަޒާދާއި ވާދަކޮށް ތޯރިގު އަހުމަދު ކާމިޔާބު ކޮށްފަ އެވެ. އެ ޕްރައިމަރީގައި ފަޒާދަށް 634 ވޯޓު ލިބިވަޑައިގެންފައިވާއިރު، ތޯރިގަށް ލިބިވަޑައިގަތީ 892 ވޯޓެވެ.

އެންމެ އާބާދީ ބޮޑު، މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ޕީޕީއެމްގެ ޕްރައިމަރީއެއް އިއްޔެ ކުރިއަކަށް ނުގެންދެ އެވެ. ޕީޕީއެމް އިން ބުނެފައިވާ ގޮތުގައި، އެ ދެ ސިޓީގެ ކައުންސިލަށް ޕްރައިމަރީއެއް ބާއްވަން ޖެހޭ ވަރަށް އެ ޕާޓީން ކެންޑިޑޭޓުން ކުރިމަތިލާފައެއް ނުވެ އެވެ.

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.