ހަބަރު

ހޯދި ކާމިޔާބީން 12 އަހަރުގައި ފްލެޓެއް، ދީމާއަށް ހަމަ ސާބަސް!

Feb 8, 2020
12

އުމުރުން 12 އަހަރުގައި ގިނަ ބަޔަކު ދިރިއުޅުމާމެދު މާބޮޑު ވިސްނުންތަކެއް ނުހުންނާ އެވެ. މައިންބަފައިންގެ ހިޔާވަހިކަމުގައި އެ އުމުރުގައި މާ ވަރުގަދަ ހިޔާލެއް ފިކުރެއް ނެތި އެވެ.

އެކަމަކު ފާތުމަތު ދީމާ އަލީއަކީ ތަފާތު ކުއްޖެއްކަން ނުދަންނަ ދިވެއްސަކު ނުހުންނާ އެވެ. އޭނާއަކީ އެހާ ތުއްތު އުމުރުގައިވެސް ދިވެހިންގެ ފަހުރެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތިން ރަން މެޑަލް ރާއްޖެއަށް ހޯދައިދީ ދީމާ ރާއްޖޭގެ ތާރިހުގައި ވަނީ ފެވިގެންގޮސްފަ އެވެ.

ރާއްޖޭގެ ކުޅިވަރާބެހޭ މައުލޫއެއް ފެށިއްޖެނަމަ އެ ރަން ކާމިޔާބީގެ ވާހަކަ އަދިވެސް ދެކެވެ އެވެ. މުސްތަގުބަލުގައި ރާއްޖޭގެ ކުޅިވަރުގެ އުއްމީދާ ގުޅުވައިގެނެވެ. ދީމާ، ހަގީގަތުގައިވެސް ވެފައިވަނީ އޭނާއަށް ވުރެ އުމުރުގެ ގޮތުން މާބޮޑުތަން ދޮށި، ތަޖުރިބާކާރު ކުޅުންތެރިންނަށްވެސް މިސާލަކަށެވެ. އެއީ ވަކި ޓީޓީއެއް ނޫނެވެ. ކޮންމެ ކުޅިވަރެއް ކުޅުނު ނަމަވެސް، ބުރަ މަސައްކަތާއި ހިތްވަރާއި، އަޒުމް ނެރެ، ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ބޮޑެތި ގައުމުތަކާ ދިވެހިންނަށްވެސް ފައިތިލަ ހަމަކޮށްލެވިދާނެކަން ދީމާ ވަނީ ރަނގަޅަށްވެސް ސާބިތުކޮށްދީފަ އެވެ.

އުމުރުން 12 އަހަރު، ގެދޮރުވެރިއެއް

އެކަމަކު މިހާރު ދީމާ އެވަނީ ކުޅިވަރުގެ ބޭރުންވެސް، އެހެން ކުޅުންތެރިންގެ އިތުރުން އެ ޖީލުގެ އެހެން ކުދިންނަށްވެސް ދިރިއުޅުމުގެ މިސާލެއް ދައްކުވައިދީފަ އެވެ. މަތީ ފަންތީގައި ކުޅިވަރު ކުޅެވޭ ދުވަސްތަކަކަށްފަހުގައި އަންނާނެ މުސްތަގުބަލުގެ ބިންގާ މިހާރުވެސް ދީމާ އަޅައިފިކަން، ކުޅިވަރާބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ހާމަކުރެއްވި އެވެ.

އުމުރުން އެންމެ 12 އަހަރުގައި ދީމާ އެޕާޓްމަންޓެއް ގަނެފައިވާކަން އޭނާގެ ބައްޕައާ ހަވާލާދީ މަހުލޫފު ޓްވިޓާގައި ވިދާޅުވި އެވެ. ދެން ގިނަ ބަޔަކު ބުނާނީ އާއިލީ މުއްސަނދިކަމޭ އެވެ. އެކަމަކު ދީމާ، އެންމެ 12 އަހަރުގައި ގެދޮރުވެރިއަކަށްވީ، އޭނާއަށް ގައުމީ ޓީމުން ދިން މުސާރައާއި މެޑަލް ހޯދައިގެން ސަރުކާރުން ދިން ފައިސާގެ އިނާމުންނެވެ.

މަހުލޫފް ފާހަގަކުރެއްވީ ސަރުކާރުން ގައުމީ ޓީމުގެ މުސާރައިގެ އޮނިގަނޑަށް ގެނައި ހެޔޮ ބަދަލެވެ. އެއީވެސް ތެދެކެވެ. މި ސަރުކާރުން އެކަމަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ. އެހެނަސް، މިކަމުގައި ހުރިހާ ތައުރީފެއް ހައްގުވަނީ ދީމާ އަށެވެ. މިހާ ތުއްތު އުމުރުގައި މުސްތަގުބަލާމެދު ވިސްނާތީ އެވެ. ކާމިޔާބީތަކާއެކު ލިބުނު ނޫނީ ލިބެމުންދާ ފައިސާ ބޭކާރު ގޮތުގައި "ތަޅއި ބުރުވާ" ނުލުމުގެ ހިތްވަރު ނެރުނީމަ އެވެ. ކުޅިވަރުގެ މައިދާނުގެ އެތެރެއިންނާއި ބޭރުން ދިވެހި ކުޅިވަރަށް މިސާލެއް ގާއިމުކޮށްދިނީތީ އެވެ. އެހެން ކުޅުންތެރިންގެ އިތުރުން މާދަމާގެ ޒުވާން ޖީލަށް އިތުރު ފިލާވަޅެއް ނަގައިދިނީމަ އެވެ.