ހަބަރު

ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ވީޑިއޯ އާންމު ނުކުރަން އެދެފި

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ އާއި ފޮޓޯ އަދި މައުލޫމާތު އާންމު ނުކުރަން ޖެންޑާ މިިނިސްޓްރީ އާއި ފުލުހުންގެ އިދާރާއިން އިލްތިމާސެއް ކޮށްފި އެވެ.

މި އިލްތިމާސް ކޮށްފައި ވަނީ ކުޑަކުޑަ ދެ ކުދިން ގެއެއްގެ ބެލްކަނީގައި ތިބެ ނުރަނގަޅު އަމަލެއް ހިންގާ ވީޑިއޯއެއް ވައިރަލްވުމާއި ގުޅިގެން ކަމަށް ބެލެވެ އެވެ. އުމުރުން ވަރަށް ހަގު އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ގެއެއްގެ ބެލްކަނީގައި ތިބެ ނުރަނގަޅު އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެފައިވާތީ އެކަމާ ގިނަ ބަޔަކު ގެން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޖެންޑާ އާއި ފުލުހުންގެ ފަރާތުން ބުނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ އާއި ފޮޓޯ ނުވަތަ މައުލޫމާތު އާންމު ނުކުރުމަށް އެދޭ ކަމަށެވެ. އަދި އެފަދަ ކަންކަން ކަމާބެހޭ އިދާރާތަކަށް ހުށައެޅުމަށް ވެސް އެދިފައި ވެއެވެ.

"... ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީގެ 1412 އަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކުރަން." ޖެންޑާގެ ޓްވީޓެއްގައި ވެއެވެ،

މިފަހުން ބައެއް މީހުން ގެންދަނީ ޖިންސީ ގޯނާ ލިބިފައިވާ ބައެއް ކުދިންނާ ވެސް އިންޓަވިއުކޮށް އެފަދަ ކުދިންގެ ވާހަކަތައް ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ވެސް އާންމު ކުރަމުންނެވެ. ދާދިފަހުން ކުޑަކުދިން ހިޔާގައި އުޅޭ ކުއްޖަކު އެ ތަނުގެ ހާލަތާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކެއް ވެސް އާންމުވި އެވެ.