މާރިޔާ އަހުމަދު ދީދީ

އިންޑިއާ ދަތުރުފުޅަށްފަހު މިނިސްޓަރު މާރިޔާ ރާއްޖެ ވަޑައިގެންފި

މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ، އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް، މިމަހުގެ ތިނަކުން އަށަކަށް ކުރެއްވި މި ދަތުރުފުޅުގައި، މިނިސްޓަރު މާރިޔާ ވަނީ އިންޑިޔާގެ މިނިސްޓަރު އޮފް ޑިފެންސް ރާޖްނާތު ސިންގާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުންވަނީ ދިވެހިރާއްޖެއާއި އިންޑިޔާ އާ ދެމެދު، ދިފާއީ އަދި އަސްކަރީ ރޮނގުން އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން، ނުރައްކާތެރި ހާލަތްތަކުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބޭނުންކުރާ ޕްރޮޓެކްޓިވް ގިއާ، ރާއްޖެއަށް ދިނުމާއި ގުޅޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާ ޗައިނާގެ ވޫހާންގައި ތިބި ދިވެހިން އިވެކުއޭޓް ކުރުމުގައި އިންޑިޔާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ގައުމުގެ ސަރުކާރަށް މިނިސްޓަރު މާރިޔާ ޝުކުރު އަދާކުރެއްވިއެވެ. އިންޑިޔާއިން ކުރި ޓެސްޓުތަކުން ހާމަވާގޮތުގައި، މިހާތަނަށް ކޮރޯނާ ވައިރަސްއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރު ވަނީ އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތާވެސް ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި، ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިދިޔަ ޑިސެމްބަރުމަހު، އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި "ސީޖީއެސް ކާމިޔާބު" ފަދަ އިތުރު އުޅަނދެއް ހޯދުމަށް ރާއްޖެއިން ޝައުގުވެރިވާކަން އިންޑިޔާ ސަރުކާރާ މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ. އަދި އިންޑިޔާ ސަރުކާރުގެ ފަރާތުން އެކަމަށް "ޕޮޒިޓިވް ސިގްނަލެއް" ލިބިވަޑައިގެންފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.