ހަބަރު

ކައްޕި ގެއްލުން: އަދިވެސް މީހަކު ހައްޔަރެެއް ނުކުރޭ

މުދާ އުފުލާ ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަމުންދާތާ މަސްދުވަސްވެފައިވާއިރު އެ މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މުދާ އުފުލާ އެ ދޯނި އުރުނީ ކ. ކަގި ފަރަށެވެ. މި ހާދިސާއާއި ގުޅިގެން ވަރަށް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެ ދޯނި އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ތުވާއްޔަކާއި، ވަޅި އެއް ސިފައިން ވަނީ ހޯދާފައެވެ.

ކައްޕި ގެއްލުނު ހާދިސާ ހިނގިތާ މަސްދުވަސް ފަހުން މިއަދު ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އިތުރަށް ހެކި ހޯދާ ކުރަންޖެހޭ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުުން ދޯނި އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ސިފައިން ހޯދި ތުވާލީގައި ހުރީ ލޭ ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ދަވާދާ ގުލޫ ކަމަށް މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ސިފައިން ހޯދި ތުވާއްޔާއި ވަޅިއަކީ ކައްޕި ގެއްލުނު ހާދިސާއާއި ގުޅުންހުރި ތަކެތިތޯ ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މިހާތަަނަށް ބެލި ބެލުމުން އެ ދޯނީގައި ތިބީ ހަތަރު މީހެއް ކަމަށެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. އެމީހުންނާ ސުވާލުކޮށް ބަޔާންތައް ނަގާފައިވާ ކަމަށާ ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ޖެނުއަރީ ހަވަނަ ދުވަހު ހިނގި ހާދިސާގައި ދޯނި ފަރައް އަރާފައިވަނީ ކީއްވެގެން ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ. "ޓީޓީއެސް ފާނަ" ދޯނި އުރުނުއިރު އޭގައި ތިބީ ކައްޕި މުހައްމަދު ޔޫސުފްގެ އިތުރުން ބަގްލަދޭޝްގެ ދެ މީހެކެވެ. ނަމަވެސް ފަހުން އޭގައި އިތުރު ދިވެއްސަކު ހުރިކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

އެ ދެ މީހުން ސިފައިންނަށް ފުރަތަމަ އެންގީ ކައްޕި ގެއްލިގެންނެވެ. ދޯނި ފަރަށް އަރާފައިވާ ކަމަކަށް އޭރު ނުބުނެއެވެ. ދޯނި ފަރަށް އަރާފައިވާކަން އެނގުނީ ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ.

ކައްޕި ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އެ ސަރަހައްދު، ކަނޑާއި ވައިގެ މަގުން ބަލާފައެވެ. މިހާތަނަށް ގެއްލިފައިވާ މީހާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ސިފައިން ބުންޏެވެ.