ހަބަރު

ކައްޕި ގެއްލުން: ސިފައިން ހޯދި ތުވާލީގައި ހުރީ ލެޔެއް ނޫން

މުދާ އުފުލާ ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލުނު ހާދިސާއާއި ގުޅިގެން ދޯނި އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ސިފައިން ހޯދި ތުވާލީގައި ހުރީ ލެޔެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

މުދާ އުފުލާ އެ ދޯނި އުރުނީ ކ. ކަގި ފަރަށެވެ. މި ހާދިސާއާއި ގުޅިގެން ވަރަށް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެ ދޯނި އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ތުވާއްޔަކާއި، ވަޅި އެއް ސިފައިން ވަނީ ހޯދާފައެވެ. އަދި ތުވާލީގައި ލޭ ކަހަލަ އެއްޗެއް އުނގުޅިފައި ހުރުމުން އެއީ ކޮން އެއްޗެއްތޯ ބަލަން ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ.

ކައްޕި ގެއްލުނު ހާދިސާ ހިނގިތާ މަސްދުވަސް ފަހުން މިއަދު ފުލުހުން ބުނެފައިވަނީ ދޯނި އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ސިފައިން ހޯދި ތުވާލީގައި ހުރީ ލޭ ނޫން ކަމަށެވެ. އެއީ ދަވާދާ ގުލޫ ކަމަށް މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ސިފައިން ހޯދި ތުވާއްޔާއި ވަޅިއަކީ ކައްޕި ގެއްލުނު ހާދިސާއާއި ގުޅުންހުރި ތަކެތިތޯ ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މިހާތަަނަށް ބެލި ބެލުމުން އެ ދޯނީގައި ތިބީ ހަތަރު މީހެއް ކަމަށެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. އެމީހުންނާ ސުވާލުކޮށް ބަޔާންތައް ނަގާފައިވާ ކަމަށާ ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ޖެނުއަރީ ހަވަނަ ދުވަހު ހިނގި ހާދިސާގައި ދޯނި ފަރައް އަރާފައިވަނީ ކީއްވެގެން ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ. "ޓީޓީއެސް ފާނަ" ދޯނި އުރުނުއިރު އޭގައި ތިބީ ކައްޕި މުހައްމަދު ޔޫސުފްގެ އިތުރުން ބަގްލަދޭޝްގެ ދެ މީހެކެވެ. ނަމަވެސް ފަހުން އޭގައި އިތުރު ދިވެއްސަކު ހުރިކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

އެ ދެ މީހުން ސިފައިންނަށް ފުރަތަމަ އެންގީ ކައްޕި ގެއްލިގެންނެވެ. ދޯނި ފަރަށް އަރާފައިވާ ކަމަކަށް އޭރު ނުބުނެއެވެ. ދޯނި ފަރަށް އަރާފައިވާކަން އެނގުނީ ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ.

ކައްޕި ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އެ ސަރަހައްދު، ކަނޑާއި ވައިގެ މަގުން ބަލާފައެވެ. މިހާތަނަށް ގެއްލިފައިވާ މީހާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ސިފައިން ބުންޏެވެ.