ރާއްޖޭގެ ކުރީގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު، އެފްއޭއެމްގެ ގޯލްކީޕިން ކޯޗުންގެ ޓީމާ ގުޅިއްޖެ އެވެ.
އިމްރާން އެފްއޭއެމްގައި މަސައްކަތް ކުރާނީ، ޒުވާން އުމުރުފުރާގެ ގައުމީ ޓީމުތަކާ ސީނިއާ ޓީމުގެ އިތުރުން އެފްއޭއެމުން ގާއިމު ކޮށްފައިވާ ގޯލްކީޕިން އެކެޑެމީގަ އެވެ. ގައުމީ ޓީމުގައި އޭނާ މަސައްކަތް ކުރާނީ ކުރިން އޭނާ އާ އެކު ގައުމީ ޓީމަށް ކުޅުނު އަދި ފަހުން ގައުމީ ޓީމުގައި އޭނާވެސް ޓްރޭން ކުރި، ގައުމީ ޓީމުގެ ގޯލްކީޕިން ކޯޗް އަސްލަމް އަބްދުރަހީމްގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ.
އެ މަގާމަށް އިމްރާން ހަމަޖެއްސުމަށް މިރޭ ބޭއްވި، ރަސްމިއްޔާތުގައި، ކުރިން އިމްރާންއަށް ވިކްޓަރީ އާއި މާޒިޔާގައި ކޯޗް ކޮށްދިން އަލީ ސުޒޭން ވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ކަމަށް ހަމަޖައްސާފަ އެވެ.
ކުރިން، އެފްއޭއެމްގެ ކަންކަމަށް ފާޅުގައި ފާޑުކީ އިމްރާން މިރޭ ބުނީ، ކީޕަރެއްގެ ގޮތުގައި ރާއްޖޭގެ އެންމެ މަތީ ލެވަލްގައި 20 އަހަރު ވަންދެން ކުޅުނުއިރު، އޭނާއަށް ދަސްވި އެއްޗެއް އަރަމުން އަންނަ ޒުވާން ކުޅުންތެރިންނާއި ކީޕަރުންނަށް ފޯރުކޮށްދޭން ބޭނުންވާތީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދިން ފުރުސަތު ބޭނުން ހިފީ ކަމަށެވެ.
ނިއު ރޭޑިއަންޓަށް އެފްއޭއެމުން ދޭން ޖެހޭ އިނާމު ފައިސާގެ ތެރެއިން، އެ ޓީމުން މުސާރަ ނުދޭ ކުޅުންތެރިންނަށް މިދިޔަ އަހަރު ފައިސާ ބެހިއިރު އިމްރާނަށް އެ ފައިސާ ދީފައެއް ނުވެ އެވެ. އޭރު އިމްރާން ބުނެފައި ވަނީ އެހެން ކުޅުންތެރިންނަށް ފައިސާ ދިންއިރުވެސް، އެފްއޭއެމުން އޭނާއަށް އެ ފައިސާ ދޫނުކޮށް ހުރީ އެފްއޭއެމްގެ ކަންކަމަށް ފާޑު ކިޔާތީ ކަމަށެވެ.
އޭނާ ބުނީ، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް، އިހްސާން އަބްދުލް ގަނީ (ސާންތީ) ހުރިިއިރުވެސް، އެފްއޭއެމްގައި މަސައްކަތް ކުރުމަށް އޭނާ ހުށަހެޅި ކަމަށާއި ނަމަވެސް އޭރު އެ ފުރުސަތު ބޭނުން ނުކުރެވުނީ އޭނާ ކުޅެމުންދާތީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން އުނދަގޫ ވާނެތީ ކަމަށެވެ.
"ކުޅުން ހުއްޓާލާފަ އަޅުގަނޑު ވިސްނައިގެން ހުރީ ކޯޗިން ދާއިރާގެ ތެރެއަށް ވަންނަން، ކުޅުން ހުއްޓާލިޔަސް މީގެތެރެއިން ދުރައްދާކަށް ނުވިސްނަން، އެގޮތުން ގޯލްކީޕިން ކޯސްތަކާއި ކޯޗިން ލައިސެންސް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަނީ،" އިމްރާން ވާހަކަ ދެއްކި އެވެ. "އެހެން އުޅުމުގެ ތެރޭގައި އެފްއޭއެމްގެ ރައީސްގެ ފަރާތުން މިލިބުނީ ދައުވަތު."