އެއް އަހަރު ތެރޭ، ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.29 ޕަސެންޓް އުފުލިފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއޯއެސް) އިން ބުނެފި އެވެ.
ތަފާތު ހިސާބުތައް އެއް ކުރާ ގައުމީ ވުޒާރާ އެމްބީއޯއެސް އިން ބުނެފައިވާ ގޮތުގައި 2018 ގެ އަހަރުގެ ގެ ޑިސެންބަރު މަހުން 2019 ގެ ޑިސެންބަރު މަހާ ހަމަ އަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 1.29 ޕަސެންޓް އުފުލިފަ އެވެ. އަދި 2018 ގެ ނޮވެމްބަރު މަހުން 2019 ގެ ނޮވެންބަރު މަހުގެ ނިޔަލަށް އިންފްލޭޝަނަށް އައިސްފައިވާ ބަދަލަށް ބަލާނަމަ މި އަދަދު އުޅެނީ 0.54 ޕަސެންޓް މަތީގަ އެވެ.
މުދަލާއި ހިދުމަތުގެ އަގު ތަކަށް އައިސްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެންބީއޯއެސް އިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި ޑިސެމްބަރު ވަކިން ބަލާނަމަ އިންފްލޭޝަން ރޭޓް ހުރީ 0.48 ޕަސެންޓް މަތީގަ އެވެ. ނަމަވެސް ނޮވެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 0.13 ޕަސެންޓުގަ އެވެ.
ޑިސެމްބަރު މަހު އިންފްލޭޝަން މައްޗަށް ދިޔަ ބައިތަކުގެ ތެރޭގައި ތަރުކާރީގެ ބައިން 21.17 ޕަސެންޓް އިންފްލޭޝަން މަތިވީއިރު ފޯނު ކޯލުގެ ހިދުމަތްތަކުގެ ބައިން 2.10 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ. އަދި އެއްގަމު މަހުގެ ބައިން 1.56 ޕަސެންޓް އުފުލިފައިވެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޑިސެންބަރުމަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބައިން 1.19 ޕަސެންޓް އަދި މޭވާގެ ބައިން 1.71 ޕަސެންޓް ވަނީ އިންފްލޭޝަން ދަށްވެފަ އެވެ. ވީޑިއޯ އާއި އޯޑިއޯ ރެކޯޑްކުރުމާއި ލަވަ ޖެހުމަށް ބޭނުން ކުރާ އާލާތްތަކުގެ ބައިން 2.50 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި މޮޓޯސައިކަލުގެ ބައިން 0.54 ޕަސެންޓް އަދި އެހެނިހެން މައުލޫމާތާއި މުވާސަލާތީ ހިދުމަތުގެ ބައިން 0.69 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. މީގެ އިތުރުން އަންނައުނުގެ ބައިން 0.33 ޕަސެންޓް އަދި ފޯނުގެ އާލާތްތަކުގެ ބައިން 0.73 ޕަސެންޓް ދަށްވެފައިވެ އެވެ.