ހަބަރު

ފީނަން ފޭބި މީހަކު ޑީކޯވެ ފަރުވާދެނީ

މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން ފީނަން ފޭބި މީހަކު ޑިކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން، ގދ. ތިނަދޫ ގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

އެމްއެންޑީ އެފް އިން ބުނީ ޑީކޯ ވުމުގެ ސަބަބުން ފަރުވާ ދެމުންދަނީ "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނަން ފޭބި އުމުރުން 27 އަހަރުގެ ދިވެއްސަކަށް ކަމަށެވެ. ޑިކޯވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:20 ހާއިރު ކަމަށާއި އެމީހާ ވަނީ، 20 މިނެޓް ވާންދެން 50 މީޓަރުގައި މިއަދު ޑައިވްކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި މި ހާދިސާ ހިނގި އިރު، އެ ދޯނި އޮތީ ގދ. ގައްދޫއާ 13 މޭލު ބޭރުގަ ކަމަށްވެސް ބުންޏެވެ.

މި މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާ އެކު، ގދ.ގައްދޫ ބަނދަރުގައި އޮތް ސީއެމްބިޔުލާންސް ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް އެ ދޯނީގައި އޮތް ބަލި މީހާ ނަގައިގެން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 10:50 ހާއިރު ގެންގޮސްފައިވާ ކަމަށެވެ.

އަވަސް އާއި ވާހަކަ ދައްކަވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ސައިދު ވިދާޅުވީ މިއަދު ހެނދުނު އެހޮސްޕިޓަލަށް ޑީކޯވެގެން ގެނައި ޒުވާނާގެ ހާލު ސީރިއަސް ނޫން ކަމަށާއި އޭނާ އަށް ފަރުވާ ދެމުންދާ ކަމަށެވެ.

ފީނަން އުޅުމުގެ ތެރޭގައި މަސްވެރިން ޑީކޯވުމަކީ މިފަހުން ވަރަށް ގިނައިން ދިމާވާ ހާދިސާތަކެކެވެ. ގިނަ ފަހަރު އެކަހަލަ ހާދިސާތަކަށް ދިމާވަނީ، ފީނުމުގެ ތަމްރީނުތައް ނަހަދާ ފީނަން ފައިބާ ފަރާތްތަކާއި، ރަނގަޅު އާލަތްތައް ނުގެންގުޅޭ ފަރާތްތަކަށެވެ. އެކަންކަމަށް ސަމާލުކަންދޭން ކަމާއިބެހޭ ފަރާތްތަކުން އަންނަނީ އަބަދުވެސް އިރުޝާދު ދެމުންނެވެ.