ގދ. ތިނަދޫ

މަސްވެރިން ނުކުމެ ތިނަދޫ އައިސްޕްލާންޓް ބަންދުކޮށްފި

މަސް ނުކިރޭތީ މަސްވެރިން ނުކުމެ ގދ. ތިނަދޫ އައިސްޕްލާންޓްގައި ބަންދުކޮށްފި އެވެ.

ގދ. ތިނަދޫއިން އަވަސްއަށް ވާހަކަ ދެއްކި މަސްވެރިއަކު ބުނި ގޮތުގައި މަސްވެރިންގެ ޝަކުވާއަކީ މަސް ނުކިރި ލަސްވުމާއި މަސްކިރަން ތިނަދޫއާއި 40 ކިލޯމީޓަރު ދުރުގައި އޮންނަ ފަރެސްމާތޮޑާއަށް ދާންޖެހުމެވެ.

އެކަމުގެ ސަބަބުން މަސްވެރިންގެ އަތުން ބޮޑު ހޭދައެއް ހިނގާކަން މަސްވެރިޔާ ފާހަގަކުރި އެވެ.

"މަސްވެރިން އެދެނީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ މި ރަށަށް އައިސް މަސްވެރިންނާ ބައްދަލުކުރުން،" ގދ. ތިނަދޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ތިނަދޫ އިން މަސްކިރޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް ގޮވާލައި ޝުއޫރުތައް ލިޔެފައިވާ ލިޔުންތަކާއެކު މަސްވެރިން ވަނީ މަސް ޕްލާންޓް ކުރިމަތީގައި އިހުތިޖާޖުކޮށްފަ އެވެ.

އައިސްޕްލާންޓް ކުރިމަތީގައި ޖޯލިފަތިތައް ބަހައްޓައިގެން މަސްވެރިން ޝުއޫރުފާޅު ކުރަމުންދާއިރު މަސްދޯނިތައް ހުރީ އައިސް ޕްލާންޓް ޖެޓީ ސަރަހައްދުގައި އަޅާފަ އެވެ.

މި އިހުތިޖާޖުގައި 200 އެއްހާ މީހުން ބައިވެރިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.