މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނަށް އަންނައުނު ފޮނުވޭ ގޮތަށް ހަމަޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަމަށް ގެނެސް، އަންނައުނު ފޮނުވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޖަލުގައި ތިބޭ ގައިދީންނަށް އާއިިލާއިން ފޮނުވަން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލީ އޮކްޓޫބަރު 15، 2017 ގައެވެ. އެ ގޮތަށް އޭރު ހަމަޖެއްސީ ގައިދީންނަށް އަންނައުނު ފޮނުވާއިރު އެތަކެތި މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތް ކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.

ކަރެކްޝަނުން މިއަދު ބުނީ ދެ އަހަރަށްފަހު އޭރު ނިންމި ނިންމުން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި "ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު އާއިލާގެ ފަރާތުން ފޯރުކޮށްދިނުމުގެ އުސޫލު" އާންމުކޮށް މިއަދު އެ އުސޫލަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އަލަށް އެކުލަވާލެވުނު އުސޫލުގައިވެސް އަންނައުނު މެދުވެރިކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަން މައްސަކަތް ކުރާކަމަށް ފާހަގަ ކުރެވިއްޖެނަމަ، ވަގުތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓްކޮށް، އެ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.

ކަރެކްޝަނުން މިފަދަ ނިންމުމެއް ނިންމާފައިމިވަނީ "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި މިކަން ހިމަނާފައިވަނިކޮށެވެ. އެ އިދާރާއިން ބުނީ އާއިލާއިން ގެންނަ އަންނައުނު ބަލައިގަންނާނީ މާލެ ޖަލުގެ ރިސެޕްޝަނުން ކޮންމެ ހޮނިހިރު ދުވަހެއްގެ 9:00 އިން 14:00 އަށް ކަމަށެވެ.