ހަބަރު

ފުުލުހުން ކުށްވެރި ކުރުމުން އިލްޔާސްގެ ރައްދު ނަޝީދަށް

ދިވެހި ގައުމުގެ އިސްލާމީ ވަހުދަތާއި ސަގާފަތާއި ގާނޫނު ނަގަހައްޓާ ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ބަސްބުނެ، އެ މުއައްސަސާގެ ހައިބަތާއި ގަދަރު ގެއްލޭގޮތަށް ވާހަކަ ދައްކާ މީހުންނާމެދު ދިވެހި ރައްޔިތުން ސަމާލުވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ގޮވާލައްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު މާފުށި މަގުމަތީގައި ފަތުވެރިޔާ ނިވާކަން ކުޑަ ހާލުގައި ރަށު ތެރޭގައި ހިނގާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވައިފަ އެވެ. އަދި އެއީ މަނާ ކަމެއްކަން އަންގައި ނަސޭހަތް ދިނުމުން ވެސް އެކަމާ ދެކޮޅު ހެދުމުން ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރު ކުރި އެވެ. އޭނާ ހައްޔަރު ކުރި ވަގުތު އެކަމާ ދެކޮޅު ހަދަން އުޅުމުން ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކުރަން އުޅޭ ވީޑިއޯ ވަނީ އާންމުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން އިލްޔާސް ވިދާޅުވީ ފުލުހުންނާއި ސިފައިންނަކީ ދިވެހިން ފަހުުރުވެރިވާ ބައެއް ކަމަށެވެ.

"ދިވެހި ގައުމުގައި އިސްލާމީ ވަހުދަތާއި ސަގާފަތާއި ގާނޫނު ނަގަހައްޓާ ދަމަހައްޓަން ދިވެހި ފުލުހުން ކުރައްވާ މަސައްކަތްތަކަށް ބަސްބުނެ، އެ މުއައްސަސާގެ ހައިބަތާއި ގަދަރު ގެއްލޭގޮތަށް ވާހަކަ ދައްކާ ބަޔަކާމެދު ދިވެހި ރައްޔިތުން ސަމާލުވެލައްވާ." އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ނަމަވެސް އެ ގޮތަށް އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސް ކަމަށް ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.