ޖުމްހޫރީ ޕާޓީ

ޖޭޕީގެ ޕްރައިމަރީ ދެ ރަށަކާއި، މާލޭގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ރަށަކާއި، މާލޭގެ އެއް ދާއިރާގައި ކަމަށް އެޕާޓީން ބުނެފި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓު ހޯދަން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ޖަނަވަރީ ފުރަތަމަ ހަފްތާގައެވެ.

އެ ޕާޓީން މިއަދު ބުނީ ޖޭޕީގެ ޓިކެޓަށް އެދިފައިވާ މެންބަރުންގެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ސަރަހައްދެއްގައި ކަމަށެވެ.

އެއީ މާލޭގެ އެއް ދާއިރާގެ އިތުރުން އދ، މާމިގިލި އަދި ފެންފުށީގައެވެ. މާލޭގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާފަންނު ހުޅަނގު އުތުރު ގައެވެ. އދ މާމިގިލި އަދި ފެންފުއްޓަކީ ޖޭޕީގެ ލީޑަރު ނިސްބަތްވެވަޑައިގަންނަވާ ދެ ރަށެވެ. އެއީ ގާސިމް އިބްރާހިމަށް ރާއްޖޭގައި އެންމެ ތާއީދު ބޮޑުވެސް ދެ ރަށެވެ.

ޖޭޕީން ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގައި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރާށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުުން އިންތިހާބު ކުރާއިރު، އަންހެނުންގެ ކޮމިޓީތަކަށް 929 މީހުން އިންތިހާބު ކުރާނެ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ކައުންސިލަރުން އިންތިހާބު ކުރާ ފުރަތަމަ ފަހަރެވެ.