ޖުމްހޫރީ ޕާޓީން "ދީނާއި ގައުމުގެ ދިފާއުގައި" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ވެރިކަންކުރާ ކޯލިޝަނުގައި ދެން ހިމެނޭ ދެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަދި އަދާލަތު ޕާޓީ ބައިވެރިވުމަށް ދައުވަތު ދީފި އެވެ.
ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ އަހުމަދު ނިހާން ވިދާޅުވީ، ހަމަ މިންވަރާއި ދޭންޖެހޭ މިންވަރު "ރަނުންރަނަށް" ދޭނެ ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމަށެވެ.
"އެއްބަސްވެފައިވާ ގޮތަށް ހަމަ މިންވަރާއި ދޭންޖެހޭ މިންވަރު ރަނުންރަނަށް ދޭނެ ހަމައެކަނި ޕާޓީ އަކީ ޖުމްހޫރީ ޕާޓީ،" އޭނާ ވިދާޅުވި އެވެ. އެހެންކަމުން ޖޭޕީގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ހާއްސަ ދައުވަތު އެމްއާރްއެމށާއި އޭޕީއަށް ދޭކަމަށެވެ.
ނިހާން އިޝާރާތް ކުރެއްވީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދާދި ފަހުން ދެއްކެވި ވާހަކަފުޅަކަށެވެ.
އަދާލަތުގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވަންޖެހުނު މައްސަލަގާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި ސަރުކާރުން އަދާލަތު ޕާޓީއަށް ހައްގު މިންވަރު ލިބެން ޖެހޭ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
އަންނަ މަހު އޮންނަ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބަށް ކެމްޕޭނު ފެށުމުގެ ގޮތުން ޖުމްހޫރީ ޕާޓީ ގެ ޖަލްސާ މި މަހު 13 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ސެކްރަޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ހޯދަން އެދި ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅި ސިޓީއަށް އަދި ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
އަލީ އާރިފް އިތުރަށް ވިދާޅުވީ ވިދާޅުވީ ދިވެހި ރައްޔިތުން އެހެން ސިޔާސީ ޕާޓީތަކަށް ފުރުސަތު ދީފައިވާ ކަމަށާއި، މިފަހަރު ރައްޔިތުންނަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ޓެސްޓް ކުރުމަށް ލިބޭ ފުރުސަތެއްކަމަށެވެ.