ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާ ވައިރަސް ޖެހޭ މިންވަރު މަޑުޖެހިއްޖެ

Feb 10, 2020
1

ބެއިޖިންގް (ފެބްރުއަރީ 10) - ޗައިނާ އިން އުފަންވެގެން ފެތުރެމުންދާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 900 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

އިއްޔެ އެކަނިވެސް އެ ވައިރަސް ޖެހިގެން 97 މީހުން މަރުވެފައިވީނަމަވެސް، އެ ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންމެވެސް މިންވަރަކަށް މަޑުޖެހިފައިވާކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

ޗައިނާއިން އެކަނި މަރުވި މީހުންގެ އަދަދު 908 އަށް އަރާފައިވާއިރު، މިހާތަނަށް އެ ވައިރަސް 40،171 މީހުނަށް ޖެހިފައިވާކަމަށް ޗައިނާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ވައިރަސް ތަހުގީގުކުރުމަށް ޗައިނާއަށް އެހީތެރިވެދިނުމުގެ ގޮތުން، ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން އިސްނަގައިގެން، ސިއްހީ މާހިރުންގެ ޓީމެއް މިހާރުވަނީ ޗައިނާއަށް ފޮނުވައިފަ އެވެ.

ޗައިނާ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ވައިރަސް ޖެހުނު މީހުންގެ ތެރެއިން 3،281 މީހުން ވަނީ ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ޗައިނާގެ އާ އަހަރުގެ ޗުއްޓީ މިއަދަށް ހަމަވެ، ގިނަ ބަޔަކު އެނބުރި މަސައްކަތަށް ނުކުންނަން ފަށާފައިވީނަމަވެސް، ވައިރަސް ފެތުރުމާ ދެކޮޅަށް ޗައިނާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދަނީ ތަންފީޒުކުރަމުންނެވެ.

އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު، ގާތްގަނޑަކަށް 11 މިލިއަން މީހުން އާބާދީއެއް އޮންނަ ވޫހާން ސިޓީ އަދިވެސް ވަނީ ބަންދުކޮށްފަ އެވެ.

އެ ވައިރަސް ޗައިނާއިން ބޭރުވެ، ތަފާތު 27 ގައުމަކަށް މިހާރު ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން ޗައިނާއިން ބޭރުން މަރުވެފައިވަނީ ދެ މީހުނެވެ.

އެ ވައިރަހާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ޑަބްލިޔުއެޗްއޯ އިން ވަނީ ބައިނަލްއަގުވާމީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.