ބެއިޖިންގް (މާޗް 25) - މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީ ލޮކްޑައުންކޮށް، އަޅާފައިވާ ބައެއް ފިޔަވަޅުތައް އަންނަ މަހުގެ އަށް ވަނަ ދުވަހު އުވާލަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އޭގެ އިތުރުން ދަތުރުފަތުރު މަނާކޮށްފައިވާ ވޫހާން ހިމެނޭ ހޫބޭ ޕްރޮވިންސް މިއަދުގެ ދަންވަރު 12:00 އިން ފެށިގެން އަލުން ހުޅުވާލުމަށްވެސް ވަނީ ނިންމައިފަ އެވެ.
ޗައިނާ އިން ބޭރުވެގެން އެ ވައިރަސް މުޅި ދުނިޔެއަށް ފެތުރިފައިވީނަމަވެސް، އެ ވައިރަސް ފެތުރެންފެށި ވޫހާން ސިޓީގައި ފާއިތުވި ހަފްތާގެ ތެރޭގައި އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ.
ނަމަވެސް، ފާއިތުވި އެއް ދުވަހުގެ ތެރޭގައި މުޅި ޗައިނާ އިން އެ ބަލި ޖެހިފައިވާ އިތުރު 78 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 74 މީހުންނަށް އެ ބަލި ޖެހިފައިވަނީ އެހެން ގައުމުތަކުން އައި މީހުންގެ ފަރާތުންނެވެ. އެކަމާ ގުޅިގެން، ޗައިނާގައި އަލުން ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރު ބައެއް ސިއްހީ މާހިރުން ވަނީ ދީފަ އެވެ. އެއީ މިހާރު އެ ބަލި ކޮންޓްރޯލްކުރެވިފައިވާ ދެކުނު ކޮރެއާގެ އިތުރުން ސިންގަޕޫރުންވެސް ހިއްސާކުރާ ނުރައްކަލެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ބަލާއާފާތެއްގެ ގޮތުގައި ދުނިޔެއިން ކަނޑައަޅާފައިވާ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރަށް ހަލުއި ވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯއިން މިގޮތަށް ބުނެފައި ވަނީ މުޅި ދުނިޔޭގައި އަދިވެސް ވަރަށް ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 300،000 އަށް ވުރެ އިތުރުވެފައި ވަނިކޮށެވެ.
އެގޮތުން، ފުރަތަމަ 100،000 މީހުނަށް އެ ބަލި ޖެހެން 67 ދުވަސް ނެގިއިރު، 200،000 ހަމަކުރަން ނެގީ 11 ދުވަހެވެ. ނަމަވެސް، 300،000 މީހުނަށް އެ ބަލި ފެތުރެން ނަގާފައި ވަނީ އެންމެ ހަތަރު ދުވަހެވެ.