ލައިފްސްޓައިލް

ބޭނުމީ ހިކެންތަ؟ މިއޮތީވެސް ގޮތެއް!

Sep 2, 2015

ދުވާލުގެ ހަތަރުދަމު ސަމްސަލެއްގެ މިންވަރު ކާލައިގެން ވެސް އުނަގަނޑު ފަލަވާހެން ހީވަނީ ހެއްޔެވެ؟ އެހެން ހީވާނަމަ ތިޔަ ކެވެނީ އެންމެ ރަނގަޅު ކެއުމެއް ނޫނެވެ. ހަށިގަނޑު ލޫޅާފަތިކޮށް ބައްޓަމަށް ފިޓު ކުރަން ބޭނުންވަނީ ކުޑަ ގުރުބާނީ އެކެވެ. ކިތަންމެ ބެލްޓެއް އުނަގަނޑުގައި އެޅިޔަސް ބޭނުންވާ ޝޭޕް ފެނުމަކީ ނާދިރު ކަމެކެވެ. އެހެންވީމަ ތިބޭފުޅުން ހިކެން ތައްޔާރު ތޯއެވެ. އެހެންކަމަށް ވާނަމަ ދެން އެންމެ އަވަހަށް މާރުކޭޓަށް ދާ ދުވަހަކު އަޅުގަނޑުގެ ރެސިޕީވެސް ޝޮޕިން ލިސްޓުގައި ހިމަނައިލާށެވެ. 

ކުޅި ކޮށް ކާލީމަ މީހާ "ހޮޓް" ކަމަށް ދައްކަފާނެކަމަށް ގަބޫލު ކުރަން ހެއްޔެވެ. ތަޖުރިބާކާރުން ބުނަނީ މިއީ ތެދެއް ކަމަށެވެ.

މިރުހުގައި ކެޕްސަސިން ކިޔާ މާއްދާއެއް ހުރެ އެވެ. މި މާއްދާގެ ސަބަބުން މިރުހުގެ ބާވަތެއް ކެއުމުން ބަނޑުހައިކަން ފިލައި ބަނޑުހައިވާ މިންވަރު ކުޑަކޮށްދިނުމަށް އެހީވެދެއެވެ. މިރުހުގެ އެންމެ ޕޮސިޓިވް ފައިދާ ލިބިގަތުމަށް ކަޔެން ޕެޕާ ނުވަތަ ރަތްކުލައިގަ ދިގުކޮށް ހުންނަ ތޮޅި މިރުހާއި ޖަލަޕީނޯގެ އިތުރުން ގިތެޔޮ މިރުސް ބޭނުންކުރެވިދާނެ އެވެ.

ސައިންސްގެ ދިރާސާތަކުން ދައްކާ ގޮތުންނަމަ މި ލިސްޓުގައި ކޮފީ ވެސް ހިމަނަން ޖެހެއެވެ. މިއީ ހަށިގަނޑު ހިއްކާލާ ފަންޑިތައަކަށް މިހާރުވެސް ގިނަ ބަޔަކު ބޭނުން ކުރާ ބުއިމެކެވެ. ކޮފީގައި ހުންނަ ކެފެއިން ކިޔާ މާއްދާއެއްގެ ސަބަބުން ކޮފީ ހަށިގަނޑަށް ވާސިލުވުމާއެކު ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް އަވަސް ވެއެވެ. ނަމަވެސް ކޮފީގެ ފަންޑިތައިގެ ތެރެއަށް ފޮނި ކުރާ ޒާތުގެ ބާވަތްތައް އެއްކުރަން ވެއްޖިއްޔާ މިކަމެއް ނުވާނެ އެވެ. އެހެންވީމަ ހިކެން ކޮފީ ބޯނަމަ ކްރީމާއި ހަކުރު ނާޅައި ވޭތޯ ބަލާށެވެ.

ދުވާލެއްގެ މައްޗަށް ތިން ތަށި ކޮފީ އަކީ ފުދޭ މިންވަރެކެވެ. ހަނދާން ބަހައްޓަންޖެހޭ ކަމަކީ ކެފެއިން އަކީ މިންވަރަށް ވުރެ ގިނައިން ބޭނުންކޮށްފި ނަމަ ހަށިގަނޑަށް ނޭދެވޭ ގެއްލުންދޭ އެއްޗެއް ކަމެވެ.

ކިން-ވާ ހޯދަންވެސް، ކިޔަންވެސް އުނދަގޫ ވެދާނެއެވެ. މިއީ ރާއްޖެއިން އާންމުކޮށް ފެންނަ ބާވަތެއް ނޫނެވެ. ކިން-ވާ އަކީ ވެސް ހަނޑޫ އާއިލާގެ މެންބަރެކެވެ. ބާރުލީ އާއި އެއްގޮތް ސިފައެއް ހުރެ އެވެ. އޭގައި ގިނަ މިންވަރަކަށް ކާބޯހައިޑްރޭޓް އާއި ފައިބަ އަދި ޕްރޮޓީން ހުރެއެވެ. ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން ކާބޯހައިޑްރޭޓް އިތުރު ކެއުންތަކުން މީހާ ފަލަކޮށްދެއެވެ. އެކަމަކު އެއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ކާބޯހައިޑްރޭޓް ގިނައިން ހުންނަ ކެއުންތަކުގެ މަދު މިންވަރަކުން އަވަހަށް ބަނޑު ފުރޭނެއެވެ. ކިން-ވާ ހާއްސަވާ ސަބަބު ބުނަން ހެއްޔެވެ. ހަނޑުލާއި ހިލާފަށް ކިން-ވާ ގައި ލޭގެ ހަކުރު ދަށްކޮށްދޭ މާއްދާއެއް ހުރެއެވެ. އޭގެ ސަބަބުން ކިން-ވާ މިވަނީ ހަކުރު ބަލިން ދިފާއުވުމަށްވެސް މުހިއްމު ކެއުމަކަށެވެ.

ފޮނިތޮއްޓަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ ޚާއްސަ މާއްދާއެއް ހުންނަ ބާވަތެކެވެ. އަދި މިއީ އަބަދު ކާއެއްޗެއް ކާލުމަށް ބޭނުންވާ މީހުންނަށް ވެސް ރަނގަޅު އެއްޗެކެވެ. ޔޯގަޓާއި އެކި ކަހަލަ ޕުޑިން ނުވަތަ ސައި/ކޮފީ އަށް އަޅައިގެންވެސް ފޮނިތޮށި ބޭނުންކޮށްލެވިދާނެ އެވެ.

ކަޕްކޭކާއި މަފިން އާއި އެކު ބްލޫބެރީ ކާން ލޯބިކުރަން ހެއްޔެވެ؟ ކާނަމަ ތިޔަ ހެދެނީ ގޯހެކެވެ. ބްލޫބެރީ އަކީ އޭގައި ގިނަ އަދަދަކަށް އިން ސޮލިއުބަލް ފައިބާ އާއި އެންޓި އޮކްސިޑެންޓް ހިމެނޭ މީރު މޭވާ އެކެވެ. ހުހަށް ކާން ބޭނުން ނުވާނަމަ ސެލެޑެއްގައި ނުވަތަ ސްމޫތީއަކާއި އެކު ބްލޫ ބެރީ ބޭނުންކުރާށެވެ.

މަތީގައި ބުނެފައި އެވަނީ ހިކެން މަސައްކަތްކުރާ މީހުންނަށް ކެއުމުގައި ބޭނުންކުރެވިދާނެ ފަސް ބާވަތެކެވެ. މީގެ އިތުރުންވެސް ތަރުކާރީ އާއި ވިޓަމިން-ސީ ގިނއިން ހިމެނޭ މޭވާ އާއި ގްރީން ޓީ އަކީވެސް ހިކެން ބޭނުންކޮށްލެވިދާނެ ފައިދާހުރި ކާނާއެވެ.

ރީތި ބައްޓަމެއްގައި ހަށިގަޑު ހުރުމަކީ ޒުވާންކަން ވެސް ދިގު މުއްދަތަށް ދަމަހައްޓާ ކަމެކެވެ. ހަށިގަނޑު ރީއްޗަށް ހުރުމުން ހިތް އުފާ ވެއެވެ. އޭގެ ސަބަބުން ނުތަނަވަސްކަން ކުޑަވެ މޫނުމަތި ތާޒާކޮށް ހުރެއެވެ. ނިތްކުރިއާއި މޫނުމަށްޗަށް އަންނަ މާޔޫސީ ރޫތައް ނައިސް ގިނަ ދުވަހު ހުރުމަކީ ޒުވާންކޮށް މީހާ ދައްކައިދޭނެ ކަންކަމެވެ.