ހަބަރު

ހޮރައިޒަން އަށް ފިޔަވަޅު އަޅަން އޭޖީގެ ލަފައަށް ވަނީ ފޮނުވާފަ: މިނިސްޓަރު

ގދ. ހޯނޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށްޓަކައި 2005 ވަނަ އަހަރު ހަވާލުކުރި ހޮރައިޒަން ފިޝަރީޒް އިން އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ، އެ މައްސަލަގާއި ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ލަފައަކަށް އެދި އެޓާނީ ޖެނެރަލް (އެޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނުގެ ޒޯނުގެ ރަށްތަކުން މަސް ގަނެ މަސް ބަންދު ކުރާނެ ފެކްޓަރީއެއް ހޯނޑެއްދޫގައި ގާއިމު ކުރުމަށް ހޮރައިޒަން އާއި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 8 ޑިސެމްބަރު 2005 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ހޯނޑެއްދޫން 13 ހެކްޓަރުގެ ބިމެއް ވެސް އެ ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވެ އެވެ.

އެކަމަކު މިހާތަނަށް ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި 14 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ ފިޝަރީޒް މިނިސްޓަރު ޒަހާއާ ސުވާލު ކުރުމަށް ހޯނޑެއްދޫ ހިމެނޭ މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްވާފައިވާތީވެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޒަހާ ވަނީ ހާޒިރުވެވަޑައިގެންފަ އެވެ.

މެންބަރު ފިރުޝާންގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޮރައިޒައިންއާ އެކު ކޮށްފައި ވަނީ އެންމެ މުއާމަލާތެއް ކަމަށް ވެސް މިނިސްޓަރު ޒަހާ ވިދާޅުވި އެވެ. އެއީ އެ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫއުގެ ވޯކްޕްލޭން އިސްލާހުކޮށް ފޮނުވައި ދިނުމަށް 10 ފެބްރުއަރީ 201ަ6 ަގއި ފިޝަރީޒް މިނިސްޓްރީން އެ ކުުންފުންޏަށް އަންގަން ފޮނުވި މުއާމަލާތް އެކަނި ކަމަށެވެ.

މި ސަރުކާރު އައި ފަހުން، މައްސަލަ ހައްލު ކުރުމުގެ ގޮތުން ހޯނޑެއްދޫއަށް މިނިސްޓްރީގެ ޓީމެއް މިދިޔަ އަހަރުގެ އޭޕްރީލް މަހު ގޮސް، ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ފަށަން އެއްވެސް ހުރަހެއް ނެތް ކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ގެންދަން ކުންފުނިން ވޯކް ޕްލޭން ހުށަހަޅަން އެދުނު ކަމަށާއި ނަމަވެސް ކުންފުނީގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ޒަހާ ވިދާޅުވި އެވެ.

"މަސައްކަތުގެ ވޯކް ޕްލޭނެއް އެކުވަލާއި އޭގައިވާ ގޮތުގެ މަތިން މަސައްކަތް ގެންދިއުމަށް ފަރާތަށް ވާނީ އަންގާފައި. އަދި އެ މަސައްކަތް ފެށޭނެ ތާރީހެއް އަންގައިދިނުމަށް ވެސް އެދިފައިވާނެ. ނަމަވެސް މިއަށް އެ ކުންފުނީގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައެއް ނުވޭ." ޒަހާ ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ، ސަރުކާރުގެ ކެބިނެޓްގެ އިކޮނޮމިކް ކައުންސިލަށް މިފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ހުށަހެޅުމުން މަޝްވަރާ ކޮށްގެން ހައްލެއް ނުލިބެއްޖެނަމަ، ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެ ކައުންސިލުން ލަފާ ދީފައިވާ ކަމަށެވެ. އެ ކައުންސިލްގެ ލަފައާ އެއް ގޮތަށް ހޮރައިޒަންއަށް ފިޔަވަޅު އަޅަން އޭޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

"އިކޮނޮމިކް ކައުންސިލްގެ ލަފައާ އެއް ގޮތަށް މަޝްވަރާކޮށް ކުރިއެރުމެއް ލިބިފައި ނުވާތީ އެއްބަސްވުމުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިހާރު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފައި." މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

މި މައްސަލަގާއި ހޮރައިޒަން އިން އެއްބަސްވުމާ ހިލާފުވެފައިވޭތޯ މެންބަރު ސުވާލު ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަނދާން ކޮށްދެއްވުމުން އެއަށް ސީދާ ޖަވާބެއް މިނިސްޓަރު ނުދެއްވަ އެވެ. ވިދާޅުވީ، އެ މައްސަލަ އޮތީ އެޖީއަށް ފޮނުވާފަ އެވެ. އަދި އެ ގޮތަށް ފޮނުވީ، ސަރުކާރުން އުއްމީދު ކުރާ ހިސާބަށް މަސައްކަތް ކޮށްފައި ނުވާތީ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހޯނޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އަޅަން އެހެން ފަރާތަކާ ހަވާލު ކުރަން ބީލަމަށް ލެވޭނީ މިހާރު ހޮރައިޒަންއާ އެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވިގެން ކަމަށެވެ. އެ ކަމުގައި އޭޖީގެ ލަފާ ލިބުމާއެކު، އެ އެއްބަސްވުން ނިންމަން ޖެހޭ ނަމަ އެ ކަމެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.