ހަބަރު

ސީއެސްސީގެ މައްސަލާގައި ހުރިހާ މިނިސްޓަރުން ކޮމިޓީއަށް ހާޒިރުކޮށްފި

ސަރުކާރުގެ މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާ ކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އެއްބާރުލުން ލިބެމުން ދޭތޯ ބަލަން ކެބިނެޓްގެ ހުރިހާ ވަޒީރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުރިހާ ވަޒީރުން ހާޒިރުކޮށް އެ ކޮމިޓީން މިއަދު ކުރިއަށް ގެންދާ ބައްދަލުވުމުގައި މަޝްވަރާ ކުރަމުން ދަނީ ސީއެސްސީން މިނިސްޓްރީތަކަށް އެއްބާރުލުން ލިބެމުންދާ މިންވަރާ ގުޅޭ ގޮތުންނެވެ.

މިއީ މިނިވަން ކޮމިޝަނެއްގެ މައްސަލައެއް ބެލުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަކަށް، ސަރުކާރުގެ ކެބިނެޓްގެ މިނިސްޓަރުންނާ މަޝްވަރާ ކުރުމުގެ ގޮތުން ހުރިހާ މިނިސްޓަރުން ހާޒިރު ކުރި ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ސީއެސްސީގެ އެއްބާރުލުން މިނިސްޓްރީތަކަށް ލިބެމުންދާ މިންވަރު ބަލަން ހުރިހާ ވަޒީރުން މިއަދު ކޮމިޓީއަށް ހާޒިރު ކޮށްފައިވާއިރު، ސީއެސްސީގެ މެންބަރުންނަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް ކޮމިޓީން ދަނީ ބަލަމުންނެވެ.

އެ މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދު އާއި ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަހީގް ވަކި ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް އެ ކަމެއް ގެނައުމުން ވަކި ކުރުމަށްޓަކައި ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދަން ރިޔާސަތުން ވަނީ ކޮމިޓީއަށް މައްސަލަ ފޮނުވާފަ އެވެ.

ޝަހީދު އާއި ޝަހީގް ވެސް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ މިދިޔަ ބުދަ ދުވަހު ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުންތައް ކޮމިޓީން ކުރިއަށް ގެންދިޔައީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގަ އެވެ.