ހަބަރު

ސީއެސްސީއާ ހެދި މަސައްކަތް ލަސްވޭ: މިނިސްޓަރުން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އަމަލުތައް ހުންނަ ގޮތުން މިނިސްޓްރީތަކުގެ ހިންގުން ދަތިވެ ލަސްތަކާ ކުރިމަތިވާ ކަމަށް މިނިސްޓަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ސީއެސްސީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަރުކާރުގެ ހުރިހާ މިނިސްޓަރުން މިއަދު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންފަ އެވެ. އަދި ހުރިހާ މިނިސްޓަރުން ވެސް ވަނީ ސީއެސްސީގެ މަސައްކަތުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މައްސަލައަކީ ވިސްނުމުގެ މައްސަލައެއް ކަމަށެވެ. ސަރުކާރު ހިންގެނީ ސިވިލް ސާވިސް އޮނިގަނޑުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ އެހީތެރިކަމާ އެކީގައި ކަމަށާއި ނަމަވެސް ސިވިލް ސާވިސް ކޮމިޝަންގެ ތެރެއިން، އެއީ ސިޔާސީ ފިކުރުތަކުގެ ތެރެއިން އެކި ގޮތްގޮތަށް މަސްހުނި ވެގެން އައިސްފައި އޮތް ސިވިލް ސާވިސް ކޮމިޝަނެއް ކަމަށެވެ.

"ސިވިލް ސާވިސް ކޮމިޝަންގައި އެ ތިއްބެވި ބޭފުޅުން ވަނީ ސިޔާސީ އެކި ޕޯޑިއަމްތަކުގައި މަސައްކަތް ކުރައްވާފައި، އެ ގޮތަށް އޮތްއިރު، އަޅުގަނޑުމެން ވަކި މެނިފެސްޓޯއެއް ރައްޔިތުންނަށް ޑެލިވާ ކޮށްދޭން ސަރުކާރަށް އައިއިރު، އެކުގައި މަސައްކަތް ކުރަން އެބަ ހުރި ދަތިތަކެއް، ދަތިތައް ފިލުވޭނީ، ކޮމިޝަންގެ މެންބަރުންގެ ޒާތީ ކަންކަން އެއްކިބާ ވެގެން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑު އެކުލާވައިލަން ސީއެސްސީގައި އެދިގެން އެތައް ފަހަރު މުއާމަލާތް ކޮށްގެން އެ ކަން ވެސް ކުރެވުނީ ދެތިން މަސް ތެރޭގައި ކަމަށެވެ.

"ގަބޫލެއް ނުކުރަން ރައީސް އާ މިނިސްޓްރީއެއް އެކުލަވާލަން ނިންމީމައި އެ މިނިސްޓްރީގެ އާންމު އޮނިގަނޑު އެކުލަވާލަން އެހާ ގިނަ ދުވަހުގެ މުއްދަތެއް ނަގަން ޖެހޭނެ ކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ. އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ފަރުވާ ކުޑަވެ ފިޔަވަޅު އަޅަން ފޮނުވުމުން އެކަމަށް ވެސް ފަސް މަސް ނަގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވެ، އަދި ސީއެސްސީއާމެދު ނުރުހުން ފާޅު ކުރެއްވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކުރިން އޮތް އެ މިނިސްޓްރީގެ އޮނިގަނޑާ، އެ މިނިސްޓްރީގެ ޒިންމާތަކާ ދިމާނުވާ ކަމަށެވެ. ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމަށްޓަކައި އާ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ސީއެސްސީއާއެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި ކުރިއަށް ދިޔަ ކަމަށާއި ނަމަވެސް އިދާރީ އޮނިގަނޑާމެދު އެއްބަސް ނުވެވި ލަސްވެގެން ދިޔަ ކަމަށެވެ.

"ސީއެސްސީގެ ބޭފުޅުންގެ ވިސްނުމާއި އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަމާ ދިމާނުވެގެން ހިނގައިގަންނާނެ ގޮތެއް ނޭނގިގެން އެތައް ދުވަހަކު ތިބެން ޖެހުނު،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ސިވިސް ސާވިސް މުވައްޒަފުންގެ މައްސަލައެއް ނެތް ކަމަށާއި އެ މުވައްޒަފުންގެ މަސައްކަތަށް ހިތްވަރު ދެއްވާ ކަމަށެވެ. ނަމަވެސް މައްސަލައަކީ ކޮމިޝަންގެ ބޭފުޅުންނާއި ނިންމުންތައް ކަމަށެވެ.

ހައުސިން މިނިސްޓަރު އާއިމިނަތު އާތިފާ ފާހަގަ ކުރެއްވީ ފަންނީ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ މައްސަލަ އެވެ. އެކަމާ ހުރެ ފަންނީ މުވައްޒަފުން މިނިސްޓްރީތައް ދޫކޮށް ކުންފުނިތަކާ ގުޅެމުންދާ ކަމަށާއި އެއީ ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް އެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ޒާހިރު އިތުރަށް ވިދާޅުވީ ސިއްރު ޖަހާފައި ފޮނުވާ ސިޓީތަކުގެ މައުލޫމާތުތައް ވެސް އެ ސިޓީ ރައްދުވާ މީހާއަށް ސިޓީ ފޮނުވާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލިބިގެންދާ ކަމަށެވެ. އެ ކޮމިޝަންގައި ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމަކީ މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ބޭފުޅެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވައި މިނިވަން މުއައްސަސާތަކާމެދު އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ނުފޫޒުގައި ސީއެސްސީގެ މެންބަރުން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ކުރެވޭއިރު އެ މައްސަލަ ކޮމިޓީއިން ބަލަން ވެސް ބެލި އެވެ. ނަމަވެސް މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.