ހަބަރު

ގާނޫނު ތަންފީޒު ކުރުން ލަސްވާތީ މެންބަރުންގެ ނުރުހުން ޒަހާއަށް

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ އާ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުން ލަސްވަމުން ދާތީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުމާއި ގިނަ ސުވާލުތައް އަމާޒު ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޒަހާ ވަހީދު ހާޒިރު ކޮށްފައި ވަނީ ގދ. ހޯނޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ގާއިމު ކުރަން ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާއިރު އޭގެ އަމަލީ މަސައްކަތްތައް ނުފެށި 14 އަހަރަށް ވުރެ ގިނަ ދުވަސް ވުމާ ގުޅިގެން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރަން ހުށަހަޅުއްވާފައިވާ ސުވާލުތައް ކުރެއްވުމަށެވެ.

ވަޒީރަށް ކުރަން ހަމަޖެހިފައިވާ ސުވާލަށް ފަހުގައި އިތުރު ސުވާލު ކުރުމަށް އެހެން މެންބަރުންނަށް ފުރުސަތު ދެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރަށް އިތުރު ސުވާލު ކުރަން ލިބުނު ވަގުތުގައި މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ މަސްވެރިކަމުގެ އާ ގާނޫނާއި އެ ގާނޫނުގައި ގާއިމު ކުރަން އޮންނަ ގޭދޮށު މަސް ފެކްޓަރީތައް އެޅުމާ ގުޅޭ ގޮތުން ސުވާލުތައް ކުރައްވާފަ އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެ ގޮޮތުން މަސްވެރިކަމުގެ މެނޭޖްމަންޓް ފްރޭމް ވޯކް ފުރިހަމަ ކުރުމަށްޓަކައި ހަދަން ޖެހޭ ތިން ގަވާއިދެއް ފުރިހަމަކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަސްވެރިކަމުގެ ލައިސަންސް ދިނުމާ ބެހޭ ގަވާއިދާއި ގާނޫނާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު އާއި އާންމު ގަވާއިދު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި. މި ގަވާއިދުތައް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ގެޒެޓް ކުރެވޭނެ." ޒަހާ ވިދާޅުވި އެވެ.

ގޭދޮށު މަސް ފެކްޓަރީތަކާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ، އެ ކަމަށް ވެސް ގަވާއިދެއް ހަދަން ޖެހޭއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށެވެ.

އެކިއެކި ރަށްރަށުގައި ގޭދޮށު މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ވެސް އައްޑު އަތޮޅުގެ ހަތަރު ރަށެއްގައި ގޭދޮށު މަސް ފެކްޓަރީ ގާއިމު ކުރުމަށްޓަކައި ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އާ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުން ލަސްވާތީ މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އަދި މަސްވެރިން ވިއްކާ މަހަށް ހަމަ އަގު ގެނައުމަށްޓަކައި ގާނޫނުގައި ކަނޑައެޅިފައިވާ ކަންކަން ކުރުމުން ލަސްވުމުގައި ލަސްތަކެއް އުޅޭތީ ވެސް މެންބަރުން ކަންބޮޑުވުން ފާލު ކުރެއްވި އެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ޒަހާ ދެއްވި ޖަވާބުތަކާ ގުޅިގެން ނުރުހުން ފާޅު ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދެއްކެވި އެވެ. ރައީސް ނަޝީދު ވިދާޅުވީ، ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހެދުމަށްޓަކައި ގާނޫނުގައި ބަޔާން ކުރާ މުއްދަތު ވެސް ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެ ގަވާއިދުތައް ކޮބައިތޯ މަޖިލީހުގެ މެންބަރުން ސުވާލު ކުރައްވަުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މަޖިލީހުން ހަދާފައިވާ މަސްވެރިކަމުގެ ގާނޫނު ބޮޑެތި އިސްލާހުތައް ގެނެސްފައި. މި ގާނޫނު މަޖިލީހުން ފާސްކުރުމުން ސެޕްޓެމްބަރު މަހު ވަނީ މި ގާނޫނު ތަސްދީގުކޮށްފައި. ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވޭ އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ތިން މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލަން ޖެހޭ ކަމަށް. މިހާރު ތިން މަސް ފަހަނައަޅާ ގޮސްފައިވާ ކަމަށް. އެ ގަވާއިދުތައް ކޮބައިތޯ." ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެން ވިދާޅުވީ، މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހެދުން ލަސްވަމުންދާތީ، ގާނޫނުގައި މަޖިލީހަށް އޮންނަ ދައުރު އަދާ ކުރުމުގެ ގޮތުން އެ ގަވާއިދުތައް ހަދައި ނިންމުމަށްޓަކައި މަޖިލީހުގެ ގަވާއިދު ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން މަޖިލީހުގެ އަމީންއާންމަށް އެމަނިކުފާނު އަންގަވާ ކަމަށެވެ.