މިނިމަމް ވޭޖް

މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް

ރާއްޖޭގައި ހިންގާ ވިޔަފާރިތަކާއި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ސަރުކާރަށް ލާޒިމުކޮށް އެ ބާރު އިކޮނޮމިކް މިނިސްޓަރަށް ލިބޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާ ދޭ ފަރާތުން ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ސަރުކާރަށް ވަނީ ލާޒިމުކޮށްފަ އެވެ. އެކަމަކު މިނިމަމް ވޭޖަށް ވަކި އަދަދުތަކެއް ދޭން ބިލުގައި ސަރުކާރަށް ލާޒިމު ކޮށްފައެއް ނުވެ އެވެ.

މިނިމަމް ވޭޖް ކަނޑައަޅާނީ އެ ކަމަށް ލަފާދޭން އެކުލަވާލާ ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރު ކަމަށް ބިލުގައިވެ އެވެ. ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑް" ގެ ނަމުގައި ބޯޑެއް އެކުލަވާލަން ޖެހެ އެވެ. މިނިސްޓަރު މިނިމަމް ވޭޖްގެ އަދަދުތައް ކަނޑައަޅާނީ އެ ބޯޑުގެ ލަފާގެ މަތިންނެވެ.

ބިލުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ހިންގާ ހަތް ސިނާއަތަކަށް ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެނ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް

  • މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
  • ފަތުރުވެރިކަމުގެ ސިނާއަތް
  • ކޮންސްޓްރަކްޝަން ސިނާއަތް
  • ދަތުރުފަތުރުގެ ސިނާއަތް
  • ސިއްހީ ހިދުމަތުގެ ސިނާއަތް
  • ތައުލީމީ ހިދުމަތުގެ ސިނާއަތް
  • ކުދި މެދު ފަންތީގެ ވިޔަފާރީގެ ސިނާއަތް

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދޭން އެކުލަވާލާ ބޯޑުގައި ފަތުރުވެރިކަމުގެ ސިނާއަތާއި ކޮންސްޓްރަކްޝަން ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ސިނާއަތް ތަމްސީލު ކުރާ ޖަމިއްޔާތަކުގެ ފަރާތުން ހުށަހަޅާ ހަތަރު މެމްބަރުން ހިމެނެން ޖެހެ އެވެ. އަދި މަސައްކަތްރީންގެ ޖަމިއްޔާތަކުން ހުށަހަޅާ ފަސް މެންބަރަކު ހިމެނެ އެވެ.

ބޯޑުގެ ޗެއާޕާސަންގެ ގޮތުގައި އިންނަވަނީ، އިކޮނޮމިކް މިިނިސްޓަރު ކަނޑައަޅާ ފަރާތެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ބޯޑުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފަރާތެއް ވެސް ބޯޑުގައި އިންނަވާނެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖަށް ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މިނިސްޓަރު މުރާޖައާ ކުރައްވަން ޖެހޭނެ އެވެ. އަދި މިނިމަމް ވޭޖްގެ އަދަދު ރިވިއު ކުރަން ބޯޑަށް ފެންނަނަމަ މިނިސްޓަރަށް ލަފާ ދެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި ގައުމަށް ދިމާވާ މައްސަލައަކާ ގުޅިގެން ދެ އަހަރު ނުވަނީސް ވެސް މިނިސްޓަރަށް އެ އަދަދު ރިވިއު ކުރެވޭނެ ކަމަށެވެ.

މިނިވަމް ވޭޖް ކަނޑައެޅުމުގައި މަސައްކަތްތެރިންގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާ ހަރަދުތަކާއި، އިގްތިސާދީ ކަންކަމަށް ހިނގާ ހަރަދުތަކާއި، ދިރިއުޅުމުގެ ހަރަދުތަކާއި، އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ ގޮތުން އާއިލާތަކަށް ލިބޭ އިނާޔަތްތަކަށް ބަލަން ބިލުގައި ބުނެ އެވެ. އަދި ދިރިއުޅުމުގެ މިންގަނޑުތަކަށާއި އުފެއްދުންތެރިކަމުގެ މިންވަރަށާއި ގިނަ މީހުން ވަޒީފާގައި ދެމެހެއްޓުމުގެ ސިޔާސަތުތަކަށް ބޯޑުން ރިއާޔަތް ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.