ހަބަރު

ޤުރްއާން މާއްދާއާ ބެހޭ ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅައިފި

މި އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް އޯލެވެލް އިމްތިހާނުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ޤުރްއާން މާއްދާ ހިމެނުމުން އެ ކަމުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ބެލެނިވެރިންތަކެއް ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިންގެ ފަރާތުން މަޖިލީހަށް މި ޕެޓިޝަން ހުށަހަޅުއްވައި ދެއްވީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ އެވެ. އެ ޕެޓިޝަންގައި ރާއްޖޭގެ 17 ސްކޫލަކުން 400 ބެލެނިވެރިން ސޮއިކޮށްފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕެޓިޝަންގައިވާ ކަންކަން ފާހަގަ ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް އިމްތިހާން ދޭ މާއްދާތަކުގެ ތެރޭގައި ޤުރްއާން މާއްދާ ހިމަނާފައިވާ ކަމަށް އަންގާފައި ނުވާ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވާ ކަމަށެވެ.

"ދަރިވަރުންނާއި ޓީޗަރުން ތަމްރީން ނުކޮށް، ކުއްލިއަކަށް ގުރްއާން މާއްދާގެ އިމްތިހާނެއް ބޭއްވުމަށް ކަނޑައެޅުން. އެސްއެސްއީ އިމްތިހާނަށް ދަރިވަރުން އަހުލުވެރި ކުރި ގޮތާއި އިމްތިހާން ތައްޔާރު ކުރި ގޮތް ތަފާތުވުން. މަހުރަޖުތަކުންނާއި ތަޖުވީދުން މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތާއި ސްކޫލްތަކުން ކިޔަވައިދީފައިވާ ގޮތް ތަފާތުވުން." ޕެޓިޝަންގައިވާ ކަންކަން ހާމަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ޕެޓިޝަންގައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އެ ޕެޓިޝަން ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ކޮމިޓީން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިންގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ 77 ބެލެނިވެރިން، ކަލާފާނު ސްކޫލްގެ 64 ބެލެނިވެރިން، ބިލަބޮންގް ސްކޫލްގެ 53 ބެލެނިވެރިންގެ އިތުރުން ހުރަވީ ސްކޫލްގެ 46 ބެލެނިިވެރިން ހިމެނެ އެވެ. ހެނބަދޫ ސްކޫލްގެ 33 ބެލެނިވެރިން، އަމީނިއްޔާ ސްކޫލްގެ 25 ބެލެނިވެރިން، އިސްކަންދަރު ސްކޫލްގެ 20 ބެލެނިވެރިން ވެސް ހިމެނެ އެވެ.

އަހްމަދިއްޔާ ސްކޫލްގެ 15 ބެލެނިވެރިން، ގާޒީ ސްކޫލްގެ 18 ބެލެނިވެރިން، ރެހެނދި ސްކޫލްގެ 11 ބެލެނިވެރިން، ބްރައިޓްވޭ ސްކޫލްގެ 14 ބެލެނިވެރިންނާއި ޖަމާލުއްދީން ސްކޫލްގެ ނުވަ ބެލެނިވެރިންގެ އިތުރުން ހަނިމާދޫ ސްކޫލް އާއި ގިޔާސުއްދީން ސްކޫލްއާއި ތާޖުއްދީން ސްކޫލް އިން ވެސް ބެލެނިވެރިންތަކެއްގެ ސޮއި ޕެޓިޝަންގައި ވެ އެވެ.

ގުރްއާން މާއްދާއާ ގުޅިގެން ބެލެނިވެރިންތަކެއް ސޮއިކޮށްފައިވާ ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މީގެ ކުރިން ވަނީ އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ބަޔަކު ފަށާފަ އެވެ.

އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަހުން އެ ވާހަކަ ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ. އެޑިއުކޭޝަން އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ގުރްއާން މާއްދާ އިމްތިހާނު ކުރުމަށްޓަކައި ގްރޭޑް ނުވައަކާއި ގްރޭޑް 10 ގެ ދަރިވަރުންނަށް އެ މާއްދށ ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. އަދި އާ ގައުމީ މަންހަޖާއެކު ގްރޭޑް އެކަކުން 10 އަށް މާއްދާއެއްގެ ގޮތުގައި ގުރްއާން ކިޔަވައިދީ، އިމްތިހާނު ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.