ކުޅިވަރުގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް، ރާއްޖޭގެ ކުޅިވަރުގެ އެންމެ އިސް ހިންގުންތެރިންނާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ކުޅިވަރު ކުރިއެރުވުމުގައި އެސޯސިއޭޝަންތަކަށް ދިމާވާ ދަތިތަކާއި އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާގައި ސްކޫލް ކުދިންނާ ގުޅޭ ކުޅިވަރުގެ މުހިންމު ނިންމުންތައް ނިންމުމުގައި އެސޯސިއޭޝަންތަކުގެ މަޝްވަރާ ހޯދުމުގެ މުހިންމުކަން ކުޅިވަރުގެ އިސްވެރިން ފާހަގަ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ކުޅިވަރުގެ އިސްވެރިން ހުށަހެޅުއްވި ކަންކަމާ ބެހޭގޮތުން ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ނައިބުރައީސް ފައިސަލް ނަސީމް ދެއްވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. އަދި މިދިޔަ އަހަރަކީ ބައިނަލްއަގްވާމީ ގޭމްސްތަކުގައި ރާއްޖެއަށް މިހާތަނަށް އެންމެ ކާމިޔާބު އަހަރުކަން ފާހަގަކޮށް ނައިބު ރައީސް ވަނީ އެސޯސިއޭޝަންތަކުން ކުރެއްވި މަސައްކަތް ފާހަގަ ކޮށްފަ އެވެ.
ރައީސް އޮފީހުގައި މި ބައްދަލުވުމުގައި، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފާއި، ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމްގެ އިތުރުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ރައީސުން ބައިވެރިވެ ވަޑައިގެންނެވި އެވެ.