ޑރ. މުހައްމަދު ޖަމީލް އަހުމަދު

އަނދުން ހުސެއިންގެ ވާހަކަ ކުށްވެރިކޮށް ފިޔަވަޅު އަޅަންޖެހޭ: ޖަމީލް

މާލެއަށް ޖެހިފައި އޮތް ހާލަތަކީ ފަލަސްތީނަށް ޖެހިފައި އޮތް ހާލަތު ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަތައް ކުށްވެރިކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މާލެއަކީ މާލެ ރައްޔިތުންގެ ތަނެއް ކަމަށާއި ނަމަވެސް މާލެ ރައްޔިތުން އުޅެމުންދަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. ކޯސްޓް ބޮޑު ދަޅެއްގައި ނިދާފައި ފެންވަރަނީ ކުޑަ ދަޅަކުން ކަމަށް އޭނާ ވިދާޅުވި އެވެ. މާލޭގެ ރައްޔިތުން އެއަށްވުރެ ޝަރަފުވެރިވާން ޖެހޭނެ ކަމަށެވެ.

މާލެ އެއްކޮށް ހިއްކައި ބިން ކޮޅު ހިތުހުރި ގޮތަކަށް ކޮންމެ ސަރުކާރަކުން ވެސް ބަހާލަނީ ކަމަށް ޝަހީމް ވިދާޅުވި އެވެ. ކަނޑުއޮޅިއާ ޖެހެންދެން ހިއްކުމަށްފަހު ވެސް އެހެން ތަންތަނުން މީހުން ގެނެސް ވަޒަންވެރި ކުރުވީ ކަމަށާއި މާލެ މީހުން ތިބީ ތިބި ގޮތަށް ކަމަށެވެ.

"ހަމަ ގާތްގަނޑަކަށް މިތަނަށް [މާލެ] ދިމާވެފައިވަނީ ފަލަސްތީނަށް ދިމާވެފައިވާ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ހުސައިންގެ ވާހަކަތައް ކުށްވެރިކޮށް ޖަމީލް ވިދާޅުވީ އޭނާގެ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން ފިޔަަޅު ނާޅައިފިނަމަ އެއީ އެ ޕާޓީން ގަބޫލުކުރާ ހަމަ ކަމަށް ބެލެވޭނެ ކަމަށެވެ.

"އަދި އަތޮޅުތެރޭގެ ރައްޔިތުންނާމެދު އެ ޕާޓީގެ އިސްވެރިންގެ ހަސަދަ އޮތް މިންވަރު ސާބިތުވާ ކަމެއް. ނިކަމެތި ހާލުގައި ގުރުބާން ވަނީ ކިތަށް ރައްޔިތުންތޯ." ޖަމީލް ސުވާލު ކުރެއްވިއެވެ.

ޝަހީމްގެ ވާހަކަތަކަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ އިސްރާއިލްގެ ނުބައި ނުލަފާ މީހުންނާ އެއް ހަމައަކުން އަތޮޅުތެރޭ މީހުން މިނެކިރުމަކީ އެކަމާ ލަދުވެތިވާ ކަމެއް ކަމަށެވެ. އަދި ދެރަވެ ކަންބޮޑުވެސްވާ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން މާލޭގަ ދިރިއުޅޭ ރައްޔިތުން ވެސް ބޯހިޔާވަހިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް، އެކަމަކު ތަފާތުކުރުން ނައްތާލަން ޖެހޭ،" ޔައުގޫބު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފް ވިދާޅުވީ މާލެއަށް މީހުން ހިޖުރަކުރަން މަޖުބޫރު ކުރުވީ ޖުމްހޫރިއްޔާއަކަށް ބަދަލުވެ އައި ވެރިންތަކުގައި ސީދާ އެ މަގުސަދުގައި ސިޔާސާތުތަކަށް ގެެނެވުނު ބަަދަލުތަކުގެ ސަބަބުން ކަމަށާއި ހުރިހާ ކަމެއް މަރުކަޒީ ކުރެވި ދިވެހިންނަން އެގޮތް މަޖުބޫޫރު ކުރުވުމުން ކަމަށެވެ.

"މިއަދު އެސިޔާސަތުތަކުގެ ގެއްލުން މާލޭގެ ރައްޔިތުންނަށާއި ދިވެހި އެންމެހާރައްޔިތުންނަށް ފޯރަމުންދާއިރު، މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރުވި ރައްޔިތުންނަކީ އިޒްރޭލުގެ މީހުން ކަމުގައި ސިފަވާގޮތަށް ވާހަކަފުޅު ދެއްކެވުމީ ހިތާމަހުރި ކަމެއް،" ޔާސިރު ވިދާޅުވި އެވެ.

ޝަހީމްގެ ވާހަކަތަކަށް އެންމެ ހޫނު ރައްދެއް ދެއްވާފައިވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނެވެ. ސައުދު ވިދާޅުވީ މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫން ކަމަށާއި މާލެ ތަރައްގީ ކުރުމަށް ނެގި ލޯންތަކާއި ކުރަމުންދާ ހަރަދުތަކަކީ ދިވެހި ރައްޔިތުންގެ އެސެޓް ކަމަށެވެ. ނަސްލީ ތަފާތު ކުރުން ބޮޑު ކުރާނަމަ "ރާއްޖެތެރެ މީހުން" މާލެ ހިފަން ޖެހިދާނެ ކަމަށެވެ. މާލެ ދަފްތަރުގައި ޖެހިފައިވާ އެންމެން ރަށު ރަޖިސްޓްރީއަށް ބަދަލުވުމަށް ގޮވާލައްވާ ކަމަށެވެ.

"މާލެ ދަފްތަރުގަ ޖެހިފައިވާ ރައްޔިތުން އެ ލިސްޓް ދޫކޮށް އެ ބަޔަކު ނިސްބަތްވާ ރަށުގަ ރަޖިސްޓްރީއަށް އަވަހަށް ބަދަލުވުމަށް ގޮވާލަން، ރާއްޖެތެރޭ މީހުންގެ ފައިސާއިން މާލެ ތަރައްގީ ކޮށްފަ އެ ރައްޔިތުންނަށް ދަތިކޮށް ފުރައްސާރަ ކުރާނަމަ ދެކުނު ރައްޔިތުން އަނެއްކާވެސް ސުވަދީބު ސަރުކާރެއް އުފައްދަން ޖެހިދާނެ،" ސައުދު ވިދާޅުވި އެވެ.