ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓް ގެނެވޭ މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.
މޯލްޑިވިއަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޮބައިލް އެޕްލިކޭޝަން ތައާރަފު ކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އެވެ.
ގޫގުލް ޕްލޭ އާއި އެޕަލް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭ މޯލްޑިވިއަން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރުމުގެ އިތުރުން، ޓިކެޓް ނަގަން ފައިސާ ވެސް ދެއްކޭނެ އެވެ. މީގެ އިތުރުން އެޕް މެދުވެރިކޮށް ދަތުރު ޕްލޭން ކޮށްލުމާއި ކުރިން ދަތުރުކޮށްފައިވާ ގޮތުގެ ހިސްޓްރީ ވެސް ބަލައިލެވޭނެ އެވެ.
މީގެ އިތުރުން މޯލްޑިވިއަނުން އެކި މަންޒިލްތަކަށް ތައާރަފުކުރާ ފެއާތަކުގެ އަގުތައް ވެސް އެޕުން ފެންނާނެ އެވެ.
ރިޒްވީ މިއަދު ވިދާޅުވީ އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތް ތަކަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރި ސަބަބަކީ ވެސް އެއީ ކަމަށެވެ.
"މި އެޕަށް ކުރިއަށް އޮތްތަނުގައި ރީފަންޑް ކުރުން ފަދަ ސާވިސްތައް ވެސް އެޑް ކުރަމުން ގެންދާނެ" ރިޒްވީ ވިދާޅުވި އެވެ.
މޮބައިލް އެޕެއް ތައާރަފު ކުރި ނަމަވެސް އެ ކުންފުނީގެ ކޯލް ސެންޓަރަށް ގުޅައިގެނާއި ވައިބާ މެދުވެރިކޮށް ވެސް ޓިކެޓު ނެގޭނެ ކަމަށެވެ.
މޯލްޑިވިއަން އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެވެ. އެ ކުންފުނިން ރާއްޖޭގެ ހުރިހާ މަންޒިލެއްގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް އާއި ބަންގްލަދޭޝަންގެ ޑާކާ އަދި ތައިލެންޑާއި ޗައިނާގެ މަންޒިލްތަކަށް ދަތުރު ކުރެ އެވެ.