ވިޔަފާރި

ގެއްލުން ކުޑަ ކުރަން މޯލްޑިވިއަން އިންޑިއާގެ މަންޒިލްތަކަށް

Feb 11, 2020
4

ކޮރޯނާ ވައިރަސްގެ ސަބަބުން މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލާފައި ވާތީ، ލިބެމުންދާ ގެއްލުން ކުޑަ ކުރަން އިންޑިއާގެ އިތުރު މަންޒިލް ތަކަށް ދަތުރު ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ އެ ކުންފުނިން ބޭރަށް ދަތުރު ކުރަން ބޭނުން ކުރާ އެއާބަސް އޮޕަރޭޝަންގެ ބޮޑުބައި ބިނާވެފައި އޮތީ ޗައިނާ އަށް ކަމަށާ ނަަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ދަތުރުތައް މެދުކަނޑާލަން ޖެހުމުން ގެއްލުން ވާނެ ކަމަށެވެ. އެހެންކަމުން މި ގެއްލުން ކުޑަ ކުރެވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ހަމައެކަނި ރާއްޖެއިން ޑައިރެކްޓްލީ ޗައިނާ އަށް ދަތުރު ކުރާ އެއް އެއާލައިން. އެހެންވެ ފުދޭވަރެއްގެ ބޮޑު އިމްޕެކްޓެއް އަޅުގަނޑުމެންނަށް އަންނާނެ. އެހެންވީމަ ގެއްލުން ކުޑަ ކުރަން މިދަނީ މަސައްކަތްތަކެއް ކުރަމުން. އެހެންވެ އިންޑިއާގެ އާ މަންޒިލް ތަކަށް ދަތުރު ފަށަން މިދަނީ މަސައްކަތް ކުރަމުން. ނަމަވެސް އަދި ފައިނަލެއް ނުކުރެވޭ ކޮން މަންޒިލް ތަކެއް ކަމެއް،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭން ބޭރަށް ދަތުރުކުރާ އެއާ ކްރާފްޓެއް ގްރާއުންޑް ކޮށްފަ ނުބޭއްވޭނެ ކަމަށާ، އެހެންވެ އިތުރު މަންޒިލްތަކަށް ފަށަން ނިންމީ ކަމަށެވެ.

"އެއާ ކްރާފްޓެއްގެ ހަރަދުތައް ދާނީ އަރަމުން. އެންމެ ކައިރިން އެންމެ އަވަހަށް ފެށޭނެ މަންޒިލަކަށް މި އޮތީ އިންޑިއާ. އެހެންވެ އިންޑިއާ އަށް ދަތުރު ފަށަން މި ނިންމީ،" ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރުމުގެ ކުރީގައި ހަފުތާއަކު ހާހެއްހާ ޓޫރިސްޓުން ޗައިނާ އިން ގެންނަ އެއާލައިން އެކެވެ. އެ އެއާލައިނުން ޗައިނާގެ ހަތަރު ސިޓީ އަކަށް ދަތުރު ކުރި އެވެ.