ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާ ވައިރަސް: ޗައިނާގެ އިސް ސިއްހީ އޮފިޝަލުންތަކެއް ވަކިކޮށްފި

Feb 11, 2020

ބެއިޖިންގް (ފެބްރުއަރީ 11) - ޗައިނާއިން ފެތުރެން ފެށި އާ ކޮރޯނާ ވައިރަސްގެ ކަންކަން ބެލުމުގައި އިހުމާލުވިކަމަށްބުނެ، ސަރުކާރުގެ އިސް ސިއްހީ އޮފިޝަލުންތަކެއް މަގާމުން ދުރުކޮށްފި އެވެ.

އެ ވައިރަސް ޖެހިގެން ހަމައެކަނި ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރު 1،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ވައިރަސް ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސްގެ ހެލްތު ކޮމިޝަނުގެ ޕާޓީ ސެކްރެޓަރީގެ އިތުރުން އެ ކޮމިޝަނުގެ އިސް ވެރިޔާވެސް ވަނީ މަގާމުމް ދުރުކޮށްފަ އެވެ.

ވައިރަހާ ގުޅިގެން ލިބުނު އެހީތަކަށް އިހުމާލުވިކަމަށްބުނެ، އެ ސަރަހައްދުގެ ރެޑް ކްރޮސްގެ އިސް އޮފިޝަލުވެސް ވަނީ ވަކިކޮށްފަ އެވެ.

ވަދެ ނުކުތުން އެއްކޮށް މަނާކޮށްފައިވާ ހޫބޭން އިއްޔެ އެކަނިވެސް 103 މީހުން ވަނީ މަރުވެފަ އެވެ. އެއާއެކު، ޗައިނާގެ އެކި ސަރަހައްދުތަކުން މަރުވި މީހުންގެ އަދަދު ވަނީ 1،016 އަށް އަރައިފަ އެވެ.

ނަމަވެސް، އެ ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންމެވެސް މިންވަރަކަށް މަޑުޖެހިފައިވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

އެ ވައިރަސް ޖެހުނު މީހުންގެ ރަސްމީ އަދަދު މިހާރު 42،200 އަށް އަރާފައިވާއިރު، އެއީ 2002 ވަނަ އަހަރު ހަމަ ޗައިނާއިން ފެތުރުނު ސާސް ރޯގާއަށްވުރެ އިތުރު އަދަދެކެވެ.

އެ ވައިރަހާ ދެކޮޅަށް ޗައިނާ ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ޓީމެއް މިހާރު ދަނީ ޗައިނާގައި ހަރަކާތްތެރިވަމުންނެވެ.

އެ ވައިރަސް ޗައިނާއިން ބޭރުވެ، ތަފާތު 27 ގައުމަކަށް މިހާރު ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން ޗައިނާއިން ބޭރުން މަރުވެފައިވަނީ ދެ މީހުނެވެ.