މި މަސް ނިމުމުގެ ކުރިން ސަރުކާރުން މިނިމަމް ވޭޖް އިއުލާން ކުރެވިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަސް މިނިސްޓަރު އެކުލާވަލެއްވި ބޯޑުން ކުރި ދިރާސާއިން ބޯޑުން ދީފައިވާ ލަފަ އާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ އަދަދަކާ އެކު މި މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖްގެ އަދަދު އިއުލާން ކުރެވިގެން ދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖްގެ އަދަދެއް މި މަހުގެ ތެރޭގައި އިއުލާން ކުރެވިގެން ދާއިރު، އެއީ ވަޒީފާއާ ބެހޭ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާ ގުޅިގެން ކުރާ އިއުލާނެއް ނޫން ކަމަށެވެ. އެއީ ސަރުކާރުން އިސް ނަގައިގެން ކުރާ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
މި މަސް ނިމުމުގެ ކުރިން ސަރުކާރުން މިނިމަމް ވޭޖްއެއް ކަނޑައަޅައި އިއުލާން ކުރާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއިރު، ރާއްޖޭގައި މަސައްކަތް ކުރާ މީހުނަށް ދެން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ސަރުކާރުން ކަނޑައަޅަން ލާޒިމު ކުރާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލުގައިވާ ގޮތުން، މިނިމަމް ވޭޖްގެ އަދަދެއް ކަނޑައެޅުން ސަރުކާރަށް ލާޒިމުކޮށްފައިވީ ނަމަވެސް މިނިމަމް ވޭޖަށް ވަކި އަދަދުތަކެއް ކަނޑައަޅަން ސަރުކާރަށް ލާޒިމު ކުރަން ބިލަކު ނެތެވެ. ބިލުގައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އޮންނާނީ އިކޮނޮމިކް މިނިސްޓަރަށެވެ.
ބިލުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައަޅަން މިނިސްޓަރަށް ލަފާ ދޭނެ ބޯޑެއް އެކުލަވާލަން ޖެހެ އެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ހިންގާ ހަތް ސިނާއަތަކަށް ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެ އެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
- ފަތުރުވެރިކަމުގެ ސިނާއަތް
- ކޮންސްޓްރަކްޝަން ސިނާއަތް
- ދަތުރުފަތުރުގެ ސިނާއަތް
- ސިއްހީ ހިދުމަތުގެ ސިނާއަތް
- ތައުލީމީ ހިދުމަތުގެ ސިނާއަތް
- ކުދި މެދު ފަންތީގެ ވިޔަފާރީގެ ސިނާއަތް
މިނިމަމް ވޭޖަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގައި މިހާރު ވެސް އެ ކަމަށް ދިރާސާ ކުރުމުގެ ގޮތުން ބޯޑެއް ވަނީ އެކުލަވާލާފަ އެވެ. އެ ބޯޑުން ކުރި ދިރާސާގެ ރިޕޯޓުގެ މަސައްކަތް ނިންމައި އެ ރިޕޯޓް ވަނީ ސަރުކާރުގެ ކެބިނެޓުގައި މަޝްވަރާ ކޮށްފަ އެވެ.