ހަބަރު

އެމްއެމްޕީއާރްސީ އެގްރީމެންމެންޓްތައް ނުދީގެން ފިޔަވަޅު އަޅަނީ

Feb 11, 2020

އެމްއެމްޕީއާރްސީގެ އެގްރީމެންޓްތައް ޓްރޭޑް ޔޫނިއަނަށް ނުދިން މައްސަލާގައި އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން ޓޫރިޒަމް މިނިސްޓްރީއަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އައިކޮމް އަށް ހުށަހެޅޭ ހުރިހާ މައްސަލަ ތަކެއް އާންމުކޮށް ހުޅުވާލައިގެން ކުރި އަށް ގެންދަން ނިންމައި، މިއަދު ބޭއްވި ފުރަތަމަ އަޑު އެހުމުގައި އޮތީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން އެމްއެމްޕީއާރްސީގެ އެގްރީމެންޓްތަކުގެ މައުލޫމާތު ދިނުމަށް އެދުމުން މައުލޫމާތު ނުދިން މައްސަލައެއްގެ އަޑު އެހުމެވެ.

މި އަޑު އެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައަކީ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވި އެއް މައްސަލަ ކަމަށެވެ. އަދި ކޮމިޝަނުން އާއްމުކޮށް އަޑު އެހުންތައް ގެންދަން ނިންމައި އެކުލަވާލި އުސޫލުގެ ދަށުން މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތުން ހާޒިރު ނުވިނަމަވެސް މައްސަލަ ކުރި އަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މައްސަަލާގައި ދެ ފަރާތައް ވެސް ޗިޓު ފޮނުވިން. ނަމަވެސް އެ ފަރާތުގެ [ޓޫރިޒަމް މިނިސްޓްރީ] ގެ ގޮނޑި ހުސްކޮށް ހުރިތަން ފެންނާނެ. އަޅުގަނޑު ހަމަ މައުލޫމާތަށްޓަކައި ދަންނަވާލަން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބޭފުޅުން މި އޮފީހަށް ވަޑައިގަތް. ނަމަވެސް ހާޒިރުވި ކަމަށް އަޅުގަނޑުމެން މި ބަލަނީ ނަން ނޯޓް ކުރީމަ،" ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނުން ބެލި ބެލުމުން އެނގިގެން ދިޔައީ ޓްރޭޑް ޔޫނިއަނުން މައުލޫމާތު ހޯދަން ފުރަތަމަ އެދިފައި އޮތީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށެވެ. ނަމަވެސް މި މައްސަލަ ދިގު ލައިގެން ދިޔަ މައިގަނޑު ސަބަބަކީ އިންފޮމޭޝަން ކޮމިޝަނަރަކު ނެތި ހަތަރު ވަރަކަށް މަސް ދުވަސް ދިއުން ކަމަށެވެ.

"އަޅުގަނޑު ކޮމިޝަނަރުކަމާ ހަވާލުވެ ޓޫރިޒަމް މިނިސްޓްރީއާ ވެސް ބައްދަލު ކުރިން. މި މައްސަލާގެ ހައްސާސް ކަމުން މަޓީ [ޓޫރިޒަމް ބާނީން ހިމެނޭ ޖަމިއްޔާ] އާ ވެސް ބައްދަލު ކުރިން. އަޅުގަނޑުމެން ހޯދި ލިޔެކިޔުން ތަކުން އެނގޭ ގާނޫނާ ހިލާފަށް ޓޫރިޒަމް މިނިސްޓްރީން އަމަލު ކޮށްފައިވާ ކަމަށް. އެކާވީސް ދުވަސް ތެރޭގައި މައްސަލަ ހުށަހެޅި ފަރާތައް ޖަވާބު ދީފައެއް ނެތް. އެހެންވެ ވަގުތުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅޭ،" ފިޔާޒު ވިދާޅުވި އެވެ.

21 ދުވަސްވީއިރު ވެސް މައުލޫމާތެއް ނުދިން

އޭނާ ވިދާޅުވީ މި މައްސަލާގައި ޓޫރިޒަމް މިނިސްޓްރީން 21 ދުވަހުގެ ތެރޭގައި ޖަވާބެއް ދީފައި ނެތުމާއި މިއަދު ބޭއްވި އަޑު އެހުމަށް ހާޒިރު ނުވުމުން އެނގެނީ ޖަވާބުދާރީ ވާން އެ މިނިސްޓްރީން ބޭނުން ނުވާކަން ކަމަށެވެ.

"ގާނޫނުގެ 29 ވަނަ މާއްދާގައި މި އޮތީ ކުޅޭ ކުޅޭ އެއްޗަކަށް ނޫން ރައްޔިތުންނަށް މައުލޫމާތު ހޯދުމުގެ ހައްގު މުހިންމު ހާލަތެއް ކަމަށް. ޓޫރިޒަމް މިނިސްޓްރީން ޓްރޭޑް ޔޫނިއަނަށް ފޮނުވާފައިވާ ސިޓީގައި ބުނަނީ އެ މައްސަލައިގެ މައުލޫމާތު ނުދެވެނީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށް. އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ ތަހުގީގު ކުރަމުން ދަނީ ކޮން ކަމެއްކަން. އެސްޓް ރިކަވަރީ ކޮމިޝަނުން ބައިވަރު ކަންކަން ތަހުގީގް ކުރަމުން ދޭ،" ފިޔާޒު ވިދާޅުވި އެވެ.

އެގްރީމަންޓްތައް ދޫކުރަން ކޮމިޝަނުން އަންގާނެ!

ފިޔާޒު ވިދާޅުވީ އެ ކޮމިޝަނުން ބެލިބެލުމުން އެނގިގެން ދަނީ ގާނޫނުގެ އެއްވެސް އިސްތިސްނާ ހާލަތަކަށް ޓޫރިޒަމް މިނިސްޓްރީން ދައްކާ ވާހަކަ ނުތޭކަން ކަމަށާ، އެހެންކަމުން އެގްރީމެންޓް ދޫކުރަން އެ ކޮމިޝަނުން އަންގާނެ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީގެ އެގްރީމެންޓް ތަކަކީ ޓެމްޕްލޭޓެއް. ޓޫރިޒަމް ގާނޫނު އޮތީ ހާމަކަން ބޮޑަށް ގެންދަން ޖެހޭނެ ކަމަށް. އެހެންވީމަ ރައްޔިތުންނަށް 29 ވަނަ މާއްދާ އިން ލިބިދޭ ހައްގުގެ ދަށުން ލިބެން ޖެހޭނެ އެގްރީމެންޓެއް އެއީ،" ފިޔާޒު ވިދާޅުވި އެވެ.

ޓޫރިޒަމްގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާ ކުރާނެ

ކޮމިޝަނުން ވަނީ މިއަދުގެ އަޑު އެހުމުގައި މައުލޫމާތު ހޯދާ ލިބި ގަތުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު ތަކެއް އަޅަން ނިންމާފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން ކޮމިޝަނަރު، އަހުމަދު އަބީރު ޖޫރިމަނާ ކުރަން ވަނީ ނިންމާފަ އެވެ.

ފިޔާޒު ވިދާޅުވީ މައުލޫމާތު ހޯދާ ލިބި ގަތުމުގެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބޭ ކަމަށް، އެހެންމުން މި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން ކޮމިޝަނަކު [އަބީރު] ބައްދަލުވުމަށް ހާޒިރު ނުވީ ކީއްވެގެން ތޯ ގާނޫނީ އިމުގެ ތެރެއިން ބަލާނަން. ކޮން ނުފޫޒަކުން ތޯ ހިނގައި ދިޔައީ ބަލާނަން. މިކަމުގައި ގާނޫނުން ލިބޭ އެންމެ މަތީ ބާރު ބޭނުން ކުރާނަން،" ފިޔާޒު ވިދާޅުވި އެވެ.

ޓްރޭޑް ޔޫނިއަންގެ ރައީސް ފުއާދު ވިދާޅުވީ މިއަދު ވިދާޅުވީ މި މައްސަލައިގެ މައުލޫމާތު ހާމަ ކުރުމަކީ ސިއްރެއް ނޫން ކަމަށެވެ. ސަބަބަކީ މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް އޭނާ ދެކޭޢ ކަމަށެވެ.

"އެމްއެމްޕީއާރުސީއިން އެއްވެސް އެގްރީމެންޓެއް ހެދިފައިވޭތޯ، މީގެން ގެއްލުން ވަނީ ކޮން ބަޔަކަށް ތޯ ؟ އަޅުގަނޑަކަށް ނުފެނޭ މައުލޫމާތު ހާމަކުރީމަ ކުއްޔަށް ހިފި ފަރާތައް އެއްވެސް އުނިކަމެއް ލިބޭނެ ކަމަކަމަށް،" ފުވާދު ވިދާޅުވި އެވެ.