ރާއްޖޭގައި ޑައިވިން ވިޔަފާރީ ކުރެވޭނީ ދިވެހިންގެ ހިއްސާ އޮވެގެން ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.
ސަރުކާރުން އަލަަށް ހެދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުބީ އެފްޑީއައިގެ އާ އުސޫލުގެ ދަށުން ބައެއް ވިޔަފާރިތަކުގައި ބޭރު މީހުންނަށް އިންވެސްޓް ކުރެވޭ ގޮތް ހަނިކޮށް، ބައެއް ވިޔަފާރި ކުރެވޭ އުސޫލު ފުޅާކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކުރިން 100 ޕަސެންޓް ބިދޭސީން ހިމެނޭ ގޮތަށް ޑައިވް ވިޔަފާރި ކުރިން ކުރެވުނު ނަމަވެސް މިހާރު މި ވިޔަފާރި ފަށާނަމަ ހިއްސާގެ 20 ޕަސެންޓަކީ ދިވެއްސެއް ކަމަށްވުން ލާޒިމް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ޑައިވް ވިޔަފާރީގައި 20 ޕަސެންޓް ދިވެއްސެއް ހުރެގެން ކުރެވޭނީ. ނަމަވެސް މިއީ މެޗުއާޑް އިންޑަސްޓްރީއެއް. ނަމަވެސް މި އިންވެސްޓްމަންޓްތަކުގައި ބިދޭސީން ހިމަނަން ޖެހެނީ މި އިންވެސްޓްމަންޓްތަކާއެކު އެބައާދެ ބޭރުގެ ޑައިވް ކްލަބްތައް،" ފައްޔާޒު ވިދާޅުވި އެވެ.
ޑައިވިންގެ ވިޔަފާރިއަކީ ރާއްޖޭގައި ފުޅާކޮށް ކުރަމުން ގެންދާ ބޮޑު ވިޔަފާރި އެކެވެ. ރާއްޖޭގައި 150 ރިސޯޓު ހިންގާއިރު ގިނަ ރިސޯޓުތަކުގައި މި ހިދުމަތް ދެން ބޭރުގެ ފަރާތްތަކުން ހަރަކާތްތެރިވެ އެވެ.
ދިވެހިންނަށް ހަމައެކަނި ކުރެވޭނެ ބައެއް ވިޔަފާރިތައް ނިމިދިޔަ ސަރުކާރުން ވެސް ކަނޑައެޅި އެވެ. މީގެ ތެރޭގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ފޮޓޯ ގްރަފީ ވިޔަފާރި ހިމެނެ އެވެ.