ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅިފައިނެތް ގޮނޑިތަކަށް ކެންޑިޑޭޓުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިރޭ ބާއްވަމުންދާ އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ކައުންސިލް އިންތިހާބަށް އެމްޑީޕީން ތައްޔާރުވަމުންދާއިރު މަދު އަދަދެއްގެ ގޮނޑިތަކަށް އަދި ކެންޑިޑޭޓުން ކަނޑައެޅިފައި ނެތް ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ގޮނޑިއެއް ކަމެއް ވިދާޅެއްނުވެއެވެ.
ހަސަން ވިދާޅުވީ ދާއިރާ މަޖިލީސްތެރޭން މަޝްވަރާ ކުރެވިގެން ކެންޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައެޅޭ ކެންޑިޑޭޓަކީ އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓަކަށްވާން ޖެހޭނެ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސެކްރެޓޭރިއޭޓުން މެންބަރުން ކަނޑައަޅަންޖެހޭ ގޮނޑިތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ދާއިރާތަކަށް އަންގަމުންދާނެ ކަމަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކެންޑިޑޭޓަކު ނުނެރޭ 16 ގޮނޑިއެއްވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރޭ ނުވަތަ ވާދަކުރަން ހުށަ ނާޅާ 16 ގޮނޑި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން އެ ވާހަކަތަކުގެ ރާގު އެމަނިކުފާނު ވަނީ ބަދަލު ކުރައްވާފައެވެ.
ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ އެމަނިކުފާނުގެ ހަނދުމަފުޅުގައިވާ ގޮތުގައި 16 ގޮނޑިއެއްގެ އެމްޑީޕީގެ ޓިކެޓަށް އެއްވެސް މެންބަރަކު އެދިފައެއް ނުވެ އެވެ. އެހެންވީމަ ގޮފިތަކާއި، އެމްޑީޕީގެ އިދާރާގެ އިސްވެރިންނާ މަޖިލީސް މެންބަރުން މަޝްވަރާކޮށް އެ ގޮނޑިތަކަށް ކެންޑިޑޭޓުން ނެރޭނެ އެވެ.
"އަޅުގަނޑަށް ހަނދާންވާ ގޮތުގައި 16 ވަރަކަށް ދާއިރާ، 16 ވަރަކަށް ގޮނޑި އެބަ އޮތް ހުސްކޮށް އެއްވެސް ބަޔަކު ނުލާ އިނގޭތޯ. އެއީ އަޅުގަނޑު ހަނދާންވާ ގޮތުގައި އެއްހާސް ކޮންމެވެސް ވަރެއްގެ ގޮނޑީގެ ތެރެއިން. ދެން އަޅުގަނޑުމެންނަށް އެ 16 ގޮނޑި ފުރޭނެ އެ ރަށްރަށުން، ކުދިން ޕްރައިމަރީގައި ބައިވެރި ނުވެ އޮތީމަ، ޕްރައިމަރީ ނިމިފައި އޮތީމަ. ދެން ޕާޓީގެ ތެރެއިން ޕާޓީގެ ސެކްރެޓޭރިއޭޓުން ނިންމާ ނިންމުމެއް އެއީ ޕާޓީގެ ގޮފިތަކާއި ދާއިރާ ރައީސުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އެކީގައި މަޝްވަރާ ކޮށްގެން އެ ދާއިރާތަކުން، އެ ރަށްރަށުން އެ ގޮނޑިތަކަށް ކެންޑިޑޭޓުން ނެރުން. އެހެން ނަމަވެސް އެއީ ވަރަށް މަދު އަދަދެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ފަހުން ވިދާޅުވީ ހުސްކޮށް ހުރި ގޮނޑިތަކުގެ އަދަދު 16 އަށްވުރެ މަދުވާނެ ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު ކުރިން ދެއްކެވި ވާހަކަފުޅުގެ ރާގު ބަދަލު ކުރައްވާ ވިދާޅުވީ އިތުރު ކަމެއް ސާފު ކޮށްދެއްވާނެ ކަމަށެވެ. އަދި އެފަދައިން ވާހަކަފުޅު ދައްކަވާ އެކަން ސާފު ކޮށްދެއްވަން ޖެހިވަޑައިގަތުމުން ވަރަށް ދެރަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ 16 ގޮނޑިއަކީ ގަސްތުގައި ހުސްކޮށް ބަހައްޓާފައިވާ ގޮނޑިތަކެއް ކަމަށެވެ. އަދި އެކަން އެހެން ކުރުމުގައި ޕާޓީގެ ވަރަށް ބޮޑު މަގްސަދެއް އެބައޮތް ކަމަށެވެ.
ކައުންސިލް އިންތިހާބަށް ދާއިރު އެކި ފަރާތްތަކާއެކު އިއްތިހާދުވާނެ ކަމަށާ އެހެންވީމަ ފަސް ގޮނޑި ހިމެނޭ ކައުންސިލަރުން ހަތަރު ގޮނޑި އެމްޑީޕީން ނެގުމަށްފަހު އެހެން ކެންޑިޑޭޓަކަށް އެ ގޮނޑި ދޫކޮށްލައިފާނެ ކަމަށެވެ. އަދި އެ ގޮތަށް އަމަލު ކުރަނީ ސިޔާސީ އެޖެންޑާއެއްގެ ދަށުން ކަމަށް ވިދާޅުވިއެވެ.
"އެއީ ބައިންދާފަ ހުރި 16 ގޮނޑި އިނގޭތޯ. އެ ސޯޅަ ގޮނޑި ހުސްކޮށް ބޭއްދުމުގައި ޕާޓީގެ މަގްސަދެއް އޮވޭ. އަދި ބައެއް ގޮނޑި ހުސްކޮށް ބޭންދުމުގައި ވަރަށް ބޮޑު މަގްސަދެއް އޮވޭ. އަޅުގަނޑުމެން ވޯޓަށްދާނީ އެކި ފަރާތްތަކާއެކީގައި އިއްތިހާދުވެސް ވަމުން. އެހެންވީމަ އަޅުގަނޑުމެންގެ ހަތަރު ގޮނޑި ނެގުމަށް ބައެއް ތަންތަނުން އަޅުގަނޑުމެން ދީފާނެ ގޮނޑިއެއް. ދެން އަޅުގަނޑުމެންނަށް އެ ގޮނޑި އެއީ ވަކި ޕާޓީއަކަށް ނުގުޅޭ ކެންޑިޑޭޓަކަށްވެސް ވެދާނެ، ނުވަތަ ޕާޓީގެ ކެންޑިޑޭޓަކަށްވެސް ވެދާނެ. އެމްޑީޕީ ނިންމާފައި ހުރި ކަންކަން ނިންމާފައި މި އޮތީ އެނގިގެން، ދެނެގެން. އަޅުގަނޑުމެން ސިޔާސީ ސްޓެރެޓެޖީއާ އަޅުގަނޑުމެން ވިސްނުމަށް މިކަން ގެންދިއުމަށް."
ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި 16 ވަރަކަށް ގޮނޑިއަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވަނީ ތާއީދު ނެތިގެން ނުވަތަ ކެންޑިޑޭޓުން ނެތިގެނެއްވެސް ނޫން ކަމަށެވެ. އެއީ ހަމަ ގަސްތުގައި ކުރައްވާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި އެއްވެސް ޕާޓީއަކާއެކު މަސައްކަތް ކުރައްވާނަންތޯ ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ އެކަން ނުކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީން އެއްވެސް އިއްތިހާދެއް ނުހަދާނެ ކަމަށެވެ. އަމާޒަކީ އެންމެ ގިނަ ގޮނޑި ނަގާ ޕާޓީއަކަށް އެމްޑީޕީވުން ކަމަށް ވިދާޅުވިއެވެ.
"އެއްވެސް އިއްތިހާދެއް އެމްޑީޕީއަކުން ނުހަދާނެ، އެމްޑީޕީގެ އަމާޒަކީ އެންމެ ގިނަ ގޮނޑި އެމްޑީޕީއަށް ނެގުން." ނަޝީދު ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަކަށް ވާދަކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ނަމަވެސް ޕްރައިމަރީއަށް ހުޅުވާލުމުން މަދު އަދަދެއްގެ ގޮނޑިތަކަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައެއް ނުވެއެވެ. އޭގެ ތެރޭގައި އޮޅުވެލިފުށި އަދި ރ. މީދޫގެ އެއްވެސް ގޮނޑިއަކަށް އެމްޑީޕީގެ ޓިކެޓަށް އެޕާޓީގެ މެންބަރަކު އެދިފައިނުވާކަން ފާހަގަކޮށްލެވެއެވެ.