މީހުން

މީރާގައި ޓެކްސް ނިޒާމަށް ފަރިތަ މީހާ!

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީ) ފަތުހުﷲ ޖަމީލް އަވަސް އަށް އިންޓަވިއު ދެއްވި އިންޓަރވިއުގެ ހައިލައިޓްސް - އަވަސް ވީޑިއޯ | އާއިމް ޒަމީރް

ސްކޫލް ނިންމި ގޮތަށް 2003 ވަނަ އަހަރު އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ އިންލެންޑް ރެވެނިއު ޑިޕާޓްމަންޓްގަ އެވެ. އޭގެ ފަހުން ވަޒީފާ އަދާ ކުރެއްވީ ރާއްޖެ އަށް ޓެކްސް ނިޒާމު ރަސްމީކޮށް ތައާރަފުވެ އުފެއްދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައެވެ. މި މުއްދަތުގައި ކިޔަވައި ވިދާޅުވުން ނޫން ހުރިހާ ދުވަހަކު ހިދުމަތް ކުރެއްވީ ޓެކްސް ނިޒާމުގެ ތެރޭގަ އެވެ. އެހެންކަމުން މިހާރު މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީ) ފަތުހުﷲ ޖަމީލް ވެފައިވަނީ ރާއްޖޭގައި މިހާރު ހުރި ޓެކްސް ނިޒާމަށް އެންމެ ފަރިތަ އެއް ބޭފުޅާގެ ގޮތުގަ އެވެ. މީރާގައި މަސައްކަތް ކުރެއްވިއިރު ޓެކުހާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއްގައި އަމަލީ ގޮތުން އުޅުއްވި އެވެ. ތިރީގައި އެވަނީ މީރާގެ އާ ސީޖީ ފަތުހުﷲ އަވަސް އަށް ދެއްވާފައިވާ އިންޓަވިއުއެއްގެ ހުލާސާ އެކެވެ.

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) 2008 ގައި އުފެދުނުއިރު އެތަނުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި، މީރާގައި ކުރެއްވި އެއީ ކޮން ކަހަލަ ތަޖުރިބާއެއް ތޯ؟

އެއީ ވަރަށް ބޮޑު ޗެލެންޖެއް އަސްލު. މީރާ އުފެދުމާއެކު ގާތްގަނޑަކަަށް އެކު އެކީގައި މިއައީ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމާއި ޖީއެސްޓީ ޓެކްސް. އޭރު މީރާ އޮގަނައިޒޭޝަންއެއްގެ ގޮތުގައި ޑިވްލޮޕް ކުރަމުން މި ގާނޫނު ތަކަށް މީހުން އަހުލުވެރި ކުރުވުންވީ ވަރަށް ބޮޑު ޗެލެންޖަކަށް. ހާއްސަކޮށް ރާއްޖެ ފަދަ ބްރޯޑް ޓެކްސްއެއް ނަގަމުން ނުދާ ތަނަކަށްވީމަ އެ ޗެލެންޖު ބޮޑުވި

ޓެކްސް ނިޒާމު ރާއްޖެ އަށް ތައާރަފުވި ދުވަސްވަރު އެންމެ ބޮޑު ދައްޗަކަށް ދިމާވީ ކޮން ކަމެއް ތޯ؟

ދިވެހި ވިޔަފާރި ތަކަކީ ކުރިން އެހާ ބޮޑަށް ހިސާބު ބަލަހައްޓަމުން ދިޔަ ބައެއް ނޫން. ރާއްޖޭގެ ހުރިހާ ރަށަކަށް މީރާގެ ޓީމު ތަކުން ގޮސް މަސައްކަތް ކުރަން ޖެހުނު. ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ތިބި ޖީއެސްޓީ ނޫނީ ބީޕީޓީ ދައްކަން ޖެހޭ ފަރާތެއް ނޫނީ ފަރާތް ތަކެއް. އެ ފަރާތްތައް ޓެކުހަށް އަހުލުވެރި ކުރުވަން ޖެހުން އެއީ ޗެލެންޖެއް. މީގެ އިތުރަށް ހިސާބު ކިތާބު ބަލަހައްޓަން ވެސް އެހީތެރިވެދޭން ޖެހުނު

މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ޝައުގުވެރިވީ ކީއް ވެގެން ތޯ؟

ސްކޫލް ނިންމި ގޮތަށް މި އުޅެނީ މި ދާއިރާގައި. އެހެންވެ އަބަދު ވެސް ޓެކްސްގެ މަސައްކަތް ކުރަން ޝައުގުވެރިވޭ. ފަހުން ޓެކްސް ގާނޫނަށް ބަދަލުތަކެއް ގެނެސް މި ތައާރަފުވީ އިންކަމް ޓެކްސް. މިއީ ހަގީގަތުގައި ޗެލެންޖިން ކަމެއް. އެހެންވެ ބެލީ މި ދާއިރާގެ ތަޖުރިބާ ހުރި މީހަކު އައުމުން މިކަން ތަންފީޒު ކުރަން ވެސް ފަސޭހަ ވެގެން ދާނެ ކަމަށް، އަޅުގަނޑު އަމިއްލަ ޒަމީރު ވެސް ގަބޫލުކުރޭ. އެހެންވެ ކުރިމަތިލީ

މަގާމަށް ހަވާލު ވުމަށް ފަހު މިހާރު މީރާ އަށް ގެންނަވަމުން ދާ އެންމެ މުހިންމު ބަދަލަކީ ކޮބައި ތޯ؟

މަގާމަށް ހަވާލުވީއިރު ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ނިންމަން ހުރި. ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ބަދަލު ގެނެވި ވަރަށް ގިނަ އޮބްޖެކްޝަން ތަކެއް 60 ދުވަހުގެ ތެރޭގައި ނިންމަން ހުރި. ދެ އަހަރު ވެފައި ހުރި އޮޑިޓްތައް ހަތަރު މަސް ތެރޭ ނިންމަން ހަވާލުވި. އަނެއްކާ އެ ނުނިމެނީސް އިންކަމް ޓެކްސް ގާނޫނު މިއައީ. އެހެންވެ، އެންމެ ބޭނުންވާ ބަދަލުތައް އިދާރީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ނުގެނެވިގެން މިދަނީ. އެކަމަކު މައިގަނޑު ބަދަލެއްގެ ގޮތުގައި މި ބަލަނީ ޓެކްސް ދައްކާ ފަރާތްތަކަށް މީރާއިން މުއާމަލާތް ކުރުމުގައި ނޫނީ އަހަރުލުވެރި ކުރުވުމުގައި އަޅުގަނޑުމެން މި ބަލަނީ އެ ޓެކްސް ދައްކާ ފަރާތެއްގެ ރިސްކް ހުންނަ ވަރަކަށޭ ނުވަތަ ކޮމްޕެލެއިންސް ފްރޭމްވޯކްއަކަށް މި ބަލަނީ ކޮންމެ ޓެކްސް ޕޭޔަރެއްވެސް ރިސްކްއަކާ އެކަށީގެންވާ ވަރަށް އެ ބޭފުޅަކަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް

މީރާ އުފެދުނުތާ 11 އަހަރު ވެއްޖެ. ރާއްޖޭގެ ޓެކްސް ނިޒާމުގެ ކުރިއެރުން މަނިކުފާނު ސިފަ ކުރައްވަނީ ކިހިނެއް ތޯ؟

އިންކަމް ޓެކްސް މި ތައާރަފުވުމުން. ރާއްޖޭގައި މިހާރު މިއޮތް ސިސްޓަމްއަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ ފަދަ ވަށައިޖެހޭ ޓެކްސް ނިޒާމެއް. ޓެކްސް ދައްކާ ފަރާތްތަކާއި މީރާ އަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިއްޖެ. މިހާރު ގިނަ ވިޔަފާރި ތަކަށް އެނގޭ ޓެކްސްއަކީ ދައްކަން ޖެހޭ އެއްޗެއްކަން. އެއަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ވިޔަފާރިތަކުންވެސް ކުރޭ. މިހާރު ހިސާބު ކިތާބު ބެލެހެއްޓުން ވެސް ރަނގަޅު

މީރާ އަބަދު ވެސް ލޭބަލްވެފައި އޮންނަނީ ކުދި ވިޔަފާރި ތަކަށް ފިއްތާ ތަނެއްގެ ގޮތުގައި އޭގެ ސަބަބަކީ ކޮބައި ތޯ؟ އެ ނަޒަރިއްޔާ ބަދަލު ކުރަން ގެންގުޅުއްވާ ވިސްނުމަކީ ކޮބައި ތޯ؟

މިހާރަށް ބަލާނަމަ ގިނަ ވިޔަފާރިތަކުގައި ހިތް ނުތަވަސްކަން އެބަހުރި. އޭގައި މީރާ އިން ހަމައެކަނި އަމަލު ކުރާ ގޮތުން އެކަންޏެއްވެސް ނޫން މިކަންކަން މި ވަނީ. މިސާލަކަށް ވިޔަފާރި އަކަށް އެހެން މީހެއްގެ އަތުން ލިބެން ޖެހޭ ލާރިއެއް ނުލިބޭ ހާލަތްތަކުގައި ޓެކްސް ދައްކަން ކޭޝް ފްލޯ އަށް މައްސަލަ އެބަ ދިމާވެ. އެ ހާލަތުގައި ވެސް ޓެކްސް ދައްކަން ޖެހޭ. މި ފަދަ ކަންކަމުގައި ވެސް ހިތް ނުތަނަވަސްކަން އެބަހުރި. އެ ފަދަ ފަރާތް ތަކަށް ލުއި ތަކެއް ދީގެން ފައިސާ ދެއްކޭނެ ގޮތްތަކެއް ހަދަން އެބަ މަަސައްކަތް ކުރަން

ކުދި ވިޔަފާރިތަކަށް ޓެކްސް ނިޒާމު ފަސޭހަ ކުރަން މިހާރު ގެންނަވާ ބަދަލު ތަކަކީ ކޮބައި ތޯ؟

ފައިސާ ނުދެއްވި ތިބި ފަރާތްތަކަށް މިހާރު ވާނީ ބަހާލައިގެން ފައިސާ ދެއްކޭނެ އުސޫލެއް ކަނޑައަޅާފައި. ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޖޫރިމަނާ މައާފު ކޮށްދިނުމުގެ މަސައްކަތް ވެސް ކުރެވޭ. މިދިޔަ މަސް ތެރޭގައި ވެސް ވާނެ މީރާ ކަނެކްޓުގައި އެކައުންޓެއް ނެތް ނަމަވެސް އިންޓަރިމް ޕޭމަންޓް ނޫނީ ނިއު ރިޓާން އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ހަދާފަ. މިގޮތަށް ލުއި ތަކެއް ދެވޭ ތޯ ބަލަނީމި. މަސައްކަތް މި ކުރަނީ ކޮންމެ އަތޮޅެއްގައި ވެސް މީރާގެ ކަލެކްޝަން ސެންޓަރެއް ނޫނީ ބްރާންޗެއް ހުޅުވަން މަސައްކަތް ކުރަމުން

ޓެކްސް ބިލްތައް ތަސްދީގު ކުރުމަށްފަހު އަބަދު ވެސް ޓެކުހަށް އަހުލުވެރިވާން ލިބެނީ ވަރަށް މަދު ދުވަސް ކޮޅެއް. މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރަން ތޯ؟

އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ޓެކްސް ބިލްތައް ތަސްދީގު ކުރުމަށްފަހު މި ލިބެނީ ވަރަށް ކުޑަ ދުވަސްކޮޅެއް. މި އަށްވުރެ ގިނަ ވަގުތު ތިބޭނަމަ ޓެކްސް ދައްކާ ފަރާތްތައް އަހުލުވެރިވެ، އެ ބޭފުޅުންގެ ސިސްޓަމަށް ބަދަލު ގެންނަން ފަސޭހަ ވާނެ. މިއަށް ވުރެ ގިނަ ވަގުތު ލިބޭނަމަ ގާނޫނުތައް ތަންފީޒު ކުރަން އަޅުގަނޑުމެންނަށް ވެސް ފަސޭހަ ވެގެން ދާނެ

އިންކަމް ޓެކްސް އަށް ތައްޔާރު ވާން މީރާ އިން ކުރައްވާ މަސައްކަތް ތަކަކީ ކޮބައި ތޯ؟

އިންކަމް ޓެކްސް ގާނޫނު ތަސްދީގު ކުރީ 17 ނޮވެމްބަރު 2019 ގައި، ގާނޫނުގެ ދަށުން ފުރަތަމަ ޓެކްސް ނެގުނީ 1، ޖެނުއަރީ 2020 ގައި. މުޅި ގާނޫނުގައި އާ ބަޔަކީ މުވައްޒަފުންގެ އުޖޫރަ އިން ނަގާ ޓެކްސް. އެ ކަމަށް ގަވާއިދު ވެސް އެކުލަވާލެވިއްޖެ. އެ ގަވާއިދު އެކުލަވާލަން އިންޑަސްޓްރީއާ ވެސް ވަކިވަކިން ބައްދަލުކޮށް ކޮމެންޓަށް ވެސް ވަނީ ހުޅުވާލާފަ

މީރާ އަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮން ޖެހުމަކީ ކޮބައި ތޯ؟

މިހާރު އެންމެ ބޮޑު ގޮން ޖެހުމަކީ ކުރު މުއްދަތެއް ތެރޭގައި ގާނޫނު ތަސްދީގު ކުރުން. މުޅި ސިސްޓަމަށް ބަލާނަމަ ގިނަ ފަރާތް ތަކުން ގަބޫލު ކުރާ ގޮތުންނަމަ އެބަހުރި ކަންތައްތަކެއް ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނޭޅި އެބަދޭ. އެ ފަދަ ކަންކަމުން އިތުރު އޮބްލިގޭޝަން ތަކެއް އެ ފަރާތް ތަކަށް އެބަ އާދެ. އެކަމަށް ވެސް ގޮތްތަކެއް ހޯދަން އަޅުގަނޑުމެން މަސައްކަތް ތަކެއް ކުރަން އެބަ. ހާސްކޮށް އަސްލު ރަޖިސްޓްރީ ކުރަން ޖެހޭ ފަރާތްތައް ތޯ ރަޖިސްޓްރީވެފައި ހުރީ ބެލުމަށް. އެ ބޭފުޅުން ރަޖިސްޓްރީން އުނިވާން ބޭނުންނަމަ އުނިވުމުގެ ފުރުސަތަކީ ކޮބައި ތޯ ބަލަން

ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން އެންމެ ފަހުން ގެންނެވި ބަދަލުތަކާއެކު މީރާގެ ބޯޑުގެ އެތުރުން ވަނީ ބަދަލުވެފައި. މީގެ ސަބަބުން އަންނާނެ ބަދަލަކީ ކޮބައި ތޯ؟ މިއީ ރަނގަޅު ބަދަލެއް ތޯ؟

މީރާގެ ބޯޑަށް އައި ބަދަލުން ބޯޑުގެ ޗެއާމަންއަކީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ވުން. އެހެންނޫނީ ކުރިން ވެސް އޮތް ގޮތަށް ބޯޑު މިއޮތީ. މިބަދަލާ ގުޅިގެން ރަނގަޅަށް މަސައްކަތްތައް އެބަ ދޭ. ބޯޑުގެ މައިގަނޑު މަސައްކަތެއް ގަވާއިދުތައް ހެދުން. ފިނޭންސްގެ ބޭފުޅަކު އިނީމަ ގަވާއިދުތައް އެކުލަވާލާއިރު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށްތޯ ބެލެވޭ. މިކަހަލަ ކަންކަމަށް އިތުރު ފުރިހަމަ އެކަމުން އާދެ، އިތުރު ފަސޭހަ ކަމެއް ލިބިގެންދޭ

އާ ސީޖީގެ ފަރާތުން ޓެކްސް ދައްކާ ފަރާތްތަކަށް ދޭން ބޭނުންފުޅުވާ މެސެޖަކީ ކޮބައި ތޯ؟

ހުރިހާ ފަރާތަކުން ވެސް މިހާރު ތަންފީޒު ކުރެވުނު އިންކަމް ޓެކްސް ގާނޫނަށް އަހުލުވެރިވާން ހުރިހާ ފަރާތްތަކުންވެސް ދުރާލާ މަސަައްކަތް ކުރުން މުހިންމު. މިހާރު ގަވާއިދު ވެސް ވާނީ ކޮމެންޓަށް ހުޅުވާލާފަ. އެއްވެސް ސުވާލެއް އޮތްނަމަ ޖަވާބު ހޯދުން މުހިންމު. އަޅުގަނޑު ޔަގީންކަން ދޭން ބޭނުން ވަނީ ހަމަހަމަކަމާ ހާމަ ކާއެކުގައި ތަންފީޒު ކުރަން ކުރަން ޖެހޭ ހުރިހާކަމެއް މީރާ އިން ކުރާނަމޭ. ޓެކްސް ދައްކާ ފަރާތް ތަކުން ގާނޫނަށް އަމަލު ކުރަން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެސް، ގާނޫނުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދޭނަން. އަޅުގަނޑުމެންގެ ވިސްނުމަކީ ފުރަތަމަ ވެސް ޖޫރިމަނާ ތަކެއްކޮށް އަދަބު ތަކެއް ދިނުމެއް ނޫން. ގާނޫނަށް ގިނަ ފަރާތް ތަކަށް އަހުލުވެރިކޮށް އެހީތެރިވެދިނުން