ހަބަރު

ޓީއެމްއޭ އިން އެދެނީ ކުރިން ހުށަހެޅި ގޮތަށް ޓާމިނަލްގެ ބޮޑު ޖާގައެއް

މިހާރު ވެސް ޓީއެމްއޭއަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް އެ ކުންފުންޏަށް ދޭން ސަރުކާރުން ނިންމިޔަސް އެ ކުންފުނިން ބޭނުންވަނީ ކުރިން ހުށަހެޅިފައިވާ ގޮތަށް އާ ސީޕްލޭން ޓާމިނަލް އިން އެ ކުންފުންޏަށް ޖާގަ ދޫކޮށްދޭން ކަމަށް ރައްޔިތުންގެ މަޖިލީިހުގެ މާލިއްޔަތު ކޮމިޓީގައި އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޓީއެމްއޭގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ، އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް ކުއްޔަށް ދޭނެ ކަމަށް އެމްސީއެލް އިން ހުށަހަޅާ އެއްބަސްވެފައިވާ ކަމަށެވެ. އެއީ އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުންނެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެމްސީއެލްއިން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް އިން 5،383 އަކަމީޓަރުގެ ޖާގައެއް މިހާރު ވެސް ދައްކަމުންދާ އަގަށް ދެ އަހަރު ދުވަހަށް ދޫކުރުމަށެވެ. އަދި ދެ އަހަރު ދުވަހުގެ މުއްދަތުގެ ފަހުން މާރުކޭޓުގައި ހުރި ރޭޓަށް ބޮޑު އަގުގައި ދޭގޮތަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފައުޒީ ވިދާޅުވީ އެއާޕޯޓުގައި އެ ކުންފުނިން އަމިއްލައަށް ހަދައި މިހާތަނަށް ހިންގަމުން އަންނަ ޓާމިނަލް އަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަކޮށްފައިވާ ކަމަށެވެ. އޭރުގެ ޓާމިނަލްއަށް ޓީއެމްއޭ އިން އެހާ ބޮޑު ހޭދައެއް ކޮށްފައި ވަނީ އެމްއޭސީއެލް އިން އެ ކުންފުންޏަށް ދީފައިވާ ކޮމިޓްމަންޓްތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޓީއެމްއޭ އިން އަމިއްލައަށް ހަދައިގެން ހިންގަމުން އައި ޓާމިނަލް އަކީ 10،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް އޮތް ޓާމިނަލް އެކެވެ. އެ ޓާމިނަލް އަށް ޓީއެމްއޭ އިން އިންވެސްޓް ކުރަމުން އައިސްފައި ވަނީ އެތައް އަހަރުތަކެއް ކުރިން ފެށިގެންނެވެ.

އާ ޓާމިނަލްއަށް އެމްއޭސީއެލްއާ އެކު ޓީއެމްއޭ އިން އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށް ވެސް މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ. މިހާރު އެމްއޭސީއެލް އިން ޓީއެމްއޭއާ އެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އޭގެ ފަހުން އެއްބަސްވުމެއް ނޯންނާނެ އެވެ.

އެކަމަކު ފައުޒީ މިއަދު ވިދާޅުވީ އެމްއޭސީއެލްއާއެކު އެއްބަސްވުމެއް އެބަ އޮތް ކަމަށެވެ. ހަމައެކަނި އެ އެއްބަސްވުމުގައި ދެ ފަރާތުން މިހާތަނަށް ސޮއިކޮށްފައި ނުވަނީ ކަމަށެވެ. ދެ ކުންފުނީގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދެލިކޮޕީއެއް ވެސް އެމްއޭސީއެލް އިން ޓީއެމްއޭ އަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވި ގޮތުގައި އެމްއޭސީއެލް އިން އެއްބަސްވެފައި ވަނީ އާ ޓާމިނަލުން އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޭ ގޮތަށް ކަމަށެވެ. އެ ގޮތަށް އޮތް އެއްބަސްވުމުގެ ދެލިކޮޕީގެ އިތުރުން އެތައް ސިޓީއެއް ވެސް އެ ޔަގީން ކަން ދޭ ކަމަށް ބުނެ އެމްއޭސީއެލް އިން ފޮނުވާފައިވާ ކަމަށެވެ.

"މީޑިއާގައި އެބަ އޮތް އެމްއޭސީއެލް އާއި އަޅުގަނޑުމެންނާ ދެމެދު އެއްބަސްވުމެއް ނެތޭ. އެކަން އަަޅުގަނޑުމެން ސާފުކޮށްދޭން ބޭނުން. އެއްބަސްވުމެއްގައި ސޮއިކޮށްފައެއްް ނެތް، ނަމަވެސް އެމްއޭސީއެލް އިން އެއްބަސްވުމެއްގެ ދެލިކޮޕީ ފޮނުވި، އޭގެ ޔަގީކަންދީ އެ ގޮތަށް އެއްބަސްވާ ކަމަށް ބުނެ ސިޓީ ފޮނުވި، އަޅުގަނޑުމެން އަދި ސޮއި ނުކުރަނީ،" ފައުޒީ ވިދާޅުވި އެވެ.

އެމްއޭސީއެލްއާ އެކު އަލުން މުއާމަލާތް ކުރުމާ ގުޅޭ ގޮތުން މެންބަރުން ސުވާލު ކުރެއްވުމުން ފައުޒީ ވިދާޅުވީ، ކުރީގެ ސަރުކާރުގެ ދުވަސްވަރު 2017 ވަނަ އަހަރު އެމްއޭސީއެލް އިން އެއްބަސްވެފައިވާ ގޮތަށް ޓާމިނަލް ދޭން އެމްއޭސީއެލްގެ މެނޭޖްމަންޓުން ވެސް މިދިޔަ އަހަރު އެއްބަސްވެފައިވާ ކަމަށެވެ.

ފައުޒީ ވިދާޅުވީ، މި އަގުތަކުގައި އެ ޖާގަ ދޫކޮށްދޭން ހުށަހެޅީ ވެސް އެމްއޭސީއެލް އިން ކަމަށެވެ. އަދި އެމްއޭސީއެލް އިން އޭރު ހުށަހެޅި ގޮތަށް ކުރިއަށް ދާން ޓީއެމްއޭ އިން އޭރު އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު ކުއްލިއަކަށް އެ އަދަދު ބަދަލު ވާން ޖެހޭ ސަބަބެއް އޭނާއަށް ނުވިސްނޭ ކަމަށާއި އިތުރަށް މުއާމަލާތް ކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލް މިހާރު ދޫކުރަން ސަރުކާރުން ނިންމާފައިވާ އަގާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފައުޒީ ވިދާޅުވީ ސަރުކާރުން ހުށަހެޅި އަގާ މެދު އެ ކުންފުނީގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އެ ކުންފުނީގެ ކަންބޮޑުވުން އޮތީ އާ ސީޕްލޭން ޓާމިނަލް އިން އެ ކުންފުންޏަށް މިހާރު ދޫކުރަން ނިންމާފައިވާ ޖާގައާ މެދު ކަމަށެވެ.

އެހެން ނަމަވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި އޮޑިޓްގައި ހުރި ބައެއް ކަންކަމުގައި ކުންފުނީގެ ކަންބޮޑުވުން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓްގައި މިހާރު އޮތް ޓާމިނަލް އަށް ޓީއެމްއޭ އިން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށާއި އެމްއޭސީއެލް އިން ކޮށްފައިވާ މުއާމަލާތްތަކަށް ރިއާޔަތްކޮށްފައެެއް ނުވާ ކަމަށެވެ.

ސަރުކާރުން ފަހުން ހުށަހެޅީ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތާ އެއް ގޮތަށެވެ. އެއީ ދެ އަހަރު ދުވަހަށް 5،383 އަކަމީޓަރުގެ ސަރަހައްދެއް ޓީއެމްއޭއަށް ދިނުމަށެވެ. އެއީ އަކަމީޓަރެއް 10.35 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން މާރުކޭޓު ރޭޓުގައި އެ ސަރަހައްދު ޓީއެމްއޭ އިން ހިފަން ޖެހޭ ގޮތަށެވެ.

ޓީއެމްއޭ އިން މިހާރު ހިންގާ ލައުންޖް ތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. މި އަދަދަށް ޖާގަ ދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް މުޅި ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދީފިނަމަ ލިބޭނީ 41 މިލިއަން ޑޮލަރެވެ.

އެ ރޮޕޯޓްގައި ބުނެފައިވާ ގޮތުގައި ޓީއެމްއޭ އިން މިހާރު ހިންގާ ލައުންޖް ތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. މި އަދަދަށް ޖާގަ ދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް މުޅި ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދީފިނަމަ ލިބޭނީ 41 މިލިއަން ޑޮލަރެވެ.