އެމްޑީޕީ

އެމްޑީޕީގެ ކެންޕޭން ފެށުން މި މަހުގެ 21 ގައި

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޕޭން މި މަހުގެ 21 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކައުންސިލް އިންތިހާބުގެ ކެމްޕޭން މެނޭޖަރު އަހްމަދު ޝާހިދު (ސާބެ) ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ކައުންސިލް އިންތިހާބުގެ ކެންޕެއިން ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އޮންނާނެ ކަމަށާ އެ ޖަލްސާ ކުރިއަށްދާއިރު ހުރިހާ ރަށެއްގައި ވެސް ޖަލްސާތައް ކުރިއަށްދާނެ ކަމަށެވެ.

ސާބެ ވިދާޅުވީ އޭގެ ކުރިން މިމަހުގެ 14 ވަނަ ދުވަހު މުޅި ރާއްޖޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ކޮންމެ ރަށަކަށް މެނިފެސްޓޯއެއް ވެސް ތައްޔާރުު ކުރެ އެވެ. މީގެ އިތުރުން އެ އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅިފައި ނެތް ގޮނޑިތަކަށް ކެންޑިޑޭޓުން ހަމަޖެއްސުމުގެ މަސައްކަތް ކުރެ އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ހަމަވާނެ އެވެ.