ލައިފްސްޓައިލް

އުމުރުން 105 އަހަރު ވީއިރުވެސް އައްމާ ކިޔެވުމުގައި

އިންޑިޔާގެ ކެރެލާ ސްޓޭޓްގައި މިވަގުތު ހުރި އެންމެ ދުވަސްވީ ދަރިވަރަކީ 105 އަހަރުގެ ބަގީރަތީ އައްމާ އެވެ. އައްމާ މިދިޔަ އަހަރު ވަނީ ހަތަރު ވަނަ ކްލާސް ކުދިންނަށް ދޭ ފެންވަރުގެ އިމްތިހާނެއް ހަދާފަ އެވެ. އަދި މިހާރު މި އިމްތިހާނުގެ ނަތީޖާ ލިބިފައިވާއިރު އައްމާ ވަނީ 74.5 ޕަސެންޓް މާކްސް ހޯދާފަ އެވެ. ހަގީގަތުގައި ވެސް އުމުރަކީ ހަމައެކަނި ހިސާބު އަދަދެއް ކަން އައްމާ މިވަނީ ސާބިތު ކޮށްދީފަ އެވެ.

އައްމާ ބަލިކަމުން އިމްތިހާނު އޮންނަ ހޯލަށް ނުދެވޭތީ އޭނާއަށް އިމްތިހާނު ދީފައި ވަނީ އަވަށުގެ އިސް މީހުންގެ ތެރެއިން މީހެއްގެ ބެލުމުގެ ދަށުން އޭނާގެ ގޭގައި ބައިންދައިގެންނެވެ.

ދަ ކެރެލާ ސްޓޭޓް ލިޓަރަސީ މިޝަން (ކޭއެސްއެލްއެމް) ގެ ޑިސްޓްރިކްޓް ކޯޑިނޭޓާ ޕްރަދީޕް ކުމާރު ވިދާޅުވީ އައްމާގެ އިމްތިހާނުގެ ނަތީޖާ ހޯދާ ހިތުން އޭނާ މާ ބޮޑަށް ހިތް ނުތަނަވަސް ވެގެން އުޅޭތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އޭނާ އައްމާއަށް ނަތީޖާ ބުނެދީފައިވާ ކަމަށެވެ. އަދި ވަރަށް މަތިން ފާސްވިކަން އެނގިގެން އައްމާ ވަރަށް އުފާވި ކަމަށާއި ފާއިތުވީ ދުވަސްތަކުގައި ވަރަށް ބަލިކޮށް އައްމާ އުޅެމުން ވެސް ޓެސްޓްގެ ނަތީޖާ ނުކުންނާނެ ގޮތެއް ނޭނގޭތީ ވަރަށް ފިކުރު ބޮޑުވެގެން އުޅުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމްތިހާނުން ފާސްވީމަ އުފަލުން ހުރި އައްމާ ބުނި ގޮތުގައި ސިއްހަތު ތަން ދޭނަމަ އަދިވެސް ކިޔެވުން ކުރިޔަށް ގެންދާނެ އެވެ.

މި އިމްތިހާނަށް ފަހު ބަގީރަތީ އައްމާ އަކީ ކޭއެސްއެލްއެމްގެ ބްރޭންޑް އެމްބެސެޑަރަށް ވަނީ ހަދާފަ އެވެ. އައްމާއަށް މިފަދަ މަގާމެއް ދިނި އޭނާގެ ހިތްވަރުން މިސާލު ނަގައިގެން ކިޔަވަން އެހެން އަންހެނުން ވެސް މަސައްކަތް ކުރާނެ ކަމަށް އުންމީދުކޮށެވެ.

އައްމާ އާ ބެހޭ ގޮތުން އިންޑިޔާގެ ނޫސްތަކުގައިވާ ރިޕޯޓްތައް ބުނާ ގޮތުން ވަރަށް ޅަ އުމުރުގައި އައްމާ ކައިވެންޏެއް ކުރި އެވެ. އަދި އުމުރުން 30 ގެ އަހަރުތަކުގައި ފިރި މަރުވެ އޭނާ ވަނީ ހުވަފަތް ވެފަ އެވެ. އޭރު އެންމެ ހަގު ދަރިފުޅަށް އައްމާ ބަނޑުބޮޑެވެ.

އައްމާ އެހާ މުސްކުޅިވެފައިވާއިރު ވެސް ކިޔެވުމަށް ހުރި ޝައުގާއި 100 އަހަރު ވީއިރު ވެސް ކިޔެވުމަށް ކުރަމުންދާ މަސައްކަތަކީ ހަގީގަތުގައި ވެސް އުގެނުމަށް ވަކި އުމުރެއް ނެތް ކަން އަންގައިދޭ ކަމެކެވެ.