ނުވަތަ އަހަންވީ، އެންމެ ގަދަ އަށް ދިވެހި ސިނަމާ ރޮއްވާލީ ކާކުތޯއޭ އެވެ.
ކޮންމެ ގޮތަކަށް މި ވާހަކައެއް ފެށިޔަސް ގިނަ މީހުންގެ ހިޔާލުގައި މިއީ ބެޓްލްއަކަށް ނުވަތަ ބަހުސަކަށް ވެސް ދާވަރުގެ ކަމެއް ނޫނެވެ. ޑައިރެކްޓަރު އަދި އެ ވަރަށް މަޝްހޫރު ވާހަކަލިޔުންތެރިޔާ ފާތުމަތު ނަހުލާ އެ ވަނީ ދިވެހި ސިނަމާގައި އޭނާގެ ޒާތީ ދުޝްމަން އަދި އެއް އިރެއްގައި އޭނާގެ އެންމެ ބޮޑު ވާދަވެރިއެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒުގެ ބޮލަށް އަރައިގެން ގޮސް ލޮލުކޮޅަށް ވެސް އޮބައިލައިފަ އެވެ.
އެކަމަކު އަނެއް ބަޔަކު ދައްކާ އެހެން ވާހަކައެއް ވެސް އެބައޮތެވެ. ޓެޑްރީ މިހާތަނަށް އެންމެ ފިލްމުގަނޑެއް ޑައިރެކްޓްކުރިޔަސް އެ ފިލްމަކީ ނަހުލާ މިހާތަނަށް ލިޔެ ޑައިރެކްޓްކުރި ހަ ފިލްމަށް ވުރެ ވެސް މޮޅު ފިލްމެކެވެ.
ޓެޑްރީގެ އެ މާސްޓަޕީސް އަކީ 1994 ވަނަ އަހަރު އޭނާ ނެރުނު "ދެރިޔާ" އެވެ.
މި ފިލްމުން ދިވެހި ސިނަމާގެ އޯޑިއެންސާއި އެފަހަރުގެ ފިލްމު އެވޯޑްސް ހަފުލާތައް ވެސް ފަތަހަކޮށް ޓެޑްރީ ފަސޭހަކަމާ އެކު ދިވެހި ފިލްމު އިންޑަސްޓްރީއޭ މިކިޔާ ދާއިރާއެއްގައި ބޮންތިއަށް އެރިއިރު ނަހުލާއެއްގެ ނަމެއް ބޮޑުސްކްރީނަކަށް އޭރަކު އަދި އުފަން ވެސް ނުވެ އެވެ. އަދި ޓެޑްރީގެ ދެ ވަނަ ބޮޑު މަސައްކަތް ނުވަތަ އޭނާ ޕްރޮޑިއުސްކުރި އަނެއް ފިލްމު "އަމާނާތް" ސިނަމާ އަށް ނެރެ ގައުމީ އެވޯޑްސްގައި 12 އެވޯޑް ކާމިޔާބުކުރިއިރު ވެސް ނަހުލާއެއް ނުވަތަ "ނަހޫ-ސްޓައިލެއް" ދިވެހި ފިލްމީ ދާއިރާއަކަށް އުފަން ނުވެ އެވެ.
"ކަލާޔާ ނުލާ" އާއި "ޒުލޭޚާ" އާއި "ޔޫސުފް" ފަދަ ސުޕަހިޓް ފިލްމުތަކާ އެކު ފާތުމަތު ނަހުލާ އައީ އެއަށް ފަހު އެވެ.
ނަގޫރޯޅިއެއްހެން އެނބުރެމުން އައިސް އޭނާ ފިލްމީ ދާއިރާ އަށް ވަން ހިސާބުން ޓެޑްރީގެ މަގާމުން އޭނާ ބުރައިގެން ދިޔައީ އެވެ. ޓެޑްރީގެ ފިލްމީ ހަޔާތުގައި ބުރަކި ޖެހުނީ އެވެ. އެއަށް ފަހު ޓެޑްރީ މުހައްމަދު ނިޔާޒު ދެން މަޝްހޫރުވެގެން ދިޔައީ ކުޅަދާނަ ޑައިރެކްޓަރަކަށް ވުރެ ބޮޑަށް ނަހުލާ އަށް އަދި އޭނާގެ ފިލްމުތަކަށް ފާޑުކީ ފަރާތެއްގެ ގޮތުގަ އެވެ.
މިއީ ނަހުލާގެ ޒާތީ ދުޝްމަނަކަށް ޓެޑްރީބަދަލުވެ މި ދެ މީހުންގެ ފިލްމީ ވާދަވެރިކަން "ނިމުމެއް ނެތް ކަސޯޓީ" އަކަށް ބަދަލުކޮށްލި ހިސާބެވެ.
ފާހަގަކޮށްލަން ޖެހެނީ ނަހުލާ ފިލްމަކަށް ފަހު ފިލްމެއް ޑައިރެކްޓްކޮށް ކާމިޔާބީއަކަށް ފަހު ކާމިޔާބީއެއް ތަކުރާރުކުރަމުން ދިޔައިރު ޓެޑްރީ އަށް އެ މުއްތަދުގައި ކުރެވުނުހާ ވެސް ކަމަކީ ނަހުލާއާ ދިމާލަށް ތުހުމަތުގެ އިނގިއްޔެއް ދިއްކޮށްލައިގެން ހުރެވުން ކަމެވެ.
އެހެންވީމަ އިތުރު ފިލްމެއް ނެހެދި އެގޮތަށް ޓެޑްރީގެ ފިލްމީ ހަޔާތް ދުއްވާލަން ޖެހުނީ ކީއްވެ ހެއްޔެވެ؟
"އަހަރެން ދުވަހަކު ވެސް ނަހުލާއޭ ކިޔައިގެން މައްސަލައެއް ނުޖައްސަން. އަހަރެން އަބަދުވެސް ދައްކަނީ މާޕާގެ ވާހަކަ. މާޕާ އާއި އިންފޮމޭޝަން މިނިސްޓްރީގެ އޭރުގެ ސިޔާސަތުގެ ވާހަކަ،" ވާދަވެރިކަމެއް އުފެދުމުގެ އަސްލަކީ ވާނުވާ ނަހުލާ އަށް ނޭނގުން ކަމަށް ބުނެ ވާހަކަ ދައްކަމުން ޓެޑްރީގެ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
"އޭރު އޮތް ހާލަތު އަހަރެން ސިފަކުރަނީ، ކަނޑު މެދުގައި، އޮޔާ ދެމޭ ޕްލެޓްފޯމެއްގައި ފިލްމު ހަދާ އެންމެ ތިއްބައި، މާޕާގެ އޭރުގެ ވެރިޔަކަށް ހުރި މީހާ ހެލިކޮޕްޓަރަކުން އައިސް ހަރުގަނޑެއް ވައްޓާލާފައި، ނަހުލާ އެކަނި ނަގައިގެން ދިޔަ ކަހަލަ ކަމެއްގެ ގޮތުގައި. ދެން ތިބި މީހުން އޮޔާ ދާން ދޫކޮށްލީ. ސަރުކާރުން ފިލްމު ހަދަން ފެށީމަ އަމިއްލަ މީހުން ހަލާކުވީ،" މިއީ ޓެޑްރީގެ ހިޔާލެވެ.
"ދެން މިވާ ގޮތަކީ، މި ވާހަކަ ދެއްކީމަ ނަހުލާ އަށް ހީވަނީ އަހަރެން މި ބެހެނީ އޭނައާއޭ. ބޮޑަށް ހީވަނީ ނަހުލާ އަށް މުޅި މައްސަލަ އަންޑަސްޓޭންޑްނުވަނީ ހެން. ނަހުލާ އަކީ އަހަރެންގެ ރައްޓެއްސެއް ނޫން. ޕާސަނަލީ ދަންނަ މީހެއް ވެސް ނޫން. އަހަރެން އަބަދުވެސް ދައްކަނީ ބިޑުކުރުމެއް ނެތި ކޮރަޕްޝަންގެ އުސޫލުން މާޕާ އިން ނަހުލާ ބޭނުންކޮށްގެން ހިންގި ކަންތަކުގެ ވާހަކަ."
ޓެޑްރީގެ މި ވާހަކަ އިން ދޭހަވަނީ ކޮން ކަމެއް ހެއްޔެވެ؟ ތަރިއެއް ހެން އަރައިގެން ގޮސް ނަހުލާ ޓެޑްރީގެ ލޮލުކޮޅަށް އޮބާލީ އޭރު އޮތް މާޕާގެ މާލީ އެހީ އާއި އެހެނިހެން ގޮތްގޮތުން ނެގި އެޑްވާންޓޭޖާ އެކުގައި ކަމެވެ. އަދި ނަހުލާ އަށް މާޕާ އިން ދިން ހާއްސަކަން ފިލްމީ ދާއިރާގެ އެހެން މީހުންނަށް ވެސް އެމީހުން ދިން ނަމަ އެތައް ނަހުލާއެއް އުފެދުނީސްކަމެވެ.
ޓެޑްރީ ބުނެފައި ވަނީ ފިލްމު އުފެއްދުމުގެ ފޯރި މިލައި މޯޅިވެގެން ދިޔައީ "އަމާނާތް" ގެ 22 ޝޯ އަށް ފަހު އެ ފިލްމުގެ އިތުރު ޝޯތަކެއް ދެއްކުމަށް އޮލިމްޕަސް ނުލިބި ކުރިމަތިލާން ޖެހުނު ފުރައްސާރައެއްގެ ތެރެއިން ކަމަށެވެ. އެ ފުރައްސާރަ އަކީ ނަހުލާ އާއި ޑައިރެކްޓަރެއްގެ ގޮތުގައި ނަހުލާ "އުފައްދައި މަޝްހޫރުކުރި" މާޕާ ކަމަށް ވެދާނެ އެވެ.
ކޮންމެއަކަސް މި ދެ ނަމަކީ ދިވެހި ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބަލާއިރު ވަރަށް ވެސް ނުފޫޒުގަދަ އަދި އެހާމެ ގިނަގުނަ ކާމިޔާބީތަކެއް އެ ދެ ނަމެއްގެ ފަހަތަށް ގެންގޮސްފައިވާ ދެ ނަމެވެ. މިސާލަކަށް ނަހުލާއެއް އައުމުގެ ކުރިން ދިވެހި ފިލްމު ބެލި މީހުން އާޝޯހުކޮށް މޮޔަކޮށް އަދި ރޮއްވާ ހެދި ޑައިރެކްޓަރަކީ ޓެޑްރީ އެވެ.
އޭނާގެ "ދެރިޔާ" އަކީ ފިލްމީ ދާއިރާ އަށް މުޅިން އާ މޫނުތަކަކާ އެކު ނުކުމެ އޮލިމްޕަހުގައި ހައުސްފުލްކޮށް 34 ޝޯ ދެއްކި ފިލްމެކެވެ. ގައުމީ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ ޝަރަފާ އެކު 1994 ވަނަ އަހަރު އަށް އެވޯޑް ކާމިޔާބުކުރި އެވެ.
އެއަށް ފަހު ޓެޑްރީ ދެން ގެނެސްދިން އަދި ޑައިރެކްޓަރުގެ ކްރެޑިޓް ނުނެގި "އަމާނަތް" އަކީ ވެސް "ދެރިޔާ" ފަދައިން އެތައް ބަޔަކު ރޮއްވާލި ފިލްމެކެވެ. އެ ފިލްމުގެ 22 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ފަހު އިތުރު ޝޯތަކަށް ފުރުސަތު ނުލިބިގެން އުޅެނިކޮށް ދެން އައީ ނަހުލާގެ ދުވަސްތަކެވެ.
ފިލްމު "ލައިލާ" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ޒިންމާ އަދާކުރުމަށް ފަހު 2000 ވަނަ އަހަރު ނެރުނު "ފަހުނޭވާ" ޑައިރެކްޓްކޮށްގެން ނަހުލާ ވަގުތުން އެންމެ އުހަށް އެރީ އެވެ. އެ ފިލްމުގެ ހައުސްފުލް 26 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ފަހު ޖެހިގެން އައި އަހަރު ނެރުނީ ނަހުލާގެ "ނާއުއްމީދު" އެވެ.
ފާހަގަކޮށްލަން ޖެހެނީ މިފަދަ ހިތްދަތި ބަލިކަށި އަދި ނިމުން ގާތްވެފައިވާހެން ދޭހަވާ ފަދަ ނަންތަކެއް ނަހުލާގެ ފިލްމުތަކަށް ދީފައިވިޔަސް ނަހުލާގެ ކާމިޔާބީގެ ހަރުގަނޑު މީގެ އެއްވެސް ފިލްމަކަށް ފަހު ވެސް ނިމުމަކަށް ނާންނަކަމެވެ.
ދެން ގެނެސްދިނީ "ކަލާޔާނުލާ" އާއި "ލޯބިނުވެވުނު ނަމަ" އަދި "ޒުލޭޚާ" އާއި 50 ޝޯ ދެއްކި "ޔޫސުފް" އެވެ. ޔޫސުފްގެ މިހުރިހާ ޝޯތަކަކީ ވެސް ހައުސްފުލް ޝޯތަކެއް ކަމަށް ބުނެވެ އެވެ.
އެހެންވީމަ ފިލްމު އުފެއްދުމުގެ ރޭހުގައި އަދި ކާމިޔާބު ޑައިރެކްޓަރެއްގެ ރޭހުގައި ނަހުލާ އަށް ޓެޑްރީގެ މައްޗަށް ކުރި ލިބެނީ ވަރަށް ވެސް ފަސޭހައިންނޭ ބުނެވިދާނެ އެވެ. ނަހުލާގެ ފިލްމީ ހަޔާތް ކޮޅަށް ޖެހުނު ގޮތުގެ ވާހަކަ ކޮންމެ ގޮތަކަށް އޮތަސް ވަރިހަމަ އެވެ.
އެކަމަކު ފާހަގަކޮށްލަން ޖެހެނީ ނަހުލާ އަކީ މާޕާގެ އުފެއްދުމެއް ކަމަށް ބުނާ ވާހަކަ އަށް ނަހުލާ ދީފައިވާ ރައްދެވެ. އަދި ޓެޑްރީމެން ފަދަ ޑައިރެކްޓަރުންގެ ދުވަސް ދިޔައީ މާޕާ ނަހުލާގެ ފިލްމުތަކަށް ފަންޑުކުރަން ފެށުމުން ކަމަށް ބުނާ ވާހަކަ އަށް އޭނާ ދީފައިވާ ރައްދެވެ.
"މާޕާ އިން ފިލްމު ހެދުމަކުން ދިވެހި ފިލްމު އިންޑަސްޓްރީ އަށް ގެއްލުން ވާ ކަމަކަށް އަަހަރެން ގަބޫލެއް ނުކުރަން. މީގެ ކުރިން ވެސް ފުއްޓަރު، އިހްސާސް، ރިހުން އަދި ކުލުނު ފަދަ ފިލްމުތައް މާޕާ އިން ނެރުނު. އޭރަކު ނޫޅެ ފިލްމު އިންޑަސްޓްރީ އަށް ގެއްލުންވާތީ އެއް،" މިއީ 2005 ވަނަ އަހަރު ނަހުލާ "ހަވީރު" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ވާހަކަ އެކެވެ.
ކޮންމެއަކަސް އޭނާ ފާހަގަކޮށްފައި އެ އޮތީ ވަރަށް ރަނގަޅު ޕޮއިންޓެވެ. ނަހުލާއެއް އައުމުގެ ކުރިން މާޕާއިން ފިލްމުތަކަށް ފަންޑުކޮށްގެން ފިލްމީ ދާއިރާ އިން އެކަން ބޮޑުކޮށްލި މަންޒަރު ފެނިފައެއް ނެތެވެ. ނަމަވެސް ނަހުލާއާ އެކު މާޕާ ނުކުތުމުން އެއޮތް ވަރުގަދަ ޓެޑްރީ ވެސް އިނދަޖެހުނީ އެވެ.
މީގައި ފާހަގަކޮށްލަން ޖެހެނީ ނަހުލާގެ ނުފޫޒެވެ. އޭނާ އަކީ އޭރު ނިކަން މަޝްހޫރު ވާހަކަލިޔުންތެރިއެކެވެ. އަނެއްކޮޅުން ޑޭޝް ސްޓޫޑިއޯއާ ގުޅިގެން އުފެއްދި އަލަތު ޑައިރެކްޝަން "ފަހުނޭވާ" ވެސް ވީ ހިޓަކަށެވެ. އެއަށް ފަހު އޭނާ އަށް ފަންޑުކޮށްދޭނެ ބަޔަކުވުމުން ތަރިއެއްހެން އަރައިގެން ދިޔައީ އެވެ.
މި މައްސަލާގައި ނަހުލާ އަށް ފާޑުކިޔާ މީހުން ފާހަގަނުކުރަނީ ނަހުލާގެ ހުނަރުވެރިކަމެވެ. އެއްވެސް ހުނަރެއް ނެތް މީހަކަށް ބަޔަކު މިލިއަނުން ޚަރަދުކޮށްގެން ކާމިޔާބު ނުވަތަ މޮޅު ކަމަށް ބުނާ ފިލްމެއް އުފެއްދިދާނެ ހެއްޔެވެ؟
ނުއުފެއްދޭނެ އެވެ. ނަހުލާގެ ކާމިޔާބީގައި މާޕާގެ ހިއްސާއެއް އޮތް ކަމަށް ބުނާއިރު ނަހުލާ އަށް ވެސް މި ކާމިޔާބީގެ ކްރެޑިޓް ދޭން ޖެހެ އެވެ. ސަބަބަކީ އޭނާގެ ހުރިހާ ފިލްމެއް އެހާ ގަދަ އަށް ހިނގުމުގެ އަސްލު ގުޅިފައި ވަނީ ހަމައެކަނި މާޕާއިން ކުރި ފަންޑްތަކަކާ އެކަނި ކަމަށް ނުވާތީ އެވެ. އޭނާގެ ވާހަކަ ލިޔުމުގެ ޖާދޫ ވެސް އޭގައި ވަރަށް ބޮޑެވެ.
ފަހަރެއްގައި ނަހުލާ އާއި ޓެޑްރީ އަޅާކިޔާއިރު ފާހަގަކުރަން ޖެހޭ ނުކުތާ އަކީ ވެސް މިއީ އެވެ. ނަހުލާ އަކީ އޭނާގެ އަސަރުގަދަ ވާހަކަތަކުން ބެލުންތެރިންގެ ހިތް އަތުލާ ފަރާތެކެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ މިކަމުގައި ޓެޑްރީ އަށް ވުރެ މޮޅީ ވެސް ނަހުލާ އެވެ.
ކިޔުންތެރިން ހިތްދަމައިގަންނަ ނުވަތަ ބެލުންތެރިންގެ ގައިން ހީބިހިނަގައިގެންދާވަރުގެ ސްކްރިޕްޓެއް ތައްޔާރުކުރުމުގެ ގާބިލުކަން ޓެޑްރީ އަށް މިހާތަނަށް ދެއްކިފައެއް ނެތެވެ. މިސާލަކަށް "ދެރިޔާ" އަށް ފަހު އޭނާ ދެން ގެނެސްދިން ފިލްމު "އަމާނާތް" އެއީ ހިންދީ ފިލްމެއް ނުވަތަ އިނގިރޭސި މަޝްހޫރު ވާހަކައެއްގެ އަސްލަށް އުފެއްދި ފިލްމެކެވެ.
މި ސަބަބާ ހެދި މި ދިމާލުން ނަހުލާ އަށް ޓެޑްރީގެ މައްޗަށް ކުރި ލިބިދާނެ އެވެ. ނަމަވެސް ފިލްމެއްގެ ޓެކްނިކަލް ކޮލިޓީއާ ވީ ފަޅިއަށް ޖެހިލައިގެން ނަހުލާ އަށް ލިބޭނެ މޮޅެއް ނެތެވެ. އެ ދާއިރާގައި ނަމަ ޓެޑްރީ އަށް ސައްތައެކެވެ. ނަހުލާ އަށް ބޮޅެކެވެ.
ޓެޑްރީގެ "ދެރިޔާ" އާއި މީގެ އެތައް އަހަރެއް ކުރިން ޑައިރެކްޓްކޮށްފައިވާ ބައެއް ވީޑިއޯ ލަވަތަކަކީ އަދިވެސް މިއަދުގެ ދިވެހި އެހެން މިފަދަ އުފެއްދުންތަކަށް ބީޓުނުކުރެވިގެން އުޅޭ މަސައްކަތްތަކެވެ. އެހެންވީމަ ނަހުލާ އަށް އޭނާގެ މޮޅުކަމުގެ ކްރެޑިޓް ލިބޭ ގޮތަށް ޓެޑްރީ އަށް ވެސް އޭނާގެ ކުޅަދާނަކަމާއި ހުނަރުވެރިކަމުގެ ކްރެޑިޓް ލިބޭ ހިސާބެއް އެބައޮތެވެ.
ދެން އޮތީ އެންމެ ފަހު ސުވާލެވެ. މި ދެ ޑައިރެކްޓަރުންގެ ތެރެއިން ދިވެހި ސިނަމާ އަށް އިންގިލާބެއް ގެނައީ ކާކުތޯއާ މެދު ކުރެވޭ ސުވާލެވެ.
ފަސޭހަ ޖަވާބަކީ ނަހުލާ އެވެ. އޭނާގެ ވާހަކަ މާ ބޮޑަށް "ނަހޫ-ސްޓައިލްއީ" ކަމަށް ވެސް ވެދާނެ އެވެ. އަންހެނަކަށްވެ ހުރެ އޭނާ ފަތަހަކުރީ ފިރިހެނުން ޑޮމިނޭޓްކޮށްލައިގެން ތިބި ދާއިރާ އެކެވެ. އެހެން މީހުންނަށް ވުރެ ކުރިއަށް އޭނާ އެރީ ޓެކްނިކަލީ މާ މޮޅު ފިލްމުތަކެއް ވެސް ޑައިރެކްޓްކޮށްގެނެއް ނޫނެވެ. އަނެއްކޮޅުންް އެތައް ބަޔަކު އޭނާ އަށް މަލާމާތާއި ފުރައްސާރައިން ހަމަލާ ދެމުން ދަނިކޮށެވެ.
ހަގީގަތަކީ ނަހުލާއެއް އުފެދުނު ހިސާބުން ފެށިގެން ފިލްމީ ދާއިރާ އަދިވެސް ނަށަމުން މި ދަނީ އޭނާގެ ބެރަށް ކަމެވެ. ނަހުލާ އަކީ އެއްވެސް އިރެއްގައި "މޮޅު" ނުވަތަ "ތަފާތު" ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރެއް ނޫނެވެ.
އޭނާގެ އިންގިލާބަކީ "ނަހޫ-ސްޓައިލް" އެވެ.