ހަބަރު

ނޫމަޑިއަށް ބަދަލު ނުދިން ނަަމަ ދައުލަތައް ގެއްލުން ބޮޑުވީސް: އަމީރު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާ ސަރުކާރުން ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއް ނުދިން ނަމަ ދައުލަތައް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅި ސުވާލަށް ޖަވާބު ދެއްވުމަށް ރައްޔިތުން މަޖިލީހަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ސުވާލު ކުރެއްވީ ނޫމަޑި މައްސަލަ ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން ގޮތަކަށް ނުނިމެނީސް، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރު، ބަދަލުގެ ގޮތުގައި ދިނީ ކޮން ގާނޫނީ ހައިސިއްޔަތާ މެދު އެވެ.

އަދި އާބިޓްރޭޝަނުން ނިންމާނީ ބަދަލުދޭން ޖެހޭ ގޮތަކަށް ކަން މިނިސްޓަރަށް އެނގިވަޑައިގެންނެވީ ކިހިނެތްތޯ އާއި ނޫމަޑިއަށް ކިހާ ފައިސާއެއް ދެވިއްޖެތޯ ވެސް ސުވާލު ކުރެއްވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ނޫމަޑިން ދިވެހި ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ރައީސް އޮފީހުގެ ސެޓަލްމަންޓް ކޮމިޓީން ދިރާސާ ކުރުމަށް ފަހު ކުރީ ސަރުކާރުން އެ މައްސަލާގައި ކުރި ދިފާއު ބަލިކަށިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ގިނަ އިހުމާލުތަކެއް ވެސް ފާހަގަ ކުރެއްވިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

ބަދަލާ ގުޅޭ ގޮތުން ހެދިފައިވާ އެސެސްމަންޓުތަކަށް ބަލައި ސެޓަލްމަންޓް ކޮމިޓީއަށް ބުރަވެވުނީ މައްސަލަ ކުރިޔަށް ގޮސްފައިވާ ގޮތުން ދައުލަތައް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެފަދަ ހާލަތެއްގައި ނޫމަޑިން އާބިޓްރޭޝަންގައި ކްލެއިމްކޮށްފައިވާ ޖުމުލަ އަދަދު 154 މިލިއަން ޑޮލަރާއި އާބިޓްރޭޝަންގެ އިތުރު ހަރަަދު ވެސް ދިވެހި ދައުލަތުން ދައްކަން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ދައުލަތައް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާ ކުރެވޭތީ އެއަށް ވުރެ ކުޑަ އަދަދެއް ބަދަލަކަށް ދޭން އެއްބަސްވެފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"އާބިޓްރޭޝާނުން ނިންމާނީ ކަނޑައެޅިގެން ކޮން ގޮތަކަށް ކަމެއްބުނާކަށް އެއްވެސް ފަރާތަކަށް ނޭނގޭނެ. ނަމަވެސް މިހާތަނަށް އާބިޓްރޭޝަނުން ކުރިޔަށް ގޮސްފައިވާ ގޮތާއި އެކްސްޕާޓުންގެ ރިޕޯޓުތަކާއި ގާނޫނީ ވަކީލުންގެ ލަފަޔާއެކު މައްސަލަތައް ދިވެހި ދައުލަތާ ދެކޮޅަށް ނިންމުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށްތޯ ބެލޭނެ. އަދި ގިނަ ދިރާސާތަކާއި މަޝްވަރާއަށް ފަހު ސެޓަލްމަންޓް ކޮމިޓީގެ މެންބަރުންނަށް ބުރަވެވުނީ އާބިޓްރޭޝަން ކުރިޔަށް ގޮސް ނިމިއްޖެ ނަމަ ނޫމަޑިއަށް ބޮޑު ބަދަލެއް ދޭން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަން،" އަމީރު ވިދާޅުވި އެވެ.

ޕްރައިވެޓް ވިލާ މޮޑަލްގެ ދަށުން 700 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއެކު ކުރީގެ މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވާރަމަންޓާއެކު 20 ޖެނުއަރީ 2011 ގައި ސޮއި ކުރެވިފައިވާ ފޭސް 1 އެއްބަސްވުމާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކެޑަމީ ފޭސް 1 އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއި އޭރުގެ ހައުސިންއާ ދެމެދު 30 މެއި 2013 ގައި ސޮއި ކުރެވިފައިވާ އެއްބަސްވުމާ ގުޅިގެން ނޫމަޑިން އާބިޓްރޭޝަނަށް 11 ޑިސެމްބަރުގައި ހުށަހެޅުނީ ދެ މައްސަލަ އެކެވެ.

އެ މައްސަލާގައި ނޫމަޑިއަށް ދައްކަން ޖެހޭ 55 މިލިއަން ޑޮލަރުގެ ފުރަތަމަ ޕޭމަންޓް ކަމަށްވާ 27.5 މިލިއަން ޑޮލަރު ސަރުކާރުން ވަނީ 5 ސެޕްޓެމްބަރު 2019 ގައި ދައްކައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޕޭމަންޓް ދައްކަން ޖެހޭ 8 ސެޕްޓެމްބަރު 2019 އެވެ އަދި ބާކީ 27.5 މިލިއަން ޑޮލަރު 29 ފެބަރުއަރީ 2020 ގެ ކުރިން ދައްކަން ޖެހޭއިރު އެ އަދަދު މިހާރު ސަރުކާރު ފަރާތުން ވަނީ ދައްކާފަ އެވެ.