ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އާ ކޮރޯނާ ވައިރަހަށް "ކޮވިޑް-19"އިގެ ނަން ދީފި

Feb 12, 2020

ބެއިޖިންގް (ފެބްރުއަރީ 12) - ޗައިނާ އިން ފެތުރެން ފެށި އާ ކޮރޯނާ ވައިރަހަށް "ކޮވިޑް-19" ގެ ނަމުން ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ނަން ދީފި އެވެ.

މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ޗައިނާ އިން ފެތުރެންފެށި ވައިރަހަށް ރަސްމީ ނަމެއް ދީފައިމިވަނީ، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އެރިފަހުންނެވެ.

އާ ވައިރަހަށް ރަސްމީ ނަމެއް ދިނުމުގައި ބަލާފައިވަނީ، ވަކި ގައުމަކަށް އަދި ވަކި ނަސްލަކަށް ނޫނީ ޖަނަވާރަކަށް ނިސްބަތްނުވާގޮތަށްކަމަށް ޑަބްލިޔުއެޗްއޯ އިން އިތުރަށް ބުންޏެވެ.

އެ ވައިރަސް ޖެހުނު މީހުންގެ ރަސްމީ އަދަދު މިހާރު 42،200 އަށް އަރާފައިވާއިރު، އެއީ 2002 ވަނަ އަހަރު ހަމަ ޗައިނާއިން ފެތުރުނު ސާސް ރޯގާއަށްވުރެ އިތުރު އަދަދެކެވެ.

އެ ވައިރަހާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވިކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ޗައިނާ ސަރުކާރުން ވަނީ ސަރުކާރުގެ އިސް ސިއްހީ އޮފިޝަލުންތަކެއް މަގާމުން ދުރުކޮށްފަ އެވެ.

އެ ވައިރަސް ޖެހިގެން ހަމައެކަނި ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރު 1،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ވައިރަސް ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސްގެ ހެލްތު ކޮމިޝަނުގެ ޕާޓީ ސެކްރެޓަރީގެ އިތުރުން އެ ކޮމިޝަނުގެ އިސް ވެރިޔާވެސް ވަނީ މަގާމުމް ދުރުކޮށްފަ އެވެ.

ވައިރަހާ ގުޅިގެން ލިބުނު އެހީތަކަށް އިހުމާލުވިކަމަށްބުނެ، އެ ސަރަހައްދުގެ ރެޑް ކްރޮސްގެ އިސް އޮފިޝަލުވެސް ވަނީ ވަކިކޮށްފަ އެވެ.

ނަމަވެސް، އެ ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންމެވެސް މިންވަރަކަށް މަޑުޖެހިފައިވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

އެ ވައިރަސް ޗައިނާއިން ބޭރުވެ، ތަފާތު 27 ގައުމަކަށް މިހާރު ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން ޗައިނާއިން ބޭރުން މަރުވެފައިވަނީ ދެ މީހުނެވެ.