ހަބަރު

ވާރިސުން މާފުދީފިނަމަ އަދުހަމަށް 17 އަހަރުގެ ޖަލު ހުކުމެއް

Feb 12, 2020
4

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން، ވާރިސުން މާފްކޮށްދީފި ނަމަ އޭނާއަށް އަދަބު 17 އަހަރާއި ހަ މަސް ދުވަހުގެ ބަންދަކަށް ލުއިކޮށްދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މަރުގެ މައްސަލާގައި އަދުހަމް، ކުށަށް އިއުތިރާފު ވެފައިވާކަން މީގެ ކުރިން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަދި އެ މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ޕީޖީގެ ފަރާތުން ވަނީ އަދުހަމްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާ ކަން ވެސް ހާމަކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ތަފްސީލް ދެއްވުމަށް ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން އަދުހަމްއާއެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތައް މިއަދުގެ ޝަރީއަތުގައި ގާސިމް މަރުގެ ހާދިސާ ހިނގައިދިޔަ ގޮތް އޭނާ ކިޔާ ދޭނެ ކަމަށެވެ.

އެ މައްސަލާގައި އެންމެ ބޮޑު އަދަބަކަށް އޮންނާނީ މަރުގެ އަދަބު ނުވަތަ 25 އަހަރަށް ޖަލަށްލުން ކަމަށާއި ނަމަވެސް އިއުތިރާފުގެ އެއްބަސްވުމާއެކު އެ އަދަބު 17 އަހަރާއި ހަ މަސް ދުވަހަށް ލުއިކޮށްދޭން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެން ނަމަވެސް އަދަބު ލުއިކޮށްދޭނީ މަރަށް މަރު ހިފަން ވާރިސުން ބޭނުން ނުވާ ހާލަތެއްގައި އެކަނި ކަަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް އެއްބަސްވުމުގައި އޮންނާނެ މި މައްސަލާގައި އަނިޔާ ލިބުނު މީހާގެ ވާރިސުން މަރަށް މަރު ހިފަން އެދޭ ހާލަތެއްގައެއް އެއްބަސްވުމުގައި ބުނާ އަދަދެއް ނޫނޭ ދޭނީ ހަމަ މަރުގެ އަދަބޭ ދޭނީ އެހެންވެ އެއްވެސް މަރުހަލާގައި މައްސަލާގައި އަނިޔާ ލިބުނު މީހާގެ ވާރިސުން މަރުގެ އަދަބު ދޭން ބޭނުން ކަމަށް ވަންޏާ މަރުގެ އަދަބު އެގޮތައް ކުރިޔަށް ދާނީ އެ ނޫނީ ލުއި ޖަލުގެ އަދަބަށް ދާނީ،" ޝަމީމް ވިދާޅުވި އެވެ.

އެފަދަ އެއްބަސްވުންތައް ހެދުމުގެ ފައިދާއަކީ ގިނަ ވަގުތާއި ހަރަދު ސަލާމަތް ކުރެވޭ ޕީޖީ ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރު ޖުމުލަ 20،000 އަށް ވުރެ ގިނަ މައްސަލަ ކޯޓުތަކުގައި ތާވަލު ކުރިއިރު އޭގެ ތެރޭގައި 13000 އެއްހާ މައްސަލަ ބޭއްވުނު ކަމަށާއި ކޮންމެ މައްސަލައަކަށް ގިނަ ހަރަދު ހިނގާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ހަރަދު ކުޑަ ކުރެވޭ އެއްބަސްވުމަކާއެކީ ދިޔުމުން ޝަރީއަތް ދިގުކޮށް ނުހިނގާނެ ކަމަށާއި ހިނގާނީ އިއުތިރާފް ކަށަވަރު ކުރަން ބޭނުންވާ އަޑުއެހުން އެކަނި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ގާސިމްގެ މަރުުގެ މައްސަލަ އާއި ގުޅިގެން އަދުހަމް ހައްޔަރު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ގާސިމް މަރުވެފައިވަނީ ފޭރުމުގެ ނިޔަތުގައި އޭނާއަށް ދިން ހަމަލާތަކެއްގެ ސަބަބުން ކަމަށް އަދުހަމް ބުނެފައިވެ އެވެ. ގާސިމްގެ ކަރަށް ސީރިއަސް ޒަހަމްތަކެއް ލިބުނުއިރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ. މިއީ މިފަހުން ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ.