މިދިޔަ އަހަރު 100 ވަނަ އުފަން ދުވަސް ފާހަގަކުރި ފާތުމަތު ޔޫސުފް މަރުވެއްޖެ އެވެ. އޭނާ މަރުވީ މުސްކުޅި ބަލީގައި އުޅުމަށްފަހު އައިޖީއެމްއެޗްގައި މިއަދު އެވެ.
އެތައް ގިނަ ކުދިންނެއް މާމަ ކިޔާ، ފާތުމަތު ޔޫސުފްގެ 100 ވަނަ އުފަން ދުވަސް ވަރަށް ކުލަ ގަދަކޮށް މާލޭގައި ފާހަގަކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެކަމުގައި އޭނާގެ ގިނަ ދަރިންތަކެއް ބައިވެރިވި އެވެ.
އެންމެން ވެސް "މާމަ" ކިޔާ ފާތުމަތު ޔޫސުފްގެ އުފަން ތިބީ ހަތަރު ފިރިހެން ކުދީންނާއި ދެ އަންހެން ކުދިންނެވެ. މާމަ ކިޔާ 12 އަންހެން ކުދިންނާއި 14 ފިރިހެން ކުދިން ތިބި އިރު މުނިމާމަ ދަރިންނާއެކު 70 ކުދިން އެބަތިއްބެވެ.
"ހުރިހާ ޝުުކުރަކާއި ހަމްދު ކުރުމެއް އޮތީ މާތްﷲ އަށް. މާތް ﷲ އަހަަންނަށް ދިގު ހަޔާތެއް ދެއްވައިފި، ގިނަ ދަރީން ދެއްވައިފި، ދަރިންނާއެކު އުފާވެރިކަން ވެސް ދެއްވައިފި، މާތްﷲ އަށް ހަމްދާއި ޝުކުރު ކުރުން ފިޔަވައި އެހެން ކަމެއް ނެތް، ނިއުމަތަކީ އެއީ،" މިއީ މާމަ، 100 ވަނަ އުފަން ދުވަހު ބުނި ބުނުމެކެވެ.
ލ. އިސްދޫއަށް އުފަން މާމަގެ ހަޔާތުގެ ފޮތް ހުޅުވާލައި ފުރަތަމަ ގަނޑު އެއްލާއިރު ދިމާވަނީ ބޮޑު ބިޔަ ބޯޓަކާ އެވެ. އެއީ ރާއްޖޭގެ ޖޯގްރަފީގައި ވަރަށް މަޝްހޫރު އިސްދޫ މުއްޔަށް އުރުނު އެތަކެއް ސަތޭކަ އާގު ބޯޓުގެ ތެރެއިން "ފޭރޭ މީހުން" ތިބި ކަމަށް ބުނާ ޖަރުމަނު ވިލާތުގެ ބޯޓެވެ.
ޖަރުމަނުގެ އެ ބޯޓް އިސްދޫ މުއްޔަށް އުރުނު ކަމަށް ބުނާ ތާރީހާ ލައްވާލަނީ 1926 ވަނަ އަހަރަށެވެ. ދިރިހުރި ސާފު ހަނދާންތަކަށް ބަލައިގެން ހިސާބު ޖެހުމުން އޭރު މި މާމަގެ އުމުރަކަށް ވާނީ ހަތް އަހަރެވެ. އުފަން އަހަރަކަށް ވާނީ 1919 އެވެ. އެ އަަދަދުން ބެލުމުން އޭގެތެރެއަށް ސަމްޝުއްދީނުގެ ރަދުންގެ ރަސްކަމުގެ ދެވަނަ ބައިގެ ވާހަކަތަކާއި ހާދިސާތައް ވެއްދުމުން މާމަގެ ތާރީހުގެ ފަހު އަދަދު ރީއްޗަށް ދިމާކޮށްލެވެ އެވެ. އެކަމަކު އާއިލާއިން ބުނާ ގޮތުގައި ޑީއެންއާރްގެ ހިސާބުތައް ބުނާ ގޮތުން މާމަގެ އުމުރަކީ 96 އަހަރެވެ.
ފާތުމަތު ޔޫސުފަށް ސުވަރުގޭގެ މައިތިވެރި ނިއުމަތް ލިބުމަށް އެދި ދުއާ ކުރަމެވެ!