ރާއްޖޭގައި ތިމަވެށީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ.
ކުއްލި ހާލަތު އިއުލާން ކުރުމަށް ގޮވާލައި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ގަރާރުގައި ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ދުވަހުން ދުވަަހަށް ގޯސްވަމުންދާ ކަމަށް ސައިންސްވެރިން ތަކުރާރުކޮށް އިންޒާރު ދެމުންދާ ކަމަށާއި އޭގެ ސަބަބުން ދުނިޔެއަށް އިގްތިސޯދީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން ވެސް އޮތް މައްސަލައެއް ކަމަށާއި އެކަން ހާމަކޮށް ދިނުމަށް ހުރިހާ ފެންވަރެއްގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށް އެ ގަރާރުގައިވެ އެވެ.
ގަރާރުގައި ހިމެނޭ ކަންކަން
- އިއާދަކުރަނިވި ހަކަތަ އުފައްދަން ބޮޑެތި ގައުމުތަކުން ހޭދަ ކުރަން ރާއްޖެ ވަކާލާތު ކުރުން
- ޖައްވަށް ދާ ކާބަން މަދު ކުރުމަށް ގޮވާލާ ވަކާލާތު ކުރުން
- 2050 ގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރި ކުރަން ވަކާލާތު ކުރުން
- ޕެރިސް އެގްރީމަންޓާ ހިލާާފަށް އަމަލުކުރާ ގައުމުތަކަށް ފިޔަވަޅު އަޅަން ވަކާލާތު ކުރުން
މި ގަރާރު ތިމާވެއްޓާ ބެހޭ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީއިން ނިންމީ ގަރާރުގައި ކުއްލި ހާލަތު އިއުލާން ކުރުން ހިމެނުމަށެވެ. ކޮމިޓީއިން ނިންމި ގޮތަށް މިއަދު މަޖިލީހުން ފާސްކުރީ 68 މެންބަރުންގެ ވޯޓާއެކު އެވެ.
މަޖިލީހުން ފާސްކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކަމާ ގުޅޭ އިދާރާތަކުގެ ސަމާލު ކަމަށް މިކަން ގެނެސް، ކުއްލި ހާލަތު އިއުލާން ކުރުމަށް ގޮވާލާށެވެ.
މޫސުމަށް އަންނަ ބަދަލާ ގުޅިގެން ގިނަ ރަށްތަކެއް ގިރުމުގެ މައްސަލަ މިހާރު ވަނީ ބޮޑުވެފަ އެވެ. ގިނަ ރަށްރަށުގައި އެކަމަށް ރައްޔިތުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.