ހަބަރު

މަރީ ދެން ސަރުކާރުގެ ހަފުލާތައް ހުށައަޅައެއް ނުދެއްވާނެ

ސަރުކާރުގެ ހަފުލާއެއް ހުށަހެޅުމަށް ފަހު، އެ ކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ގޮތް ފެނިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ސަރުކާރުން ބާއްވާ ހަފުލާތައް ހުށަނާޅަން ނިންމާފައިވާ ކަމަށް ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލު ކުރި ކަންކަން ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބޭއްވި ހަފުލާއެއްގައި މަރީ ވަނީ ހުށަހަޅުއްވައި ދެއްވާފަ އެވެ. އަދި އެ ހަފުލާގައި ޓޫރިޒަމް މިނިސްޓަރަށާއި ސަރުކާރަށް ތައުރީފުކޮށް ބައެއް ބަސްބަސް އޭނާ އެ ހަފުލާގައި ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަރީ ވަނީ ހާޒިރު ކޮށްފަ އެވެ. އެ ކޮމިޓީގައި މަރީ ވިދާޅުވީ މީގެ ކުރިން ވެސް ދައުލަތުން ބާއްވާ ޖަލްސާތަކާއި ހަފުލާތައް ހުށަހެޅުމަށް ދައުވަތު ލިބިވަޑައިގަތުމުން އެ ދައުވަތަކަށް އިންކާރު ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ ދެކެވަޑައިގަންނަވަނީ އޭނާ ހުށަހަޅުއްވައި ދެއްވި ހަފުލާއަކީ ދައުލަތުގެ ހަފުލާއެއް ކަމަށެވެ.

ބްރޯޑްކޮމްގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަންގެ މެންބަރުންނަށް ބައިވެރި ނުވެވެނީ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކުގަ އެވެ. ސަރުކާރާއި ސަރުކާރުގެ ވުޒާރާތަކުން ބާއްވާ އެއްވެސް ހަފުލާއެއް އިންތިޒާމު ކުރުމާއި ހުށަހަޅުއްވާ ދެއްވުމާ ގުޅޭ ގޮތުން ގާނޫނުގައި ވަކި އެއްޗެއް ބަޔާން ކޮށްފައެއް ނެތެވެ.

މަރީ މިއަދު ވިދާޅުވީ، ސަރުކާރުން ބޭއްވި އެ ހަފުލާގައި ބައިވެރިވެވަޑައިގަތީ އެ ކަން ކުރުމަކީ ގާނޫނުގައި މަނާ ކޮށްފައި ކަމަކަށް ނުވާތީ ކަމަށެވެ. އެއީ ސިޔާސީ ހަރަކާތެއް ކަމުގައި އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެ ޖަލްސާގައި އޭނާ އެއްވެސް މިންވަރަކަށް ސަރުކާރަށް އަދި ވަކި ފަރާތަކަށް ސަނާ ކިޔައި ތައުރީފު ކުރައްވާފައި ވެސް ނުވާނެ ކަމަށެވެ.

"އެމްސީއަށް މި އޮންނަނީ ހަމައެކަނި މީހުނަށް ގޮވައި ޝުކުރު އަދާ ކުރަން. ތި ޖަލްސާގައި ވެސް އަޅުގަނޑު ނޯންނާނެ ވަކި އަތަކަށް ބުރަވެ ވާހަކަ ދައްކާފައެއް. އަދި ސިޔާސީ ބަސްތަކެއް ވެސް ބޭނުންކޮށްފައެއް. ހަމައެކަނި ޝުކުރިއްޔާ. މާ ގިނަ ވާހަކަތަކެއް އެ ޕްރެޒެންޓޭޝަންގައި ނުވެސް ދައްކާނެ،" މަރީ ވިދާޅުވި އެވެ.

އެހެން ނަމަވެސް އަމިއްލަ މީހުން ބާއްވާ ބައެއް އިޖުތިމާއީ ޖަލްސާތަކާއި ހަފުލާތަކުގައި ކުރިއަށް އޮތް ތަނުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ބައެއް ޖަލްސާތަކުގައި އޭނާ ބައިވެރިވާން އަދި ގާނޫނު ތަންދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޓީން ނިންމީ ބްރޯޑްކާސްޓް ކުރާ ޖަލްސާއެއް ހުށަނޭޅޭ ގޮތަށް ހަދަން

ސިޔާސީ ޕާޓީތަކުންނާއި ސަރުކާރުން ބާއްވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް މަރީ ވިދާޅުވި ނަމަވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވުމުން ކޮމިޓީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ކޮމިޓީގައި އިންނަވާ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ، ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތެއް ރެގިއުލޭޓް ކުރަން އޮންނަ މުއައްސަސާ އަކީ ބްރޯޑްކޮމް ކަމަށެވެ. އެހެންކަމުން ގާނޫނުގައި މަނާކޮށްފައި ނެތް ނަމަވެސް، ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބްރޯޑްކޮމްގެ މެންބަރަކު އެހެން ހައިސިއްޔަތަކުން އެފަދަ ގޮތަކަށް ބައިވެރިވެވަޑައިގަތުމާ ގުޅޭ ގޮތުން އަމިއްލައަށް ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގަ މައްސަލައަކަށް ދިމާ މި ވަނީ، ބްރޯޑްކާސްޓް ކުރާ ކޮންޓެންޓެއްގެ މައްސަލަ ދިމާވާ ފަހަރެއްގައި މި ކަންކަން ބެލުމުގެ ޒިންމާ ހަވާލު ވެފައި މި އޮންނަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް، އެހެން އޮއްވަ ބްރޯޑްކާސްޓް ކުރާ ޖަލްސާއެއްގައި ބްރޯޑްކޮމްގެ މެންބަރަކު ހުންނަނަމަ މަސްލަހަތު ފުށުއަރާ ކަމެއް ވެސް މީގަ ހިނގާ ދާނެ،"

މެންބަރު އުޝާމް އެ މައްސަލަ ފަހާގަ ކުރެއްވި ފަހުން، ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ އެ މައްސަލަ ފާހަގަ ކުރައްވާފަ އެވެ. އަދި ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ހުށަނޭޅުއްވުމަށް ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން އެދިވަޑައިގެންނެވި އެވެ. އެ ގޮތަށް ގާނޫނު ބަދަލު ކުރަން ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

މެންބަރުންގެ ކަންބޮޑުވުންތަކާއި އިލްތިމާސްތައް އޭނާ ގަބޫލު ކުރައްވާ ކަމަށް މަރީ ވިދާޅުވީ އެވެ. އަދި އޭނާގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގަންނަވާ ތަނެއް އަދި ސަރުކާރުގެ އެފަދަ ހަފުލާއެއް ހުށަހަޅުއްވާ ދެނިކޮށް ވެސް ނުފެންނާނެ ކަމުގެ ޔަގީން ކަން ދެއްވި އެވެ. ނަމަވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ޖަލްސާތައް ހުށަހެޅުއްވުމާ ގުޅޭ ގޮތުން މަރީ ދެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

"ހުރިހާ މެންބަރުން ވެސް ތި ފާހަގަ ކުރެއްވީ ގާތްގަނޑަކަށް އެއް މައްސަލަތަކެއް، އެއަށް އަޅުގަނޑު ވަރަށް ބޮޑަށް އިހުތިރާމު ވެސް ކުރަން، އަދި ތި އިލްތިމާސްތައް ވެސް ބަލައިގަންނަން، ކުރިއަށް އޮތް ތަނުގައި ހަމަ ގައިމު ވެސް އަޅުގަނޑުގެ އެއްވެސް ސިޔާސީ އިންވޯލްމެންޓެއް ނުފެންނާނެ،" މަރީ ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރާއި މަޖިލިސް ބަދަލުވިއިރު ރައްޔިތުން ވެފައިވާ އެންމެ ބޮޑު ވައުދަކީ މިނިވަން މުއައްސަސާތައް ނުފޫޒެއް ނެތި މިނިވަން ކަމާ އެކު މަސައްކަތް ކުރުމުގެ ޖާގަ ހޯދައިދިނުން ކަމަށެވެ.

އެހެންވީއިރު، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މަރީގެ ނަން ފާސްވެގެން އައިސް، ސަރުކާރުން ބޭއްވި ހަފުލާއެއް ހުށަހަޅުއްވައި ދެއްވުމުން ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެގެން ދިޔަ ކަމަށެވެ. މީގެ ކުރިން ބްރޯޑްކޮމްގެ މެންބަރަކަށް މިފަދަ މައްސަލައެއްގައި ފިޔަވަޅު އެޅިޔަސް ދެން ފިޔަވަޅު ނާޅާނެ ކަމަށް ބުނެ ފާޑުކިޔުންތައް އައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވެނި ބޭފުޅަކު މިވެނި އިވެންޓެއްގައި ގޮނޑި ޖެހީމަ މައްސަލައަކަށް ވެއްޖޭ، އެކަމަކު މިވެނި ބޭފުޅަކު ސަރުކާރުގެ އިވެންޓެއްގައި އެމްސީ ކަން ކުރެއްވީމަ، މިހާރު ދެން ނުވެސް ބަލާނެއޭ، އަޅައެއް ވެސް ނުލާނެއޭ މި ކޮމިޓީއަކުން، މިއީ އަޅުގަނޑުމެންނާ ދިމާއަށް އައި ބަސްތަކަކީ،" ރޮޒައިނާ ވިދާޅުވި އެވެ.

ކޮންމެ ކަމަކީ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަކަމަށް ނުވިޔަސް ރައްޔިތުން އެ ކަމެއް ބަލައިނުގަންނަ ކަންކަމުން އެއް ފަރާތް ވުމަށް ރޮޒައިނާ ވެސް އެދިވަޑައިގެންނެވި އެވެ. އަދި ސަރުކާރާއި މަޖިލީހާއި މިނިވަން މުއައްސަސާތަކަށް ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުގައި މަރީގެ ވެސް އެއްބާރުލުން ދެއްވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"މިވެނި ބޭފުޅަކު މިވެނި އިވެންޓެއްގައި ގޮނޑިތައް ޖެހީމަ މައްސަލައަކަށް ވެއްޖެއޭ. އެކަމަކު މިވެނި ބޭފުޅަކު ސަރުކާރުގެ އިވެންޓެއް ޕްރެޒެންޓް ކުރެއްވީމަ، މިހާރު ދެން ނުވެސް ބަލާނެއޭ، އަޅައެއް ވެސް ނުލާނެ މި ކޮމިޓީއަކުން، މިއީ އަޅުގަނޑުމެންނާ ދިމާއަށް އައި ބަސްތައް،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އިޝާރާތް ކުރެއްވީ، މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުން ބޭއްވި އިސްރަށްވެހިންގެ ޖަލްސާއެއް އިންތިޒާމު ކުރުމުގައި ބްރޯޑްކޮމްގެ އޭރުގެ މެންބަރު ފާތިމަތު ޒައިނާ ބައިވެރިވެވަޑައިގެންނެވި މައްސަލައެއްގައި ކޮމިޓީން އޭނާ ވަކި ކުރަން ނިންމި ނިންމުމަށެވެ.

މި މައްސަލައާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވި އެވެ. މަޝްވަރާތަކަށް ފަހުގައި، ކޮމިޓީގެ މެންބަރުން ނިންމެވީ ބްރޯޑްކޮމްގެ އެއްވެސް މެންބަރަކު ކޮމިޝަންގެ މަގާމުގެ ހައިސިއްޔަތުން ފިޔަވައި އެ ނޫން އެއްވެސް ގޮތަކަށް ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބައިވެރިނުވެވޭ ގޮތަށް ބްރޯޑްކޮމްގެ ގަވާއިދުގައި ލިޔަން އެ ކޮމިޝަނަށް މަޖިލީހުގެ ކޮމިޓީން ސިޓީއެއް ފޮނުވުމަށެވެ.

މީގެ އިތުރުން ބްރޯޑްކޮމްގެ ގާނޫނުގައި އެ ކޮމިޝަންގެ މެންބަރުން ބްރޯޑްކާސްޓް ކުރާ ޖަލްސާތަކާއި ހަފުލާތަކާއި ބައިވެރިވެވަޑައިތުމާ ގުޅޭ ގޮތުން ބްރޯޑްކޮމްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމަށް ވެސް ކޮމިޓީން ނިންމި އެވެ.