އަންހެނުން

އަމިއްލަޔަށް ދަރިން ބަލާ މައިން އުޅެނީ ފަގީރު ހާލުގައި؟

Sep 3, 2015
1

މައިވަންތަ ކަމުގެ ލޯބި ދެވޭނީ ހަމަ އެކަނި މަޔަކަށެވެ. ދެބަސްވެވޭނެ ހަގީގަތެއް ނޫނެވެ. އެކަނިމާއެކަނި ދަރިން ބަލާ މައިންނަކީ މިހާރު މުޖުތަމައުގައި ގިނަ ބައެކެވެ. އެކަމަކު އެކަނި މަޔަކަށް ދަރިއެއް ބެލުމުގެ ޒިންމާ އަކީ ކިހާ ބޮޑު ކަމެއްކަން ވަޒަން ކުރެވޭ ހެއްޔެވެ؟

ސައިންސް ގެ ހޯދުންތަކުން ދައްކާ ގޮތުން ފިރިއެއްގެ އެހީތެރިކަމާއި ނުލައި ދަރިން ބަލާ މައިންނަށް އިތުރުވާ ކޮންމެ ދަރިއަކާއި އެކު ފަގީރުކަމުގެ ތެރެއަށް އާއިލާ ވެއްޓުމުގެ ޗާންސު އެފަދަ ބަފައިންނަށް ވުރެ ބޮޑެވެ. މިކަމާއި ގުޅޭ ފަހުގެ ދިރާސާތައް ބުނާ ގޮތުން އެކަނި ދަރިން ބަލާ ބަފައިން ހަރަދުކުރަންޖެހޭ ދަރިން އިތުރުވާ ވަރަކަށް އެމީހުންގެ އާމްދަނީ ވެސް އިތުރުވެއެވެ. މިއީ ކިހިނެއްވާ ކަމެއްތޯ ބަލައިލަމާ ހިނގާށެވެ.

އެމެރިކާގެ ޝިކާގޯގެ ޔުނިވަސިޓީއަކުން 2008 ވަނަ އަހަރު އެގައުމުގެ ހުރިހާ އެކަނިވެރި މައިންނާއި ބަފައިން ހިމަނައިގެން ކުރި ދިރާސާގެ ނަތީޖާ ބުނާގޮތުން، ދިރާސާގައި ހިމެނި މީހުންގެ ތެރެއިން 4.24 މިލިއަން މައިންނަކީ ފަގީރުކަމުގެ މިންގަނޑަށްވުރެ ދަށު ފެންވަރުގައި ދިރިއުޅޭ މީހުންނެވެ. އެ ދިރާސާގައި ހިމެނި އެކަނިވެރި ބަފައިންގެ ތެރެއިން ފަގީރުކަމުގައި ދިރިއުޅެނީ ހަތަރު ލައްކައެއްހާ މީހުންނެވެ.

ދަރިން އެކަނި ބަލާ މީހަކަށް އާއިލާގެ ހުރިހާ މަދަދުތައް ފުއްދަން ސައުވީސް ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ކަމަށް މި ދިރާސާއިން ދައްކައެވެ. ގިނަ ފަހަރަށް އެކަނި ދަރިން ގެންގުޅޭ އަންހެނުންނަކީ ކިޔަވައިގެން ތިބޭ މީހުންނެވެ. އެހެންނަމަވެސް ދަރިންނަށް ކޮށްދޭންޖެހޭ އެކި ކަންކަން ކުރުމަށްފަހު ވަޒީފާގެ އިތުރަށް އާމްދަނީ ހޯދަން އެހެން މަސައްކަތްތައް ކުރުމަކީ ގުދުރަތީ ގޮތުންވެސް އަންހެނުންނަށް ދިމާވާ ގޮންޖެހުމެއް ކަން މި ދިރާސާއިން އެނގިފައިވެއެވެ. 

"ވަރީގެ ސަބަބުން ފިރިހެން މީހާގެ ދިރިއުޅުމަށް ގިނަ ފަހަރު ބޮޑު ބަދަލެއް ނާންނާނެ. އެކަމަކު ވަރީގެ ފަހުން އަންހެންމީހާގެ ދިރިއުޅުން އަނެއްކާވެސް ބަދަލުވަނީ އޭނަ ކުރިން ވެސް އުޅެމުން އައި ހަޔާތަށް. މީގެ ސަބަބުން ގިނަ ފަހަރަށް އަންހެން މީހާ އަށް ޖެހެނީ ފުރަތަމަ ބިންގަލާއެކު މުޅިން އަލަށް ދިރިއުޅުމެއް ފަށަން،" ދިރާސާގައި ބައިވެރިއަކު ބުނެފައިވެއެވެ.

ދިރާސާއިން ދައްކާގޮތުން ކައިވެންޏެއް ރޫޅުމަށް ފަހު ދަރިން ގޮވައިގެން އެކަނި އުޅޭ ފިރިހެނުންނަކީ ލޯބީގެ ގޮތުން އެހެން އަންހެނަކު ނުގެންގުޅޭނަމަ ގޭގެ މަސައްކަތްތައް ކުރަން ކޮންމެވެސް އެހެން އަންހެނެއްގެ އެހީތެރިކަން ހޯދާ ބައެކެވެ. މިއާއި ހިލާފަށް ދަރިންނާއި އެކު އެކަނި އުޅޭ އަންހެނުން އާމްދަނީ ހޯދަން މަސައްކަތް ކުރަނީ ގޭގައި ކުރަންޖެހޭ މަސައްކަތްތަކާއި ދަރިންނަށް ދިމާވާ އެހެނިހެންވެސް މަދަދުތައް އަމިއްލައަށް ފުއްދަދީގެންނެވެ.

ކަން މިހެން އޮތް ނަމަވެސް ގިނަފަހަރަށް އެކަނި ދަރިން ބަލާ އަންހެނުން ބައެއް މުޖުތަމައުތަކުގަ ބަލައިގަންނަނީ ވަރަށް ނިކަމެތި ބައެއްގެ ބައެއްގެ ގޮތުގަ ކަމަށް މި ދިރާސާއިން ވަނީ އެނގިފައެވެ.

"ގިނަ ކުދިންނާއި އެކު ދިރިއުޅޭ އެކަނިވެރި މައިންނަށް އަންނަ ސުވާލެއް، ވަރިވާން ޖެހުނީ ކީއްވެގެން ތޯ. އެހާ ގިނަ ކުދިން ބަލަންޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ނޫންހޭ. އަމިއްލަ މަސައްކަތެއް ކޮށްލާކަށް ވަގުތު ނޯވޭ ނޫންހޭ، މިއީ އަސްލު ކުރިމަތި ކުރެވިގެންވާނެ ސުވާލުތަކެއް ނޫން " ދިރާސާގެ އެހެން ބައިވެރިއަކު ބުނެފައިވެއެވެ.

އެ ދިރާސާގައި ބުނެފައިވަނީ ފަގީރުންގެ ނިސްބަތް މަދުކުރަން ވަރިވުމަށްފަހުވެސް ދަރިންގެ ޒިންމާ ނަގަން ޕޮލިސީ ލެވެލްގައި ފިރިހެނުންނަށް ބާރުއަޅަން ޖެހޭކަމަށެވެ.

އާއިލާއެއް ރޫޅެން ދިމާވާ ސަބަބުތައް ބައިވަރެވެ. އެކަމަކު އެ ސަބަބުތަކުގައި ހިފައި ވަރިވުމަށްފަހު ދަރިންގެ ހަޔާތް ބަނަކޮށްލުމަކީ ނޭނގި ނަމަވެސް ކުރެވޭ ކަމެކެވެ. އެކުގައި އުޅޭ އިރު ދަރިންނަކީ ދެމަފިރިންގެ ޒިންމާއަކަށް ވާހެން ދެމީހުން ވަކިވުމަށްފަހު ވެސް ދަރިން ވާންޖެހޭނީ ދެމީހުންގެ ކުލުނާއި މަދަދު ލިބޭ ބަޔަކަށެވެ. މިއީ ރާއްޖޭގައިވެސް މިކަން އޮންނަ ގޮތް ތޯ އެވެ؟