ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ބަލި މީހުނާއި މަރުގެ އަދަދު ކުއްލިއަކަށް އިތުރު

Feb 13, 2020

ބެއިޖިންގް (ފެބްރުއަރީ 13) - ޗައިނާ އިން ފެނުނު އާ ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވަނިކޮށް، އިއްޔެ އެކަނި މަރުވި މީހުންގެ އަދަދު 240 އަށް ވުރެ މައްޗަށް އެރުމާއެކު ކަންބޮޑުވުން އިތުރުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން "ކޮވިޑް-19" ގެ ނަމުން ނަން ދީފައިވާ ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ހޫބޭ ސަރަހައްދުން އިއްޔެ އެކަނިވެސް 242 މީހުން މަރުވެފައިވާއިރު، އިތުރު 14،840 މީހުނަށް އެ ވައިރަސް ވަނީ ޖެހިފަ އެވެ.

އިއްޔެގެ އަދަދުތަކާއެކު، އެ ވައިރަސް ޖެހިގެން ހަމައެކަނި ޗައިނާ އިން މަރުވި މީހުން އަދަދު މިހާރު 1،350 އަށް އަރާފައިވާއިރު، 60،000 އަށް ވުރެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

އެ ވައިރަހާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވިކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ޗައިނާ ސަރުކާރުން ވަނީ ސަރުކާރުގެ އިސް ސިއްހީ އޮފިޝަލުންތަކެއް މަގާމުން ދުރުކޮށްފަ އެވެ.

ވައިރަސް ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވެފައިމިވަނީ، އެ ބަލިމަޑުކަމުން ކޮންޓްރޯލް ކުރެވިއްޖެކަމަށް ބުނަން އަދި މާ އަވަސް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނިކޮށެވެ.

ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ހަތަރު ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާއިރު، މި އާ ވައިރަހަށް ވެކްސިނެއް ހޯދޭނެކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.